އަފްގާނިސްތާނުގައި ދިގުލާ ގޮސްފައިވާ ހަމަނުޖެހުންތަކަށް ސުލްހަ ހޯދުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހުގެ ގޮތުގައި ސިފަކުރަމުން އަންނަ ހަނގުރާމަވެރި ގައިދީންނާ އަސީރުން މިނިވަން ކުރުމުގެ މަޝްރޫއުގެ ތެރެއިން، އަފްގާނިސްތާނުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ބަންދުގައި ބައިތިއްބާފައި ތިބި ތޯލިބާން ގައިދީން މިނިވަން ކުރުމުގެ އަމަލީ މަސައްކަތް، އަފްގާނިސްތާނުގެ ސަރުކާރުން ފަށައިފިއެވެ.

ތޯލިބާނު ހަނގުރާމަވެރިންނަށް ނިސްބަތްވާ 400 އެއްހާ ގައިދީން މިނިވަން ކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި، ދުނިޔޭގެ އެކި ގައުމުތަކުން "ނުރައްކާތެރި" ކަމަށް ކަނޑައަޅާފައިވާ ބައެއް ހަނގުރާމަވެރިންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އަފްގާނިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖާވިދު ފައިސަލް ވިދާޅުވީ، ބުރާސްފަތި ދުވަހުވެސް 80 ގައިދީން ދޫކޮށްލާފައިވާކަމަށެވެ.

ގައިދީންނާ އަސީރުން ބަދަލުކުރުމުގެ މަޝްރޫއު ނިމޭހާ އަވަހަކަށް އަފްގާނިސްތާނުގެ އޮފިޝަލުންނާ ތޯލިބާނުން ސުލްހައިގެ މޭޒަށް ހާޒިރުވާނެ ކަމަށް ބުނާއިރު، މިނިވަން ކުރާ ބައެއް ގައިދީންނަކީ އަފްގާނިސްތާނުގެ ދޭސީންނާ، ބޭރު މީހުންގެ ލޭ އޮހުރުވާލި ނުރައްކާތެރި ހަނގުރާމަވެރިންތަކެއް ކަމަށް ބުނެ، ބައެއް މީހުން ދަނީ އަފްގާނިސްތާނު ސަރުކާރުގެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ޚުދު އަފްގާނިސްތާނުގެ ސަރުކާރުންވެސް ވަނީ އެންމެ ނުރައްކާތެރި ގައިދީން ދޫކުރުމަކީ އަފްގާނިސްތާނުގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ.

ތޯލިބާން ހަނގުރާމަވެރިންގެ ވަފުދާ، އަފްގާނިސްތާނުގެ ސަރުކާރުގެ މަންދޫބުންނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާނީ ދޯހާގައެވެ. ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އެމެރިކާއިން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.