ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރަމުން އަންނަ ގައްޒާއަށް ތެޔޮ އިމްޕޯޓް ކުރުން ހުއްޓުވާލުމަށް ނިންމާފައިވާ ކަން، އިސްރާއީލުން ހާމަކޮށްފިއެވެ.
ގައްޒާގެ ތެލުގެ އިމްޕޯޓް ސަޕްލައިއަށް އިސްރާއީލުން ހުރަސް އަޅަން ނިންމީ، ގައްޒާއިން އަލިފާން ބޮން އުކި ކަމަށް ބުނެއެވެ.
ތެލުގެ ސަޕްލައި ހުއްޓުވާލަން ނިންމާފައިވާކަން އިސްރާއީލުގެ ދިފާއީ ވުޒާރާއިން ހާމަކުރިއިރު، އަލިފާން ބޯޅަ އުކި ކަމަށް ބުނާ މައްސަލާގައި އިސްރާއީލުގެ އަސްކަރީ ޖެޓުތަކުން ވަނީ، ގައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުގެ އަމާޒުތަކަށް ހަމަލާތަކެއްވެސް ދީފައެވެ.
މި ހަމަލާ ބަދަލު ކުރުންތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވީ ކަމުގެ އެއްވެސް ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ގައްޒާއިން އެންމެ ފަހުން އިސްރާއީލަށް ހަމަލާދީފައިވަނީ ފުއްޕާހަން ޒާތުގެ ހަންތަކެއްގައި އަލިފާން ބޯޅަ ހަރުކޮށްގެން ކަމަށް ބުނެވެއެވެ. ބައެއް ފަހަރު، މަޑި ބޭނުންކޮށްގެންވެސް ގައްޒާއިން ހަމަލާ ދޭ ކަމަށް ބުނެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިއީ އިސްރާއީލުގެ ސަލާމަތާ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.
އިސްރާއީލާ ހަމާސް ޖަމާއަތުން ވަނީ 2008 ވަނަ އަހަރުން ފެށިގެން 3 ހަނގުރާމައެއް ކޮށްފައެވެ. އދ، މިސްރު އަދި ގަތަރު މެދުވެރިއެއްގެ ގޮތުގައި އޮވެގެން ކުރިއަށް ގެންދިޔަ ސުލްހައިގެ މަސައްކަތްތަކާއެކު ހަނގުރާމަ ހުއްޓިފައި އޮތެއް ކަމަކު، ދެބައި މީހުންގެ މެދުގައި ބަދަލު ކުރާ ހަމަލާތަކަށް ފުރިހަމަ ހުއްޓުމެއް އައިސްފައެއް ނުވެއެވެ.
ހުރިހާ ކޮޅަކާ ގޮތަކުން ބައްދާލެވިފައިވާ ގައްޒާގެ އާބާދީގައި ހިމެނޭ 2 މިލިއަނެއްހާ މީހުންގެ ތެރެއިން، 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިންތިހާ ފަގީރު ހާލުގައި ކަމަށް ވޯލްޑް ބެންކުގެ ރެކޯޑްތަކުން ދައްކައެވެ.
ފަލަސްތީނުގެ މުރާސިލުން ސިފަކުރާ ގޮތުގައި ގައްޒާއިން ދޭ ހަމަލާތަކަކީ، ގަތަރުން ގައްޒާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމް އެ ހިސާބަށް ޓްރާންސްފާ ކުރުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ދޭ ހަމަލާތަކެކެވެ.
ލަދުހަޔާތް ވެސް ކުޑަ ބައެކޭދޯ ބައެއްގެ ބިން ފޭރި ބަނޑު އަޅާލައިގެން ތިބެގެން ދަތި ކުރަމުން ތެޅެނީ.