ހެއަށް ގޮތްވެ، ވެންޓިލޭޓަރުގައި މިހާރު ފަރުވާ ދެމުންދާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ވިހައެއްގެ އަސަރު ކޮށްފައި ވާކަމަށް ބެލެވޭ ކަމަށް އޭނާގެ ތަރުޖަމާނު ކައިރާ ޔަރްމީޝް ތުހުމަތުކޮށްފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ކެމްޕޭން ކުރަމުންދާ ނަވާލްނީއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ، ޓޮމްސްކްއިން މޮސްކޯއަށް ދިޔަ ފްލައިޓްގައި އިންދާ ކަމަށާ، އެއާއެކު އެމާޖެންސީ ލެންޑިންގްއެއްގައި އޮމްސްކްއަށް ފަލައިޓް ޖައްސީ ކަމަށް ޚަބަރު ލިބެއެވެ.

ފްލައިޓް މަތީގައި ނަވާލްނީއަށް ކުރިމަތިވި ހާދިސާތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ. މީގެ އިތުރުން ޓޮމްސްކްގެ އެއާޕޯޓްގައި ނަވާލްނީ ސައިތައްޓެއް ބޯން އިން މަންޒަރު ފެންނަ ފޮޓޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

ތަރުޖަމާނު ތުހުމަތު ކުރާ ގޮތުގައި ނަވާލްނީއަށް ވިހައެއް ދީފައިވަނީ އޭނާގެ ސައިތައްޓަށް އަޅާ ފޮރުވައިގެންނެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދާ، އުމުރުން 44 އަހަރުގެ ނަވާލްނީގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސްޓޭބަލް ކަމަށާ، ނަމަވެސް އޭނާ އޮތީ ސީރިއަސް ހާލެއްގައި ކަމަށެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ފަރުވާ ދިނުމަށް އެމްބިއުލާންސަށް އަރުވަނީ/ފޮޓޯ: އީޕީއޭ

ނަވާލްނީ އޮތީ ކޯމާއެއްގައި ކަމަށާ، އޭނާގެ ހަށިގަނޑަށް ވިހައިގެ އަސަރު އެހާ އަވަހަށް ފެތުރިގެންދިޔައީ ހޫނު ބުއިމުގެ ތެރެއިން އެ ވިހަ ފޯރުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އެއީ ގަސްތުގައި ވިހައެއް ދީގެން ހިނގި ކަމެއް ކަމަށް އަދި ބުނަން ނޭނގޭ ކަމަށް ހޮސްޕިޓަލުގެ އިސް ޑޮކްޓަރަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ނަވާލްނީއަކީ ވެރިކަމުގެ އިތުރު 2 ދައުރު ޕޫޓިންއަށް ކަށަވަރު ވާ ގޮތަށް ރަޝިއާގެ ގާނޫނަށް ޖޫން މަހު ގެނައި އިސްލާހަކީ ބަގާވާތެއް ކަމަށް ސިފަކޮށް، އެ އިސްލާހަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރި އެކްޓިވިސްޓެކެވެ.

ނަވާލްނީއަކީ ރަޝިއާގެ ސަރުކާރުގައި ހިންގަމުންދާ ކަމަށް ބުނާ ކޮރަޕްޝަންގެ ވަރުގަދަ ޖަރީމާތަކެއް ފަންމަތިކުރަމުންދާ އެކްޓިވިސްޓެކެވެ. ތަފާތު އެކި ފަހަރު މަތިން އޭނާ ވަނީ ޖަލުގައިވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. ސިޔާސީ ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަ ކުރުމުގެ ފުރުސަތުވެސް ނަވާލްނީއަށް އޮތީ ގެއްލުވާލާފައެވެ.

2019 ވަނަ އަހަރުވެސް ނަވާލްނީއަށް ވިހައެއް ދިން ކަމުގެ ވާހަކަތަކެއް އޮތީ ފެންމަތިވެފައެވެ.