ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ސުލްހައިގެ އެއްބަސްވުމެއް، އިސްރާއީލުން ފަލަސްތީނާއެކުގައި އެކުލަވާލުމުން މެނުވީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވުމަށް ނިންމި ފަދައިން، އިސްރާއީލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމުގެ ނަމުގައި އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ހުސްވި ހަފުތާގައި އެކުވެރި އަރަބި އިމާރާތުން ވަނީ، އާންމު އުސޫލުން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ޔޫއޭއީއަކީ އަރަބި ގަލްފުގެ ގައުމުތަކުގެ ތެރެއިން އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބާއްވަން އެއްބަސްވި ފުރަތަމަ ގައުމެވެ.

މި ޑިމާންޑަކީ، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަންނަމުންދާ ދިއުމަށް ހުއްޓުމެއް ގެންނަން ބޭނުން ނަމަ ކޮންމެހެންވެސް ފުރިހަމަ ވާންޖެހޭނެ ޑިމާންޑެއް ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލާއި ޔޫއޭއީގެ އެއްބަސްވުމަށްފަހު ދުވަސްތަކެއް ފާއިތުވީއިރުވެސް ހިމޭނުން އޮތް ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، އަމީރު ފައިސަލް ބިން ފަރުހާން ވަނީ، ޔޫއޭއީއާއިއެކު އެކުލަވާލި ފަދަ އެއްބަސްވުމެއް، ފަލަސްތީނުގެ މައްސަލަ ހައްލު ނުވަނީސް، ސައުދީ އަރަބިއްޔާއާއެކު އެކުލަވާލުމަށް ފުރުސަތު ނެތްކަން ހާމަ ކުރައްވާފައެވެ.

ޚަބަރު ލިބޭ ގޮތުގައި ސައުދީއަށްވެސް ވަނީ، މިފަދަ އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާއިން ކުރަމަތިކުރާ ޕްރެޝަރާ ކުރިމަތިލާންޖެހިފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ޔޫއޭއީއާއި އިސްރާއީލާ ދެމެދު އެކުލަވާލާ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މިދަނޑިވަޅުގައި ސައުދީގެ ހާރިޖީ ވަޒީރު ވިދާލުވީ، ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށެވެ. ގުޅުންތައް އާންމު އުސޫލަކުން ބަދަހި ކުރުމުގެ ޝަރުތަކީ އެއީ ކަމަށް އަމީރު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އެކަން ހާސިލުވުމުން، އެހެން ހުރިހާ ކަމަކަށްވެސް ފުރުސަތު އޮންނާނެ ކަމަށް ބާލިންގައި މިވަގުތު ހުންނެވި އަމީރު ފައިސަލް ވަނީ ވިދާޅުވެފައެވެ.

އަމީރު ފައިސަލް ވިދާޅުވީ އިސްރާއީލާއެކު ސުލްހަވުމަށް ސައުދީއިން އަދިވެސް ބޭނުންވާ ކަމަށާ، އެކަމުގެ އަސާސަކީ 2002 ވަނަ އަހަރުގެ އަރަބް ޕީސް އިނިޝަޓިވް ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން އަމީރު ފައިސަލް ވިދާޅުވީ، ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުން ކުރިއަށް ގެންދާ އިމާރާތް ކުރުމުގެ މަޝްރޫއަކީ ޣައިރު ގާނޫނީ މަޝްރޫއެއް ކަމަށާ، އެއީ ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާ ފަލަސްތީނު އުފެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

ވަކި ގައުމެއްގެ ގޮތުގައި އިސްރާއީލު ބަލައިގެންފައި ނުވާ ސައުދީ އަރަބިއްޔާއިން 2002 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމަކީ، ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް އިސްރާއީލުން އެއްބަސްވުމަކަށް އައުމަށް ޝަރުތުކޮށް އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުން ބުނާ ގޮތުގައި 1967 ވަނަ އަހަރުގެ ހަނގުރާމާގައި އިސްރާއީލުން ހިސޯރުކުރި ފަލަސްތީނުގެ ބިންތައްވެސް ދޫކޮށްލަންޖެހެއެވެ.