މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެ ގައުމަކުން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން، ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ރައްޔިތުންގެ ހިތްވަރާ، މި ބަލިމަޑުކަމަށް ދިން އިޖާބައިގެ ރޫހަށް ހާއްސަކޮށްގެން ބޮޑު މައުރަޒެއް ހުޅުވައިފިއެވެ.
ވެރިރަށް ބެއިޖީންގްގެ ޓިނަންމަން ސްކޮއާ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ޗައިނާގެ ގައުމީ ދާރުލް އާސާރުގައި ހުޅުވި މި މައުރަޒުގައި ފަންނުވެރިންގެ 180 މަސައްކަތެއް ޑިސްޕްލޭ ކޮށްފައިވެއެވެ. ވޫހާން ސިޓީއިން ބަލިމަޑުކަން ފެށުނީއްސުރެ ޗައިނާއިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހާއްސަކޮށްގެން ހުޅުވި މި މައުރަޒުގައި ކުރެހުންތަކުގެ އިތުރުން އެކި ކަހަލަ ފަންނުވެރި ދައްކާލުންތައް ޑިސްޕްލޭކޮށްފައި އެބަ ހުއްޓެވެ.
ނަމަވެސް ޗައިނާއަކީ ޚުދުމުޚުތާރު ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ ގައުމެއް ކަމުން، ފަންނުވެރިންގެ ޝުއޫރުތައް ބަޔާންކޮށްދިނުމުގައި މުޅިންވެސް ބެނުން ކޮށްފައޮވަނީ ސަރުކާރުގެ ރައުޔުކަން ފާހަގަކުރަންޖެހެއެވެ. މުޅި މައުރަޒުންވެސް ސިފަވެގެންދަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޒިންމާރު ގައުމެއްގެ ގޮތުގައި ޗައިނާ އޮތް މަންޒަރެވެ.
"ޔުނިޓީ އިޒް ސްޓްރެންތް" ނުވަތަ އެއް ބައިވަންތަކަމަކީ ގަދަފަދަ ބާރެއް، މި ޝިއާރުގެ ދަށުން ޗައިނާގެ ގައުމީ ދާރުލް އާސާރުގައި ކުރިއަށްގެންދާ މި މައުރަޒުގައި މުޅިންވެސް ހުރީ ޗައިނާގެ ފަންނުވެރިންގެ މަސައްކަތްތައް ކަމަށް ޚަބަރު ލިބެއެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19އާ ދެކޮޅަށް ޗައިނާއަށްވެސް ފުރިހަމަ ކާމިޔާބިއެއް ހާސިލު ކުރެވިފައި ނުވާ ދަނޑިވަޅަކަށް ވާއިރު، މި މައުރަޒަށް މީހުންނަށް ވަދެވެނީވެސް ވަކި އުސޫލަކުންނެވެ. ދުވާލަކު އެންމެ ގިނަ ވެގެންވެސް މި މައުރަޒަށް ވަދެވެނީ 3000 މީހުންނަށެވެ. މި މީހުންނަށްވެސް މި ތަނަށް ވަދެވެނީ ހަށިގަނޑުގެ ފިނިހޫނު މިން ޗެކް ކުރުމަށްފަހު، އެމީހަކީ ކަރަންޓީނަށް ދާން ޖެހޭ މީހެއް ނޫންކަން ސާބިތުކޮށް ދޭ "ގްރީން ކޯޑު" ވެސް ދެއްކުމަށް ފަހުގައެވެ. މި ހުރިހާ ވަގުތެއްގައިވެސް އުޅެންޖެހެނީ މާސްކު އަޅައިގެންނެވެ. އަދި މި މައުރަޒު ބަލާލުމުގެ ފުރުސަތު މިވަގުތު އޮތީ ޗައިނާގެ ރަށްވެހިކަން ބަޔާންކުރާ އައިޑީ އޮތް މީހުންނަށް އެކަންޏެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ދާނެއެވެ.