ރަޝިއާއިން އުފެއްދި ހަތިޔާރު އެޅި ޖަމާއަތް 'ވެގްނާ' ގްރޫޕުން ގެންނަން އުޅެނީ އަސްކަރީ ބަޣާވާތެއް ކަމަށާއި އެމީހުން ރަޝިއާގެ ބުރަކައްޓަށް ވަޅިހަރައިފި ކަމަށް ވިދާޅުވެ، އެއީ ހާއިނުން ކަމަށާއި އެމީހުންނާ ދެކޮޅަށް އަވަސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރަޝިއާގެ ރައީސް ދާދި ދެންމެ އަކު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ވެގްނާ ގްރޫޕުން ރަޝިއާގެ އަސްކަރީ ސަރުކާރު ވައްޓާލައި، ވަރަށް އަވަހަށް އާ ރައީސަކު ގެންނާނެ ކަމަށް ބުނެ އެ ޖަމާއަތުން ރަޝިއާގެ ދެކުނު ބިތުގެ ސިޓީއެއް ކަމަށްވާ ރޮސްޓޯވް ހިފާފައި ވުމުންނެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، ވެގްނާ ގުޕޫޕަކީ ހާއިނުން ކަމަށާއި ރަޝިއާއާ ދެކޮޅަށް ހަތިޔާރު އުފުލާ އެންމެނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ރަޝިއާގެ ތައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަމަށް އަވަސް އަދި މުހިންމު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ދާދި ދެންމެ ދެއްވި ކުއްލި ޓީވީ އެޑްރެސްގައި ޕުޓިން ވިދާޅުވިއެވެ.

މިވަގުތު މޮސްކޯއާއި ވަށައިގެންވާ ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވާއިރު، ރޮސްޓޯވެ ގެ ހައިވޭ މިހާރު ވަނީ ރަޝިއާގެ އަސްކަރީ ފައުޖުތަކުގެ ސަފުތަކުން ފުރާލާފައެވެ.

ހަބަރުތައް ބުނާ ގޮތުން، ރޮސްޓޯވް އަށް ވަދެވޭ ހުރިހާ މަގެއް ވެގްނާގެ ސިފައިން ކޮންޓްރޯލް ކުރަމުން ދާ އިރު ބައެއް ދިމަ ދިމާއިން މޮސްކޯ އާ ގާތްގަނޑަކަށް 300 މޭލާ ހަމައަށް ވެގްނާގެ ފައުޖުތައް ވަނީ ވެދެފައެވެ.

ވެގްނާ ބޮސް މިވަގުތު ރޮސްޓޯވްގެ އަސްކަރީ ހެޑްކުއާޓަރުގައި ހުރި އިރު، އޭނާ ވަނީ އެތާނގައި ތިބި އެންމެ އިސް ދެވެރިން ހާޒިރުކޮށް، އެތަނަށް ރަޝިއާގެ ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ސްޓާފް ހާޒިރު ކުރުމަށް ގޮވާލައި ކުރު ވީޑިއޯ ކްލިޕެއް އާންމު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ މަރަށް ބިރު ނުގަންނަ ކަމަށާއި އޭނާ އަށް ތަބާވާ އެކަކުވެސް މަރަށް ޖެހިލުން ނުވާ ކަމަަށެވެ. އަދި އޭނާ ވަނީ ހަރިޔާރު ބަހައްޓާ އޭނާގެ ފައުޖުތަކާ ގުޅުމަށް ރަޝިއާ ސަރުކާރުގެ ސިފައިންނަށް ގޮވާލާފައެވެ. މިއާއެކު ރޮސްޓޯވް އާ ކައިރި ބައެއް ސިޓީތަކުގެ ސިފައިން ބައިބަޔަށް ހަތިޔާރު ބަހައްޓާ ވެގްނާ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދެކޮޅު ހަދަމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ރަޝިއާގެ ތެރެއަށް އައި ކުއްލި މި ލޮޅުމާއެކު ރަޝިއާ އާ އިންވެގެން އޮންނަ ބައެއް ގައުމުތަކުގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެެވެ. އަދި މިހާރު ހަނގުރާމަ ހިނގަމުން ދާ ޔޫކްރައިންގައި ވެސް ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ.

ވެގްނާއިން ރަޝިއާގެ ސިޓީއެއް ހިފުމާއެކު ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވެފައި ވަނީ "މިހާރު ހުރިހާ ކަމެއް ރަޝިއާގެ ތެރޭގައި ފެށުނީ" ކަމަށެވެ. އިނގިރޭސިވިލާތާކައި އެހެން ބައެއް ގައުމުތަކުން ބުނެފައި ވަނީ މިއީ ރަޝިއާ އަށް ވަރަށް ނާޒުރު ދަނޑިވަަޅެއް ކަމަށެވެ.

ވެގްނާ ގްރޫޕުން މޮސްކޯއާ ދިމާއަށް މިސްރާބު ޖަހާނެކަން ހާމަ ކޮށްފައި ވާ މިދަނޑިވަޅުގައި މޮސްކޯއިން ވަނީ، ވެގްނާ ބޮސް ދޫކޮށްލައި، އެމީހުން ކުރިން ތިބި މަގާމުތަކަށް އެނބުރި ދިޔުމަށް އެޖަމާއަތަށް ގޮވާލާފައެވެ. އަދި ރަޝިއާގެ ރައީސް އަށް ކިޔަމަންތެރިވުމަށް ވެސް ގޮވާލާފައި ވެއެވެ. މިއާއެކު ވެގްނާ އަށް ވަނުމަށް އިޝްތިހާރު ކޮށް މޮސްކޯގައި ހަރުކޮށްފައި ހުރި ބިލްބޯޑުތައްވެސް މިހާރު ވަނީ ނަގަން ފަށާފައެވެ.

ހަބަރުތައް ބުނާގޮތުން، ރޮސްޓޯވް ކައިރިން ދަތުރު ކުރި ރަޝިއާގެ 3 ހެލިކޮޕްޓަރެއްވެސް ވެގްނާ ސިފައިން ވަނީ ބަޑިޖަހާ ވައްޓާލާފައެވެ.