އިސްރާއީލުގެ އަޅުވެތިކަމުގައި އިނދަޖެހިފައިވާ ހުޅަނގު އައްސޭރީގައި މީހުން ދިރިއުޅެމުންދާ ގެތައް ބިމާ ހަމަކޮށް ސުންނާފަތި ކުރުމުގެ އަމަލީ މަސައްކަތް، އިސްރާއީލުން ފަށައިފިއެވެ.

އެއް އާއިލާއެއް ދިރިއުޅެމުންދިޔަ ގެ ބިމާ ހަމަކޮށްލާފައިވާއިރު، އިތުރު 30 އިމާރާތެއް ސުންނާފަތި ކުރުމަށް ހަމަޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަހުމަދު އަމާނީ، އޭނާގެ މައިންބަފައިންގެ ގެއިން ނިކުތީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަހުގައެވެ. މިއަދު އޭނާ ދިރިއުޅެމުންދަނީ ހޮހަޅައެއްގައެވެ. އޭނާ ވަނީ ގެއެއްގައި ހުންނަ އަސާސީ ވަސީލަތްތައް ލިބޭނެ ގޮތަށް މި ހޮހަޅަ ތަރައްގީ ކޮށްފައެވެ. އެ ހޮހަޅާއިގައި މިއަދު ދިރިއުޅެނީ އަހުމަދުގެ ދެމަފިރިންނާ، ދަރިފުޅުގެ އިތުރުން ބޮޑު ދައިތައެކެވެ.

ސުންނާފަތި ކޮށްލާނެ ކަމަށް އިސްރާއީލުން ބުނެފައިވާ ހޮހަޅާގައި އަހުމަދު އަމާނީ(ވ)، އޭނާގެ އާއިލާއާއެކު/ފޮޓޯ: އަލްޖަޒީރާ

އިސްރާއިލުގެ ސަރުކާރުން ބުނާ ގޮތުގައި އަހުމަދުގެ ގެ އިމާރާތް ކޮށްފައިވަނީ ހުއްދައަކާ ނުލައެވެ. މިއާއެކު، މި ގެ ބިމާ ހަމަނުކުރުމަށް ހުސްވި މަހު އަމުރެއް ނެރުނެވެ.

"މިއީ އަހަރެން ހެދި ހޮހަޅައެއް ނޫން. މިއީ ގުދުރަތުން ހެދިފަ އޮތް ހޮހަޅައެއް" ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާއަށް އިންޓަވިއެއް ދެމުން އަހުމަދު ބުންޏެވެ. އިތުރު ވާހަކަތަކެއް ނުދެއްކެނީ އިންޓަވިއު މެދުކަނޑާލަން ޖެހުނު ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ބުލްޑޯޒަރަކާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން އެ ހިސާބަށް އައި އަޑަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދަށް މިފަހަރު އައީ އަހުމަދުގެ ގެ ސުންނާފަތި ކުރާކަށް ނޫނެވެ. ހަމަލާ އަމާޒުވީ އަހުމަދުގެ ބޮޑުދައިތަގެ ގެއަށެވެ. މި ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި 30 އިމާރާތެއް ސުންނާފަތި ކުރާނެ ކަމަށް އިސްރާއީލުން ވަނީ އަންގާފައެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ފެން ރައްކާކުރާ ތާނގި ހުރި ސަރަހައްދުވެސް ސުންނާފަތި ކޮށްފާނެ ކަމުގެ ބިރު އޮތުމެވެ.

އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރު އިމާރާތް ކުރަން ބޭނުންނަމަ ފަލަސްތީނުގެ ރައްޔިތުންނަށް ޖެހެނީ ހުއްދައެއް ނަގާށެވެ. ނަމަވެސް މަދުން ނޫނީ އިސްރާއީލުން މި ހުއްދައެއް ނުދެއެވެ. ނަތީޖާއަކަށްވަނީ ހުއްދައަކާ ނުލާވެސް ގެދޮރު އިމާރާތް ކުރުމެވެ.

ފަލަސްތީނުގެ ބިންތައް ސުންނާފަތި ކުރުމަށް އިސްރާއީލުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން/ފޮޓޯ: މިނާ ނިއުސް

އިސްރާއީލުން ސުންނާފަތި ކުރި ގޭގައި ދިރިއުޅުނު މީހުން ބުނި ގޮތުގައި، މުޅި ގެ ހުސްކުރުމަށް އެ މީހުންނަށް ލިބުނީ 1 މިނެޓެވެ. މި ވަރުންވެސް އިސްރާއީލުގެ އަސްކަރިއްޔާއަށް ހުރަސް އެޅޭތޯ ފަލަސްތީނުގެ ރައްޔިތުން މަސައްކަތްކުރިއެވެ. ނަމަވެސް ނާކާމިޔާބުވެ، ލޯބޯ ފިއްސައިގެން އިމާރާތްކުރި ގެ ބިމާ ހަމަކުރި މަންޒަރު ބަލަން ތިބެން ޖެހުނީއެވެ.

"އަހަރެންގެ އަމިއްލަ ބިމެއްގައި އަހަރެންނަށް ގެދޮރު ނޭޅެންވީ ކިއްވެ؟ އަހަރަމެން ދާނީ ވަކި ކޮންތާކަށް؟ އަހަރެންގެ ދަނޑުބިންތައް ހުރީ މިތާނގަ. ދަރިން މިއުޅެނީ މިތާ... ދެން ކޮން ތާކަށް ދާނީ؟" އުއްމު ނަސީމް އަމާނީ ބުންޏެވެ.

އެތައް މަހަކުން އިމާރާތް ކުރި ގެ ބިމާ ހަމަކޮށްލުމަށް އިސްރާއީލު އަސްކަރިއްޔާއަށް ބޭނުންވީ ކުޑަ ވަގުތު ކޮޅެކެވެ. އެވަރުންވެސް އުއްމު ނަސީމް އަމާނީ މެން ތިބީ އަމިއްލަ ވަޒަން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނިދާނީވެސް އެ ބިމުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލުން ނުފޫޒު ފޯރުވަމުންދާ އިރުމަތީ ގުދުސްގައި ދިރިއުޅެމުންދާ ނިހާދު ސްބޭހާއަށްވެސް ވަނީ އުނދަގޫ ނިންމުމެއް ނިންމަން މަޖުބޫރުވެފައެވެ. މިވަގުތު އޭނާ ދިރިއުޅެމުންދަނީ އޭނާ ސިފަކުރާ ގޮތުންނަމަ އޭނާގެ "ހުވަފެނީ ގަނޑުވަރުގަ" އެވެ. ނަމަވެސް އިސްރާއީލުންވަނީ މި ގެ ބިމާ ހަމަކުރުމަށްވެސް އަންގާފައެވެ. ހުއްދަ ނެތްކަމަށް ބުނެއެވެ.

ނަމަވެސް، އޭނާގެ އަމިއްލަ އަތުން ބިނާ ކުރި ހުވަފެނުގެ ގަނޑުވަރު، އަމިއްލަ އަތުން ބިމާ ހަމަކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެކަން، ބުއްދި ހުރި ކޮންމެ މީހަކު ގަބޫލު ކުރާނެއެވެ. ނިހާދަށް ދެން އޮތް ގޮތަކީ، އިސްރާއީލުން އައިސް އެ ގެ ސުންނާފަތި ކޮށްލާ މަންޒަރު ބަލަން ހުރުމެވެ. ދެ ގޮތުންވެސް އޭނާގެ ގެދޮރު ގެއްލުނީއެވެ.