ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ސާފު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށް ގެންދެވި އެ ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްސީލުކޮށް ޕްރެޒެންޓޭޝަނަކާއިއެކު ހުށަހަޅުއްވާފައެވެ. އެ ކަންތައްތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ހައްލުކުރުމުގައި އެހީތެރިކަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ނައިބު ރައީސް އާ ވަނީ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް އެ ތަކެތި ބޭނުންކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހިމެނެއެވެ.

އެ ކަންކަމުގެ ސަބަބުން ހިދުމަތްތައް ދިނުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހޮސްޕިޓަލަށް ބޭނުންވާ ތަފާތު ބޭސްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ހެލްތް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވަނީ މި ވަގުތު މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދީގެން ހައްލުކުރެވެންހުރި މައްސަލަތައް ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އޭގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، އަވަހަށް ހައްލުކުރަން ޖެހޭ ކަންކަމާއިމެދު ކަމާއިގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ފާހަގަކުރާ އެއްގޮތް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްގިވެގެން ދިއުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން މަދުކުރެވިގެންދާނެ ކަމުގެ އުންމީދު އޮތްކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއިއެކު، އެ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ކަމާއިގުޅުންހުރި އިދާރާތަކުގެ އިސްބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.