އޭނާ ދިރިއުޅެމުން ދިޔަ ގެއަށް، ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ހަމަލާ އަމާޒުވުމުން، އުމުރުން އެންމެ 15 އަހަރުގެ ނޫރިއާ، އޭކޭ-47 ބަޑިއަކުން ހަމަލާދީ، ތޯލިބާނު ހަނގުރާމަވެރިންގެ 2 މީހަކު މަރާލާ އިތުރު މީހަކު ޒަހަމްކޮށްލި ވާހަކައަކީ ހުސްވި މަހު، މީޑިއާގެ ސަމާލުކަން ހޯދި އެއް ވާހަކައެވެ.

ގިނަ ބަޔަކު ނޫރިއާ އަށް ތައުރީފު ކުރަމުން ދިޔައީ "ބަތޮލެއްގެ" ދަރަޖާގެވެ. ހާދިސާގެ އިތުރު ތަފްސީލުތައް ހާމަވަމުން ދާ ވަރަކަށް، ނޫރިއާ އެ ވަގުތު ކުރިމަތިލި ހާލަތު އަދި ވަރަށް ތަފާތު ކަން މިހާރު އެނގެއެވެ.

ނޫރިއާ ހަމަލާ ދިނީ ތޯލިބާން ހަނގުރާމަވެރިންނަށް ހެއްޔެވެ؟ ނޫނީ އޭނާގެ ފިރިމީހާއަށް ހެއްޔެވެ؟ ނޫނީ އެ ދެބައިމީހުންނަށް ހެއްޔެވެ؟

(ސަލާމަތީ ސަބަބުތަކަށްޓަކައި ބައިނަލްއަގުވާމީ މީޑިއާއިންވަނީ މިކަމުގައި ޝާމިލުވާ މީހުންގެ ނަންތަކަށް ބަދަލު ގެނެސްފަ)

ހަތިޔާރުއެޅި ހަނގުރާމަވެރިން އަވަށަށް ވަނީ ރޭގަނޑުގެ ކަނު އަނދިރީގެ ނިވަލުގައެވެ.

ނޫރިއާ ކިޔައިދޭ ގޮތުގައި އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ފަޅާލުމަށްފަހު އެމީހުން ވަދެގަތް އިރު ގަޑިން ދަންވަރު 1 ޖަހާނީއެވެ. ކޮޓަރީގައި އޮތް ނޫރިއާއަށް ހޭލެވުނީ އެ އަޑުފަށްގަނޑަށެވެ. ނަމަވެސް އޭނާ ހަނުހިމޭނުން އިނީއެވެ. ނޫރިއާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އަނެއް ކޮޓަރީގައި އޮތް 12 އަހަރުގެ ފިރިހެން ކޮއްކޮގެ ހާލެވެ.

އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ނޫރިއާއަށް ދެން އިވުނީ އޭނާގެ މައިންބަފައިން ގެއިން ނެރުނު އަޑެވެ. ދެން އިވުނީ ބަޑީގެ އަޑުފަށްގަނޑެވެ. ނުރީގެ މައިންބަފައިން މަރާލީއެވެ.

ނޫރިއާ ބޮޑުވީ ރަށްފުށު އަވަށެއްގައެވެ. އަފްގާނިސްތާނުގައި އެންމެ ހައިޖާނުގަނޑު ބޮޑު ސަރަހައްދެކެވެ. ނޫރިއާއަކީ ލަދުވެތި މިޒާޖެއްގެ، މަޑުމައިތިރި ޒުވާނެކެވެ. ނަމަވެސް، ނޫރިއާއަކީ ބަޑި ގެންގުޅެން ދަންނަ، އަމާޒަށް ބަޑިޖަހަންވެސް ދަންނަ ހިތްވަރުގަދަ ކުއްޖެކެވެ. އެއީ އޭނާގެ ބައްޕަ، އެންމެ ޅަ ދުވަހުއްސުރެ އަމިއްލަ ދިފާއަށް ނޫރިއާ ތަމްރީނު ކޮށްދެމުން އައި ގޮތުގެ ނަތީޖާއެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ހަމަލާގެ ޝިކާރައަކަށްވެ މައިންބަފައިން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލުން ވީ ނޫރިއާގެ މަޑުމައިތިރިކަން ކޮޅުންލީ ވަގުތަށެވެ. ހިމޭނުން ފިލާ އިނުމުގެ ބަދަލުގައި، ބައްޕަގެ އޭކޭ-47 ރައިފަލް ހިފައިގެން ނޫރިއާ ނިކުތީ ބޭރަށެވެ. ބޭރުގައި ތިބި މީހުންނަށް ބަޑިން ހަމަލާ ދޭން ފެށިއެވެ. އޭނާ އަތުން މުޅިންހެން ވަޒަން ހުސްވަންދެން ނޫރިއާ ދިޔައީ ހަމަލާ ދެމުންނެވެ.

ގަޑިއެއް ހާއިރު ފަހުން، ހަނގުރާމަވެރިން އަނެއްކާވެސް ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއަށް ގެއްލި، ފިލައިފިއެވެ. އޭރު ނޫރިއާ މެން ދިރިއުޅެމުންދިޔަ ގެ ކައިރީގައި 5 މީހެއްގެ ހަށިގަނޑު އޮތެވެ. ނޫރިއާގެ މަންމައާއި ބައްޕަގެ އިތުރުން، އަވަށްޓެރިއެއްގެ ގޮތުގައި ދިރިއުޅުނު ތިމާގެ މީހެއްގެ ހަށިގަނޑެވެ. ދެން އޮތީ ހަމަލާ ދިން 2 މީހުންނެވެ.

އޭކޭ47 ރައިފަލަކުން ހަމަލާދީ ނޫރިއާ 2 މީހުން މަރާލި ސަރަހައްދު/ފޮޓޯ: ބީބީސީ

"އެއީ ވަރަށް ބިރުވެރި ހާދިސާއެއް. އެ މީހުން (ހަނގުރާމަވެރިން) އެއީ ވަރަށް ނުލަފާ ބައެއް. އަހަރެންގެ ބައްޕައަކީ ނުކުޅެދޭ މީހެއް. މަންމައަކީ ކުށެއް ނެތް މައުސޫމު މީހެއް. އެކަމަކުވެސް އެމީހުން (ހަނގުރާމަވެރިން) އައިސް އަހަރެންގެ މައިންބަފައިން މަރާލީ" ނޫރިއާ ކިޔައިދިނެވެ.

އަފްގާނިސްތާނުގައި ބޮޑުވަމުން އަންނަ ޖީލަށް ހަނގުރާމަ ނޫން އެއްޗެއް ނުފެނެއެވެ. ނޫރިއާ މެން ދިރުއުޅެމުންދިޔަ އަވަށަކީވެސް މިކަމުން ސަލާމަތްވެފައިވާ އަވަށެއް ނޫނެވެ. ތޯލިބާން ހަނގުރާމަވެރިންނާ، ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު އަބަދުމެހެން ކުރިމަތިލުންތައް ހިންގައެވެ. ނޫރިއާ ބުނާ ގޮތުގައި އޭނާގެ ބައްޕައަކީވެސް ތޯލިބާން ހަނގުރާމަވެރިންގެ ޓާގެޓެކެވެ. ސަބަބެއް ނެތިއެއް ނޫނެނެވެ. އޭނާގެ ބައްޕައަކީ ސަރުކާރަށް ތާއީދު ކުރާ ލީޑަރެކެވެ. ގަބީލާ ދަރިކޮޅުގެ އިސް ލީޑަރެކެވެ.

ނޫރިއާ ދުށް އެ ނާމާން ރެއާ ގުޅިގެން ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ދެކެވެއެވެ. އެތަނުން އެއް ވާހަކަ ބުނާ ގޮތުގައި، ނޫރިއާ އެރޭ މަރާލި އެއް ހަނގުރާމަވެރިއަކީ އޭނާގެ ފިރިމީހާއެވެ. ތޯލިބާން ހަނގުރާމަވެރިން ބަލިކޮށްލި ބަތޮލެއް ފަދަ އަންހެން ކުއްޖާ އެކަން ކުރީ އާއިލީ ކޯޅުމެއްގެ ތެރޭން ކަމަށް އަޑު ފެތުރުނެވެ.

ނޫރިއާ ބުނާ ގޮތުގައި އޭނާގެ ގެއަށް ވަދެގަތީ ތޯލިބާން "މުޖާހިދީން" ނެވެ. ނަމަވެސް ތޯލިބާނުން ވަނީ ފުރާވަރު އުމުރުގެ ކުއްޖަކާ ކުރިމަތިލުމެއް ނުހިނގާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. ތޯލިބާނުން ބުނާ ގޮތުގައި ތޯލިބާނުން ހަމަލާ ދިނީ ފުލުހުންގެ ލޯކަލް ޗެކްޕޯސްޓަކަށެވެ. 2 މީހަކު މަރުވީ އެ ހާދިސާގައެވެ. ނަމަވެސް، ސަރަހައްދީ އަދި މައި ސަރުކާރުން ބުނަނީ ތޯލިބާނުންގެ މައްޗަށް ކުރި ހޯދިފައިވާކަމަށާ، ނޫރިއާ އަކީ ބަތޮލެއް ކަމަށެވެ.

ހަމަލާ ބަދަލު ކުރުންތަކަށް ފަހު ނޫރިއާއާއި އޭނާގެ ކޮއްކޮ އަސްކަރީ ހެލިކޮޕްޓަރެއްގައި ރައްކާތެރި ހިސާބަކަށް ގެންދެވުނެވެ. ތޯލިބާން ހަނގުރާމަވެރިންނާ ކުރިމަތިލާ އާންމުންނަށް ސަރުކާރުން ތައުރީފުކުރުމަކީ އަފްގާނިސްތާނަށް އާ ކަމެއް ނޫނެވެ. ނަމަވެސް، ރައީސް އަޝްރަގު ގަނީގެ ދައުވަތު ނޫރިއާއަށް ލިބުނު ހިސާބުން ގިނަ ބަޔަކު ވާހަކަދައްކަން ފެށިއެވެ. ބައެއް މީހުން ސިފަކުރި ގޮތުގައި އެއީ ޕީއާރް ސްޓަންޓެކެވެ.

ނޫރިއާގެ މައިންބަފައިން ވަޅުލި ސަރަހައްދު/ފޮޓޯ: ބީބީސީ

މަރާލީ ނޫރިއާގެ ފިރިމީހާ ކަމަށް ދެކެވެން ފެށި ވާހަކަތަކަށް ބަލާއިރު، މަރަލާފައިވާ 2 މީހުންގެ ތެރެއިން އެކަކީ އެމީހާ ކަމަށް ބުނެވެއެވެ. އޭނާ އެރޭ އަވަށަށް ވަނީ އަނބިމީހާ އަނބުރާ ގެންދާށެވެ. އާއިލީ ހަމަނުޖެހުމެއްގައި ނޫރިއާގެ ބައްޕަ، ނޫރިއާ ގެއަށް ގެނެސްގެން އުޅުނީ ކަމަށްވެސް ބުނެވެއެވެ. ނަމަވެސް، އެބުނާ މީހަކީ އޭނާގެ ފިރިމީހާ ނޫން ކަމަށް ނޫރިއާ ދަނީ ބުނަމުންނެވެ.

ފެތުރުނު ބައެއް އަޑުތަކަށް ބަލާއިރު، މިއީ އަފްގާނިސްތާނުގައި އޮންނަ ސަގާފަތެއްގެ ތެރެއިން ހިނގި ކަމެކެވެ. ނުރީއާއި އެ މީހާގެ ކައިވެނި ކުރަނީ ދެއަންބަށެވެ. ބަދަލުގައި، އޭނާއަށް ބޮޑުބޭބެ ކިއާ އަންހެން ކުއްޖަކާ ނޫރިއާގެ ބައްޕަވެސް ދެ އަންބަށް އިނދެއެވެ. ނަމަވެސް 2 އަންހެން ކުދިންގެ އުމުރުގެ ހަގު ކަމާއެކު، ކައިވެނީގައި ރަސްމީ ސިއްކަ ޖެހުން ފަސްކޮށްފައި އޮތީއެވެ.

މިކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ މަސައްކަތް ކޮށްފައެވެ. ހޯދާފައިވާ ހޯދުން ތަކަށް ބަލާއިރު ބަސް ހޯދީ ނޫރިއާގެ ފިރިމީހާ ކަމަށް އަޑު ފެތުރިފައިވާ މީހާގެ މަންމަ، ޝަފީގާގެ ފަރާތުންނެވެ. ޝަފީގާ ބުނާ ގޮތުގައި އޭނާގެ ފިރިހެން ދަރިފުޅާ ނޫރިއާ ދެއަންބަށް ކައިވެނި ކުރިތާ 3 އަހަރު ވެއްޖެއެވެ. ނޫރިއާގެ ބައްޕައާއި އަނެއް ކުއްޖާގެ ކައިވެނިވެސް އޮތީ ކުރެވިފައި ކަމަށްވެއެވެ.

ނަމަވެސް މީގެ 2 އަހަރު ކުރިން، ނޫރިއާގެ ބައްޕަ ނޫރިއާ ގެންދިޔައީ ކަމަށާ، އަދި ދިޔައީ އޭނާއާއި ދެއަންބަށް އިން މާމަ ދަރިފުޅު ބަހައްޓާފައި ކަމަށްވެސް ޝަފީގާ ވަނީ ކިޔައިދީފައެވެ. އެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމުވޮށިގެންވާ މީހުންގެ ކިބައިން އެދުނު ކަމަށާ، ނަމަވެސް އެކަމަށް ހައްލު ނުލިބި، އޭނާގެ ފިރިހެން ދަރިފުޅު އެރޭ ނޫރިއާމެން ގެއަށް ދިޔައީ ކަމަށާ، އެކަން ކުރީ އެއްވެސް ހާލެއްގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ޝަފީގާ ބުނެއެވެ.

ދަރިފުޅަކީ ތޯލިބާން ހަނގުރާމަވެރިއެއް ކަމަށް ޝަފީގާ އިންކާރު ކުރެއެވެ. ނަމަވެސް، ތޯލިބާނުން ދީފައިވާ މައުލުމާތަށް ބަލާއިރު އެކަން އެހެން ހިނގާކަން ސާބިތުވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

ކޮޅެއް މެދެއް ނުފެނި، އޮޅުން ބޮޅުން ވެފައިވާ މި ހާދިސާ ހިނގާފައި މިވަނީ އަފްގާނިސްތާނުގެ މައި ސަރުކާރާ ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މަޝްވަރާތައް ފެށުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.