ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން 2014 ގައި ކްރިމެލިން ނުވަތަ ކްރެމިއާ ހިފި އިރު، އެތާނގައި ވެރިއަކށް ހަދައިގެން ގެންގުޅުނު ވެގްނާ ބޮސް ، މިއަދު ޕުޓިންގެ ވެރިކަން ވައްޓާލަން ކުރާ ދަތުރުގައި މޮސްކޯ އާ ގާތަށް ޖެހިލައިފިއެވެ.

ރަޝިއާގެ ދެކުނު ބިތުގެ މުހިންމު ސިޓީއެއް ކަމަށް ވާ ރޮސްޓޯވް ހިފުމަށް ފަހު، ޕުޓިން އަށް އިންޒާރު ދީ ވެގްނާ ބޮސް މޮސްކޯއަށް އަރަން މިސްރާބު ޖަހާފައި ވާ އިރު، އެ ޖަމާއަތުގެ ސިފައިން ވަނީ މަގު ހުރަސްތަކަށް ބަހައްޓާފައި ހުރި ބަރު އުޅަނދުތައް ބުރުއްސާލުމަށް ފަހު ކުރިއަރާފައެވެ.

ހަބަަރުތައް ބުނާގޮތުން އެ ޖަމާއަތުން މިހާރު ދާ ސްޕީޑްގައި ކުރިއަށް އޮތް 6-8 ގަޑިއިރު ތެރޭގައި މޮސްކޯއާ ހަމައަށް ފޯރާނެއެވެ. މިހާރު ރޮސްޓޯވް އާ މޮސްކޯއާ ދެމެދުގައި އޮންނަ ލިޕެސްކް ހުރަސް ކޮށްފައި ވާ އިރު، ލިޕެސްކްގެ ގަވަރުނަރުވަނީ ވެގްނާ ފޯސް އެ ސިޓީ ހުރަސްކޮށްފި ކަމަށާއި ބަރުހަތިޔާރާއެކު މިސްރާބު ހުރީ މޮސްކޯއަށް ކަމަށް ވިދާޅުވެފައެވެ.

ވެގްނާ ގްރޫޕުގެ ބޮސް ޔެވްގެނީ ޕްރޮގޯޒިން ބުނެފައި ވަނީ އެމީހުން ރަޝިއާ ސިފައިންނަށް އެހީވުމަށް ޔޫކްރައިން އާ ހަނގުރާމަ ކުރުމުން ބަދަލުގައި އެމީހުން މަރަން ރަޝިއާގެ ޑިފެންސް މިނިސްޓަރާއި ސީފް އޮފް ސްޓާފް ހަމަލާ ދީފައި ވާ ކަމަށާއި ރަޝިއާގައި އޮތީ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ. އެހެން ކަމުން ރަޝިއާގެ އަސްކަރީ ސަރުކާރު ވައްޓާލައި ވަރަށް އަވަހަށް އާ ވެރިއަކު ހަމަޖައްސާނެ ކަމަށް ބުނެފައެވެ.

ވެގްނާ ފޯސް ކުރިއަރައިގެން ދާލެއް ބާރުކަމުން ރަޝިއާގެ ދިފާއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާ މިދަނޑިވަޅުގައި މޮސްކޯއިން ބުނެފައި ވަނީ، މޮސްކޯއަށް މިވަގުތު އޮތީ އުނދަގޫ ހާލަތެއް ކަމަށާއި، އެންމެން ގޭގައި ތިބުމަށް ގޮވާލާފައެވެ. މިއާއެކު ކުރިއަށް އޮތް ހަފްތާއަށް ބޭރުތެރޭގެ ހުރިހާ ހަރަކާތެއް ހުއްޓާލަން އަންގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ހުރިހާ ފައުޖުތަކެއް އެލާޓް ކޮށް، މޮސްކޯ ވަށައިގެން ދިފާއު ވަރުގަދަ ކޮށްފައެވެ.

އެގޮތުން އެކި މަގާމުތަކުގައި ބަރުހަތިޔާރާއެކު ސިފައިން ތިބި އިރު ބައެއް މަގުތައް ކޮނެ ބޮޑެތި ހަންދަގުވެސް ހަދަމުން އެބަދެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖައްސާ ބެރިކޭޑް ހަދަމުން ދާ އިރު، ބައެއް މަގުތަކުގައި ވަނީ ބޮޑެތި ސިންގާ ހެވީ ވެހިކަލާއި އަސްކަރީ ޓޭންކުތައް އަތުރާފައެވެ.

ވެގްނާ ބޮސް ބުނެފައި ވަނީ، މަރަށް ބިރު ނުގަންނަ ކަމަށާއި އޭނާއާއެކު ހަރަކާތްތެރިވަމުން ދާ 25،000 ސިފައިންވެސް ތިބީ އެ އަޒުމުގައި ކަމަށެވެ.

އެއްވެސް ލެ އޮހޮރުވުމެއް ނެތި ވެގްނާއަށް އެހާ ފަސޭހައިން ކުރިއަރައިގެން ދެވޭ ދިއުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައި ވަނީ، ރަޝިއާގައި ތިބި ހުރިހާ ސިފައިން ޔޫކްރައިން ހަނަގުރާމަ އަށް ފޮނުވުމުން މޮސްކޯ ދިފާއު ކުރާނެ ބަޔަކު ނެތީ ކަމަށެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުން، ޔޫކްރައިން ގައި ހަނގުރާމަ ކުރާ ރަޝިއާ ސިފައިންގެ ތެރެއިން ބައެއް ބެޓޭލިއަން މިހާރު ވަނީ މޮސްކޯއަށް މިސްރާބު ޖަހާފައެވެ. މިހާލަތުގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، މިވަގުތު ރަޝިއާގެ ހާލަތު ވަޒަންކޮށްލަން މަޑުކޮށްލައިގެން ތިބި ކަމަށާއި، މިހާލަތުގެ ބޭނުން ޔޫކްރައިންގެ ފައުޖުތަކަށް އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އެއާއެކު އެމެރިކާއިން ވެސް ބުނެފައި ވަނީ، ރަޝިއާގެ ހާލަތާއި ޔޫކްރައިން ހަނގުރާމަ އާ ގުޅޭ ގޮތުން، އެކުވެރިންނާ މަޝްވަރާ ކުރަމުން ދާ ކަމަށާއި ރަޝިއާގެ ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށެވެ.

ވެގްނާއިން ރަޝިއާ ސަރުކާރު ވައްޓާލަން ނިކުމެފައި ވާއިރު، ޔޫކްރައިން އަށް މަދަދު ދޭ ރަޝިއާގެ އިތުރު ދެ ޖަމާއަތެއްގެ ތެރެއިން ރަޝިއަން ވޮލަންޑިއާ ކޯޕްސް އިން ވަނީ ވެގްނާ އާ ގުޅެން ނިންމާ ހަނގުރާމަައަށް ދާ ކަން އިއުލާން ކޮށްފައެވެ.

އެހެން ބައެއް ހަބަރުތައް ބުނާގޮތުން، ރޮސްޓޯވްގެ ކޮންޓްރޯލް ވެގްނާ އިން އަތުލާފައި ވީ ނަމަވެސް އެ ސިޓީގެ އާންމުން މިހާރު ދަނީ މަގުތަކަށް ނިކުމެ ވެގްނާ ފޯސްގެ ސިފައިންނާ ކުރިމަތިލަމުންނެވެ. އަދި ޓޭންކްތަކުގެ ކުރިމައްޗަށް އަރާ ހުއްޓުވައި ސިފައިން ވެސް ހުއްޓުވަމުން ދާ ކަމަށް ބުނެއެވެ. ހަމަ އެއާއެކު ބައެއް އެހެން އާންމުން ދަނީ ވެގްނާ އަށް ތާއީދު ކޮށް ވެގްނާގެ ދިދަ ވިހުރުވާ އެމީހުންނާ އެކު ފޮޓޯނަގާ އުފާފާޅު ކުރަމުންނެވެ.

ރަޝިއާގެ ފައުޖީންގެ އަދަދު 250،000 އަށް އަރާ އިރު ވެގްނާގެ އަދަދަކީ 25،000 އެވެ.