ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އުވާލައި އެ ތަނުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރާ ގޮތަށް ހަމަޖެއްސުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާގިލި އިބޫ) 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދެކުންފުނި އެއްކޮށްލުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްޓަކައި ޖީއެމްއައިޒެޑްއެލްގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމަވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އަސާސީ ގަވާއިދަށް އިސްލާހު ގެނައުމާއި ޝެއާ ޓްރާންސްފާ ކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު ވިދާޅުވީ، ދެކުންފުނި އެއްކޮށްލުމާ ގުޅޭ ގޮތުން މުއާމަލާތްތަކެއް ކުރިއަށް ދާ ކަމަށާއި އެ ކަމުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ.

"ދް ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖީއެމްއައިޒެޑްއެލް އެޗްޑީސީގެ ދަށަށް ބަދަލުކުރާ ސިޓީ ވަނީ ޖީއެމްއައިޒެޑްއެލް އަށް ފޮނުވާފައެވެ. އަދި މުވައްޒަފުންވެސް އެޗްޑީސީގެ ދަށަށް ބަދަލު ކުރާ ކަމަށާއި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެންލޭ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންކަން ބަލަހައްޓަމުން އަންނަ ކުންފުންޏެވެ.

ޖީއެމްއައިޒެޑްއެލް އެޗްޑީސީއާ އެއްކޮށްލާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެއީ "އެމްވީ ސީ ހޯމް ސެފަޔާ" އަކީ ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އަޅާފައި އޮތް ވެރިއަކު ނެތް "އެމްވީ ސީ ހޯމް ސެފަޔާ" ނަމަކަށް ކިޔާ ދަގަނޑު ބޯޓު ނައްތާލުމަށް ޖީއެމްއައިޒެޑްއެލް ކުންފުންޏަކާ ހަވާލު ކުރި މައްސަލަައެވެ.

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޖީއެމްއައިިޒެޑްއެލުން ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާއި ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދީފައިވާ ލަފާތަކާ މުޅިން ހިލާފަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ބޯޓު ނަގަން ހަވާލު ކުރި އިރު އެ ކުންފުނި ރަޖިސްޓްރީ ކުރިތާ ވީ 1 ދުވަސްކަން ވަނީ އެނގިފައެވެ. އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

ބޯޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާއި އޮޑިޓް އޮފީހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕާކްވަންއާ އެކު ޖީއެމްއައިޒެޑްއެލްއިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރެއެވެ. މި ފައިސާ ދައްކަން ގްރޭޓާ މާލެއަށް އެންގީ ފަސް ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި ފައިސާ ނުދިނުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ދަނީ ކޯޓުން ބަލަމުންނެވެ.