ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި، ޕާޓީ ކުރުމަށާ، އެއްތަންވެ ސަކަރާތް ޖަހާ މަޖާ ކުރުމަށް އުފެދެމުންދާ ޝައުގު ކޮންޓްރޯލު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އޮފިޝަލުން، އަދުގެ ޒުވާން ޖީލަށް ގޮވާލައްވައިފިއެވެ.

ބަލިމަޑުކަމުގެ ފުރަތަމަ ރާޅާއެކު ގައުމުތަކުން ތަންފީޒު ކުރަން ފެށި ހަރުކަށި ލޮކްޑައުންގެ އަމުރުތަކާއެކު ގޭބަންދުވެ، ފޫހިކަމުގެ އޮއެވަރެއްގައި ޖެހިފައި ތިބި ޒުވާނުންނަކީ، މިއަދު ބައެއް ގައުމުތަކުން ރެކޯޑް އަދަދަކަށް ރިޕޯޓް ކުރަމުންދާ ކޭސްތަކުގެ އެންމެ ބޮޑު އެއް ސަބަބު ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ސަބަބަކަށް ވަނީ، ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ދިން ލުއި ތަކާއެކު ޕާޓީ ކުރުމާ، ބާބަކިއުތައް ބޭއްވުމަށް ޗުއްޓީ ދަތުރުތައް ދާ މިންވަރު ޒުވާން އާބާދީގެ މެދުގައި މި ބަލިމަޑުކަމުގެ ތެރޭގައިވެސް އިތުރު ވަމުން އަންނަ ކަމެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކެއް/ފޮޓޯ: ޓީން ވޯގް

"ޒިންމާއެއް އޮތްކަން ޒުވާނުންވެސް މިހާރު ގަބޫލުކުރަން ޖެހިއްޖެ. އަމިއްލަ ނަފުސާ ސުވާލު ކޮށްލާ... ހަމަ ކޮންމެހެންވެސް އަހަރެން ޕާޓީއަށް ދާންޖެހޭތޯ، ސުވާލު ކޮށްލާ"، ޑަބްލިއުއެޗްއޯގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ އަދި 3 ދަރިންގެ ބައްޕަ، ޑރ މައިކް ރާޔަން، އަދުގެ ޒުވާން ޖީލަށް ވިދާޅުވިއެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސަރު ހަށިގަނޑަށް ފޯރުމުން، ޒުވާނުންނަށްވުރެ މުސްކުޅިންނަށް އެކަމުން ލިބޭ ގެއްލުން ބޮޑުވި ކަމުގައި ވީ ނަމަވެސް، އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުން މި ވައިރަހަށް އިންފެކްޓްވި ނިސްބަތް، ފާއިތުވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި 3 ގުނަ އިތުރުވި ކަމަށް ޑަބްލިއުއެޗްއޯގެ ރެކޯޑްތަކުން ދައްކައެވެ.

ޑރ ރާޔަން ވިދާޅުވީ، ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އެކީ އެއްތާވީ މީހުންނާ އެކުވެރިންގެ ވަނަވަރު ބަޔާންކޮށްދިނުމަށް ޒުވާނުން ފަސްޖެހެމުންދާ ކަމަށެވެ. ނަމަވެސް، މިއީ ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް މިވަގުތަށް އިންތިހާއަށް ބޭނުންވާ މައުލޫމާތެއް ކަންވެސް ޑރ ރާޔަން ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ޑަބްލިއުއެޗްއޯގެ މަރުކަޒީ އިދާރާ ގާއިމު ކޮށްފައި ހުންނަ ސުވިޓްޒަލަންޑްގައިވެސް ޒުވާނުންގެ މެދުގައި މިކަން އޮވެއެވެ. އެގޮތުން ދާދި ފަހުން ޒިއުރިކްގެ ނައިޓް ކުލަބުން ކޭސް ފެނި، ކޮންޓެކްޓް ޓްރޭސް ކުރުމުގެ ތެރޭގައި ޒުވާނުންތަކެއް ނަން އޮޅުވާލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއް ޒުވާނަކު، އޭނާގެ ނަމަކީ "ޑޮނާލްޑް ޑަކް" ކަމަށްވެސް ބުނެފައިވެއެވެ.

ކަންމިހެން އޮތްއިރު، ޑަބްލިއުއެޗްއޯގެ އެޕިޑެމިއޮލޮޖިސްޓް އަދި ކޮވިޑް-19ގެ ޓެކްނިކަލް ހެޑް ޑރ މާރިއާ ވެން ކެރްކޯފް ވަނީ، ބަލީގެ އަލާމާތްތައް މާ ބޮޑަށް ނުފެނު ކަމުގައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ދެމިގެން ދަނިވި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.