4 އަހަރު؛ މިއީ މިހާތަނަށް އެންމެ އަވަހަށްވެސް ވެކްސިނެއް އުފެއްދުމަށް ހޭދަވި މުއްދަތެވެ. އަލަށް ވެކްސިނެއް އުފެއްދުމަށް، އާންމު ގޮތެއްގައި 10-15 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ބަނަ ވިލާގަނޑުގެ ތޫފާނުގެ ގޮތުގައި ސިފަކުރަމުންއަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވެ ސަލާމަތް ހޯދުމަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައެންސްވެރިން ދަނީ މިހާތަނަށް ހާސިލުކޮށްފައި ނުވާ ވަރުގެ އަމާޒެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް2) އިން ދިފާއުވާނެ ވެކްސިނެއް 1 އަހަރު ދުވަހުގެ ތެރޭގައި އުފެއްދުމަށް ސައެންސްވެރިން އަމާޒު ހިފާފައިވަނީ، މިފަދަ މަސައްކަތްތަކުގައި މީގެ ކުރިން ބޭނުން ކޮށްފައިވާ ޓެކްނޮލޮޖީއާއި، މުޅިން އާ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓްވިޓާ

ވެކްސިނެއް އުފެއްދުމަށް ޚަރަދު ކުރަނީވެސް ތާރީހު ނުދެކޭ ދަރަޖައަކަށެވެ. ދުނިޔޭގެ އެކި ބާރުތަކުން އެތައް ބިލިއަން ޑޮލަރެއް މިކަމަށް ޚަރަދު ކުރެއެވެ. އެންމެ ފުޅާ ދާއިރާއެއްގައި އިންވެސްޓް ކުރަމުންދަނީ އެމެރިކާ، ޗައިނާ އަދި ވިލާތުންނެވެ.

ވެކްސިނަށް އޮތް ރާސްތާ

ސައެންސްވެރިންގެ އުއްމީދަކީ 2021 ވަނަ އަހަރުގެ ކުރީކޮޅަށް ވެކްސިނެއް ފޯރުކޮށްދިނުމެވެ. އެ އަމާޒު ހާސިލު ކުރަން ބޭނުން ނަމަ، ވެކްސިނެއް ކާމިޔާބު ކުރުމުގެ ދުވެލި އިންތިހާއަށް ހަލުވި ކުރަން ޖެހެއެވެ.

އިންސާނުންނަށް ވެކްސިނެއްގެ ބޭނުން ހިފެނީ، ތަފާތު މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ. ދިރާސާ މަރުހަލާއާއި ތަރައްގީ ކުރުމުގެ މަރުހަލާއިން ފެށިގެން، ކްލިނިކަލް ސްޓޭޖުގައި ހޭދަވާ 3 މަރުހަލާވެސް ފުރިހަމަ ކުރަންޖެހެއެވެ. އާންމު ގޮތެއްގައި މިއިން ކޮންމެ މަރުހަލާއެއްގައި 2 ނުވަތަ އެއަށްވުރެ ގިނަ އަހަރު ހޭދަވެއެވެ.

ނަމަވެސް، ކޮވިޑް-19ގެ ވެކްސިންގެ ހާލު ތަފާތެވެ. ބައެއް މަރުހަލާތައް ކުރިއަށް ގެންދަނީ އެކު އެކީގައެވެ. ނުވަތަ ބައެއް މަރުހަލާތައް އުވާލަނީއެވެ.

ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ބައެއް ގައުމުތަކުން ވެކްސިން ޑޯޒް ކުރިއަށް ނެރެމުންދަނީ 3 ވަނަ ފޭސްގައި އޮންނަ ވެކްސިންގެ ކާމިޔާބީވެސް ކަށަވަރު ކުރުމުގެ ކުރިންނެވެ. ރަޝިއާއާއި ޗައިނާއިން ހިޔާރު ކުރަމުންދަނީ މިފަދަ ރާސްތާއެއް ނަމަވެސް، އެމެރިކާއާއި ވިލާތުން މަރުހަލާތަކެއް ދޫކޮށްނުލާނެ ކަމަށް ބުނެވެއެވެ.

ކާމިޔާބު ވެކްސިނެއްގެ އިޝާރާތެއް ދީފައިވާ އަސްޓްރާޒެނީކާއިން މިހާރުވެސް ވަނީ 2 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިނގިރޭސިވިލާތާ އެމެރިކާގެ ސަރުކާރާއެކު އެއްބަސްވުންތައް އެކުލަވާލާފައެވެ. ބައެއް ޑެލިވަރީތައް ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ޚަބަރު ލިބެއެވެ.

ވެކްސިނެއް ކާމިޔާބު ކުރުމަށް އެމެރިކާއިން ފަންޑު ޚަރަދުކޮށް އެއްބަސްވުންތައް އެކުލަވާފައިވާ ކުންފުނިތަކުގެ ތެރޭގައި ނޯވާވެކްސް، ފައިޒާ ބައޯއެންޓެކް، ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާ ފަދަ ކުންފުނިތައް ހިމެނެއެވެ.

ވެކްސިން ލިބޭނީ ކޮން ބަޔަކަށް؟

މިހާ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާ ވެކްސިނެއް ލިބުން ގާތީ ވިޔަފާރި އުސޫލުން ބަލާއިރު މުއްސަނދި ގައުމުތަކަށެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ މިފަދަ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ނިޒާމުތަކެއް ގާއިމުކޮށްފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާގެ ކޭމްބްރިޖް އޮފީސް އިމާރާތް/ފޮޓޯ: އެލިސްޓެއާ ގްރާންޓް

ބައިނަލްއަގުވާމީ ފެންވަރުގައި ހަމަހަމަ އުސޫލަކުން ވެކްސިން ލިބޭނެ ކަމުގެ ހައްގު ކަށަވަރު ކުރުމަށް މި ނިޒާމުތަކުގައި ބައިވެރިވުމަށްވެސް ޑަބްލިއުއެޗްއޯއިންވަނީ ގޮވާލާފައެވެ. ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް ދަނީ ރާއްޖެއަކީ ވެކްސިނެއް ތައާރަފުކުރާހާ އަވަހަކަށް އެ ވެކްސިން ލިބޭނެ ގައުމުތަކުގެ ލިސްޓުގައި ހިމެނޭނެ ގައުމެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގުވެސް ވަނީ ވެކްސިން ކަށަވަރު ކުރުމުގެ ނިޒާމުގައި ރާއްޖެއިން ބައިވެރިވެފައިވާކަމުގެ އިޝާރަތެއް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.