އިނގިރޭސިވިލާތުގައި މޭވާއާއި ތަރުކާރި ހައްދާ މީހެއް ގާތުގައި މަސައްކަތް ކުރަމުންދިޔަ ލިތުއޭނިއާއަށް ނިސްބަތްވާ މީހަކު ހޯދާ ނުފެނި، މަރުވީ ކަމަށް ނިންމާ، ތަހުގީގުތައްވެސް ފަށާފައިވަނިކޮށް، ދިރިހުއްޓާ ފެނިއްޖެއެވެ.

ރިކާޑްސް ޕުއިސީސް ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އުމުރުން 35 އަހަރުގެ ޕުއިސީސް ގެއްލިގެން ކަންބޮޑުވުންތައް އުފެދުނީ އެންމެ ފަހުން އޭނާ ފެނުނު ފަހުން އައި ހޯމަ ދުވަހު ވަޒީފާއަށް ނުނިކުތް ހިއްސާބުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހާ ހިސާބަށް އާދެވުނުއިރު، ޕުއިސީސް މަރާލީ ކަމަށް ނިންމާ، ތަހުގީގުތައްވެސް އޮތީ ފަށާފައެވެ.

ނަމަވެސް އެ ތަހުގީގު އެއްވެސް ކޮޅެއްގައި ނުޖެހި ދިގުލައިގެން ގޮސްފައިވަނިކޮށް، އެ ކޭސް ނިންމާލާފައިވާ އިނގިރޭސިވިލާތުގެ ފުލުހުން ހާމަކުރީ، ޕުއިސީސް ދިރިހުއްޓާ ފެނުނު ހިސާބުންނެވެ.

މަރާލިކަމަށް ނިންމާ ތަހުގީގު ފެށިފަހުން ޖަންގަލި ބޯ ސަރަހައްދުގައި ދިރިއުޅެމުންދަނިކޮށް ފެނުނު ރިކާޑްސް ޕުއިސީސް/ފޮޓޯ: އިނގިރޭސި ފުލުހުން

ޕުއިސީސް މިހާރު ހުރީ ރައްކާތެރި ހާލަތުގައި ކަމަށާ، އޭނާ މިއޮތް ހާ ދުވަހު އުޅުނީ ބޯ ޖަންގަލި ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އެކަން ކުރީ ބަޔަކު އޭނާގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތް ކުރުމުން ކަމަށްވެސް ޚަބަރު ލިބެއެވެ.

ޕުއިސީސް ދިރިހުއްޓާ ފެނުނީ ޖުލައި 1 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ މައުލޫމާތު ހާމަ ނުކޮށް އޮތީ، އޭނާއަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެވެން ދެކަށް ކަން، އިނގިރޭސިވިލާތުގެ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ، ޕުއިސީސްގެ ނާޖާއިޒު ފައިދާ ނަގަން ބަޔަކު އުޅުނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފާއިތުވީ 5 އަހަރެއްހާ ދުވަހު އިންތިހާ ނުރައްކާ ހާލެއްގައި ދިރިއުޅެފައި ހުރުމުން، ޕުއިސީސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.