މަދަނީ އިޖުރާއަތުގެ ބިލުން ގާއިމުކުރާ މަދަނީ އަދުލުގެ ނިޒާމު ބައްޓަން ކުރެވިގެން ދާނެގޮތާއި، ބިލުގައި ހިމެނޭ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ގާޒީން ވަނީ ވައިވެރިވެ ވަޑައިގަންނަވާފައެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ، މަދަނީ އަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.