ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިސް އިބްރާހީމް އައްޔަން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިސް އިބްރާހީމް އައްޔަން ކޮށްފައިވާ ކަމަށެވެ.
މިހާރު އެޗްޑީސީގެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ ޖުމްލަ 6 މެންބަރުންނެވެ. އެއީ ޖައިސްއާއި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދާއި، ޑިރެކްޓަރު އިބްރާހިމް އަފްރަތާއި ޑިރެކްޓަރު އަބްދުﷲ ރަމީޒާއި ޑިރެކްޓަރު އަހުމަދު އާތިފްގެ އިތުރުން ޑިރެކްޓަރު ހަސަން މުނީރެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިސް މިއަދު އައްޔަންކޮށްފައިވާ އިރު އިއްޔެ ވަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އުވާލައި އެ ތަނުގެ މަސައްކަތް އެޗްޑީސީން ކުރާ ގޮތަށް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން ދާކަމަށް ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާގިލި އިބޫ) ވިދާޅުވެފައެވެ. އެގޮތުން މިކަމާ ގުޅިގެން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްޓަކައި ޖީއެމްއައިޒެޑްއެލްގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމަވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އަސާސީ ގަވާއިދަށް އިސްލާހު ގެނައުމާއި ޝެއާ ޓްރާންސްފާ ކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު ވިދާޅުވީ، ދެކުންފުނި އެއްކޮށްލުމާ ގުޅޭ ގޮތުން މުއާމަލާތްތަކެއް ކުރިއަށް ދާ ކަމަށާއި އެ ކަމުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ.
ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންކަން ބަލަހައްޓަމުން އަންނަ ކުންފުންޏެވެ.