ދައުލަތް ދަރައިފާނެ ކަމުގެ އިހުސާސް ކުރެއްވުނު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ދައުލަތް ދަރައިފި ނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށާއި އެ ހާލަތަށް ކަންކަން ދިޔަ ނުދެއްވާނެ ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަން ވިދާޅުނުވެ ނަޝީދު ވިދާޅުވީ، އަމިއްލަ ކުންފުންޏަކަށް ދައުލަތުން ދީފައިވާ ގެރެންޓީއެއް ނުދެއްކުމުގެ ސަބަބުން ދިމާވި ކަންކަމާ ހެދި ދައުލަތް ދަރައިފާނެ ކަމުގެ ބިރު އެ މަނިކުފާނަށް ހީފުޅުވި ކަމަށެވެ.
ނަޝީދު ވިދާޅުވީ ދައުލަތް ދަރާފާނެ ކަމުގެ ބިރުވެރިކަން މިދިޔަ ހަފުތާގައި އިހުސާސްވި ކަމަށެވެ. އަދި އެއީ ސޮވެރިން ގެރެންޓީއެއް ދީފައި އޮތީ އަމިއްލަ ކުންފުންޏަކަށް ކަމަށް ވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންނެވި އިރުގައި ވަރަށް ފަސް ވެއްޖެ ކަމަށް ވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ސިޔާމްގެ ކުންފުންޏަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބޭންކުން ވަނީ މީގެ ކުރިން އަންގާފައެވެ. އެ ކުންފުނިން އެގްޒިމް ބޭންކުން ނަގާފައިވަނީ 127 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭއެސްއެޗް ކުންފުންޏަށް ސަރުކާރުގެ ގެރެންޓީއާ އެކު އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނާ ގުޅިގެން ނުދައްކާ ހުރި ފައިސާގެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައި، އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް މިއަދު ވަނީ ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައި ކަމަށެވެ.
އޭއެސްއެޗަށް ކުރީގެ ސަރުކާރުން 2017 ގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއަކީ 2017، 14 ޑިސެމްބަރު ގައި "ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލު، 2017، 13 އޮގަސްޓް" ގެ ދަށުން ދޫކޮށްފައިވާ ގެރެންޓީއެކެވެ. އެގޮތުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށް 2017، 06 ނޮވެމްބަރު ގައި ވަނީ އެގްޒިމް ބޭންކުން އޭއެސްއެޗްއާއެކު 127،500،000 ޑޮލަރުގެ ލޯނަށް ސޮއިކޮށްފައެވެ. އެއީ ކުރީގެ ސަރުކާރުން ދީފައިވާ ސޮވްރިން ގެރެންޓީއެއްގައި ދަށުންނެވެ.
ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖެނުއަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗުން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުން އަންގާފައިވާ ކަމަށް ފިނޭންސުން ބުނެއެވެ.