ދެކުނު ސޫދާންގެ ވަރާޕް ސްޓޭޓްގައި އެ ގައުމުގެ އަސްކަރިއްޔާއާ، ހަތިޔާރުއެޅި އާންމުންނާ ދެމެދު މިދިޔަ ހަފުތާ ބަންދުގައި ހިންގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 70 އަށް އަރާފައިވާކަމަށް އދއިން ބުނެފިއެވެ.

އދގެ ތަރުޖަމާނު ސްޓީވަން ޖުޖަރިޗް، އަންގާރަ ދުވަހުގެ ވަގުތެއްގައި ވިދާޅުވީ، ދެކުނު ސޫދާންގައި ހިންގި ކުރިމަތިލުންތަކަކީ އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ގެންގުޅޭ ހަތިޔާރުތައް ނައްތާލުމަށް ފަށާފައިވާ މަޝްރޫއާ ގުޅިގެން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ކަމަށް އދގެ ސުލްހަ ބަލަހައްޓާ މިޝަން އިން ރިޕޯޓް ކޮށްފައިވާކަމަށެވެ.

އާންމުން އަތުގައި ހުރި ހަތިޔާތައް ނައްތާލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ދެކުނު ސޫދާންގެ ރައީސް ސަލްވާ ކީރްއާއި ސިޔާސީ ވާދަވެރިޔާ އަދި ފެބުރުވަރީ މަހު ނައިބު ރައީސް ކަމުގެ މަގާމަށް އިސްކުރެވުނު ރީކް މަޗާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސޫދާންގެ ކިބައިން މިނިވަންވެ، ވަކި ގައުމެއްގެ ގޮތުގައި ދެކުނު ސޫދާން އުފެދުނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން ދެކުނު ސޫދާން ސަރަހައްދުގައި ހަމަނުޖެހުން އުފެދި ދާހިލީ ހަނގުރާމައެއް ފެށުނީ ނައިބު ކަމުގެ މަގާމު ރީކް މަޗާ ވަކި ކުރެއްވި ހިސާބުންނެވެ. މިއާއެކު އަސްކަރިއްޔާއާއި އާންމުންނާ ރައްޔިތުންނާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ފެށި، ބޮއްސުންލިއެވެ.