ބެދިފައި އޮންނަ ކުޑަކުޑަ އެއްޗެއްގެ ތެރޭގައި ގިނަ ބަޔަކު ތިބެން ޖެހުމަކީ މިއަދު މުޅި ދުނިޔެ އެ ވައިރަހެއްގެ ޝިކާރައަކަށް ހަދާފައިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އިން ޖައްސާ ކޮވިޑް-19އަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް ހުޅުވާލަދޭ ކަމެއް ކަމުގައި ހީވެފައި އޮތް ނަމަވެސް، އެކަން އެގޮތަށް ހިނގުމަށް އޮތީ ހަނި ފުރުސަތެއް ކަމަށް ސައެންސްވެރިން ބުނެފިއެވެ.

ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ބޯޑަރުތައް ބަންދު ކުރުމުގެ އިތުރުން، ވައިގެ އުދުހުންތަކުގެ ޒަރިއްޔާއިން ޖެހިދާނެ ކަމުގެ ބިރައްޓަކައި ގިނަ ބަޔަކު ވައިގެ އުދުހުންތަކާ ދުރުހެލިވުމުގެ ނަތީޖާއެއްގެ ގޮތުން، މި ދުވަސްވަރަކީ ވައިގެ އުދުހުންތަކުގެ ފަހުގެ ތާރީހު ނުދެކޭ ދަރަޖައަށް އެ ސިނާއަތް އަޑިއަޅާލާފައިވާ ވަގުތެކެވެ.

ކަން މިހެން އޮތްއިރު، މަތިންދާބޯޓެއްގެ ތެރެއިން ކޮވިޑް-19 ޖައްސާ ވައިރަހަށް އިންފެކްޓް ވުމަށް އޮތީ ހަނި ފުރުސަތެއް ކަމަށް ސައެންވެސްވެރިން ބުނަނީ އަދު ތަޖުރިބާ ކުރަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޮޕަރޭޓް ކުރި ބައެއް ފްލައިޓްތަކުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ.

އެގޮތުން އެއް ކޭހަކަށް ބަލާއިރު، މާޗް 31 ވަނަ ދުވަހު އެމެރިކާއިން ޓައިވާންއަށް ދަތުރުކުރި ފްލައިޓެއްގައި ތިބި 328 ފަސެންޖަރުން ކޮވިޑް-19އަށް ޓެސްޓު ކުރިއިރު، ބަލީގެ އަލާމާތްތައް ފެނުނީ 12 މީހެއްގެ ހަށިގަނޑުންނެވެ. ދެން ތިބި ހުރިހާ ފަސެންޖަރުންވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ. ކުރޫވެސް ވަނީ ނެގެޓިވްވެފައެވެ.

ކޮވިޑް-19އާއެކު ގިނަ އެއާޕޯޓްތަކެއް ވަނީ މުޅިންހެން ފަޅުވެފަ/ފޮޓޯ: ސްޕެންސާ ޕްލެޓް

ބަލިޖެހިފައިވަ ފަސެންޖަރުންގެ ފަރާތުން ކުރޫއިންނަށް ވައިރަސް ފެތުރުމުގެ ބައެއް ކޭސްތައް ފެނުނު ކަމުގައި ވީ ނަމަވެސް މިއީ ނިސްބަތުން މަދު އަދަދެއްގެ ކޭސްތަކެކެވެ.

މަތިންދާ ބޯޓެއްގެ ތެރޭގައި ކުރާ ދަތުރު މަތީގައި ކޮވިޑް-19އަށް އިންފެކްޓް ވުމަށް އޮތީ ހަނި ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ބުނާ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބެއް ކަމަށް ބުނަނީ، ޒަމާނީ މަތިންދާބޯޓުތަކަކީ ކޮންމެ 2-3 މިނެޓަކުން މުޅި ބޯޓުގެ ވައި ބަދަލުކޮށްލުވާ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ބޯޓުތަކެއް ކަމަށްވުމެވެ. އަނެއް ސަބަބެއް ކަމަށް ބުނަނީ، ގިނަ ބޯޓުތަކަކީ ވައިގެ ތެރޭގައި އުޅޭ ކުނޑިތަކުގެ 99.99 ޕަސެންޓަށް ހުރަސް އަޅާ ވަރުގެ ފިލްޓަރުތައް، ގިނަ ބޯޓުތަކެއްގައި ހުރުމެވެ.

އަދިވެސް އިތުރު ސަބަބުތައް އެބަހުއްޓެވެ. އެގޮތުން، މޫނު ނިވާކުރުމަށް މާސްކު ބޭނުން ކުރުމަކީ ފަސެންޖަރުންނާ ކުރޫއިންވެސް ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، ވައިގެ އުދުހުންތަކަށް ފަށާއިރު، ބަލީގެ އަލާމާތްތައް ހުރީ ގިނަ އެއާލައިންތަކުން ބަލައެވެ. ބޯޓުގެ ކެބިންތައް ގިނަގިނައިން ސާފު ކުރުމުގެ އިތުރުން، ކެބިން ތެރޭގައި ހެލިފެލިވެ އުޅުވޭ މިންވަރުވެސް އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.

މަތިންދާ ބޯޓެއްގައި އިން ފަސެންޖަރެއް/ފޮޓޯ: ޖަސްޓިން ސަލިވަން

މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސްޓެޓިސްޓިކްސް ޕްރޮފެސަރެއް ކަމަށް އާނޯލްޑް ބާނެޓް ވިދާޅުވާ ގޮތުގައި މަތިންދާ ބޯޓެއްގައި ކުރާ ދަތުރު މަތީގައި ކޮވިޑް-19އަށް އިންފެކްޓްވުމުގެ ފުރުސަތު ހަނިވާ އަނެއް ސަބަބަކީ، ކޮންމެ 2 ފަސެންޖަރެއްގެ ދޭތެރެއިން މެދަށް ވާގޮތަށް ހުންނަ ސީޓު ހުސްކޮށް ބެހެއްޓުމަށް އަންގާފައި އޮންނަ އެނގުމެވެ.

ޕްރޮފެސާ ބާނެޓްގެ ހިސާބުތަކަށް ބަލާއިރު، އެއާބަސް އޭ320 އަކާ، ބޮއިންގް 737 މަރުކާގެ ބޯޓުތަކަށް ބަލާއިރު، ހުރިހާ އެންމެން މާސްކު އަޅައިގެން ތިބެއްޖަނަމަ ފުލްކޮށް އަންނަ ފްލައިޓަކުން ބަލި ޖެހުމަށް އޮތީ ކޮންމެ 4300 އިން 1 ފުރުސަތެވެ. މެދު ސީޓު ހުސްކޮށް ބަހައްޓައިފިނަމަ މި އަދަދު، ކޮންމެ 7700 އިން 1 ގެ ނިސްބަތަށް ދަށް ކުރެވޭ ކަމަށް ދައްކައެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން ބުނާ ގޮތުގައި މެދު ސީޓު ހުސްކޮށް ބަހައްޓައިގެން ދަތުރު ކުރުމަކީ އިގުތިސޯދީ ނަޒަރަކުން ބަލާއިރު ދެކޮޅު ޖެއްސޭނެ ވަރުގެ ކަމެއް ނޫނެވެ.