އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތޯލިބާނުންނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ނެގޯޝިއޭޓާ ފައުޒިއްޔާ ކޫފީއަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދިނުމަކީ "ދަށު ދަރަޖައިގެ ޖިނާއީ ޖަރީމާއެއް" ކަމަށް، އެމެރިކާގެ މަންދޫބު ވިދާޅުވެއްޖެއެވެ.

ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމޭ ޚާލިލްޒާދު ވިދާޅުވީ، ސީރިއަސް އަނިޔާތަކަކާ ނުލާ، ބަޑީގެ ހަމަލާތަކުން ފައުޒިއްޔާ ކޫފީ ސަލާމަތްވެވަޑައިގަތުމުން ކޮންމެވެސް ވަރެއްގެ "ހިތްހަމަޖެހުމެއް" ލިބިވަޑައިގެންނެވި ކަމަށެވެ.

އާއިލާގެ އަންހެން މެމްބަރަކާއެކު ދަތުރުކުރައްވަމުން ދަނިކޮށް ފައުޒިއްޔާ ކޫފީއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގެ ވަޒަން އެރީ އޭނާގެ ކަނާތަށެވެ.

ފައުޒިއްޔާ ކޫފީއަކީ ފާޅުގައި، ތޯލިބާނުންނަށް ފާޑުވިދާޅުވި ސިޔާސީ ޝަހްސެކެވެ. ހަނގުރާމަވެރިންނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި އަންހެން ނެގޯޝިއޭޓަރުން ހިމެނިވަޑައިގަންނަވަނީ ނިސްބަތުން އިންތިހާއަށް މަދުންނެވެ.

ފައުޒިއްޔާ ކޫފީއަށް ހަމަލާ ދީފައިވަނީ، އަފްގާނިސްތާނުގެ އުތުރު ޕަރުވާން ޕްރޮވިންސްގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށެވެ.

މި ހަމަލާގެ ފަހަތުގައި އޮތީ އެ ޖަމާއަތް ނޫން ކަމަށް ތޯލިބާން ޖަމާއަތުން ވަނީ ބުނެފައެވެ.

އެމެރިކާގެ މަންދޫބު ވިދާޅުވީ، ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ހުރިހާ ފަރާތަކުން މި ހަމަލާ ކުށްވެރި ކުރާ ކަމަށާ، އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަޝްވަރާތަކުގެ ދުވެލި އަވަސްކުރުމަށްވެސް އެދޭ ކަމަށެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީގެ އިތުރުން، އެހެނިހެން އޮފިޝަލުންވެސް ވަނީ ފައުޒިއްޔާ ކޫފީއަށް އަމާޒުކުރި ހަމަލާ ކުށްވެރި ކުރައްވާފައެވެ.