ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ގޮވި ވަރުގަދަ ގޮވުންތަކުގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ގޮވުމުގެ އަސަރު މުޅި ބެއިރޫތަށް ހެން ކޮށްފައި ވާއިރު، މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައި ވާކަމަށް ޚަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބެއިރޫތުގެ ހޮސްޕިޓަލުތައް ދަނީ ފުރެމުންނެވެ. ސީރިއަސް އަނިޔާތަކާއެކު މީހުން ހޮސްޕިޓަލަށް ގެންދާއިރު، ހޮސްޕިޓަލުގެ ތަޅުންގަނޑު މަތީގައިވެސް މީހުންނަށް ފަރުވާ ދެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

ފުރަތަމަ ގޮވުމުގެ ބާރުގަދަ ކަމާއެކު އުފެދުނު ޝޮކްވޭވްގެ އަސަރު މުޅި ބެއިރޫތަށް ހެން ކުރި އިރު، ކިލޯމީޓަރެއް ދުރުގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ބަނދަރާ ކައިރި ސަރަހައްދުތަކުގައި ހުރި ބައެއް އިމާރާތްތައް ވެއްޓިފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ބެއިރޫތާ ދުރު ސަރަހައްދު ތަކަށްވެސް މި ލޮޅުމުގެ އަސަރު ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަން ތަޖުރިބާކުރި މީހަކު ކިޔައިދީފައިވާ ގޮތުގައި އެޕާޓްމަންޓް ފުރަތަމަ ހެލުނީ ހުރަހަށެވެ. އެއަށް ފަހު އިމާރާތުގެ ކުޑަދޮރުތައް ފަޅަފަޅައިގެން ދިޔައީއެވެ.

ދެވަނަ ގޮވުމެއްވެސް ގޮވާފައި ވާއިރު ބެއިރޫތުގެ ފަޒާގައި ވަނީ ދުން ބޯވެފައެވެ. މަންޒަރު ދުށް ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި، ފުރަތަމަ ގޮވުމުގެ އަޑަކީ ކަންފަތް ބީރުވާ ފަދަ އަޑެކެވެ. 150 މޭލު ދުރުން ސައިޕްރަސްއަށް ވެސް ގޮވުމުގެ އަޑު އިވުނު ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ބަނދަރު ސަރަހައްދު މުޅިން ހެން ސުންނާފަތި ވެފައި ވާއިރު، 16 ކިލޯމީޓަރުގެ ސަރަހައްދުގައި ހުރި އިމާރާތްތަކާ އުޅަނދުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ބެއިރޫތުގެ އެކި ހިސާބުތަކުން މިހާރު އިވެމުން ދަނީ ރުއިމުގެ އަޑެވެ.

ދެވަނަ ގޮވުން ގޮވާފައި ވަނީ އަވާހަރަ ކޮށްލާފައި ވާ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީގެ ގެކޮޅުގައި ކަމަށް ވެސް ޚަބަރު ލިބެއެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނުވެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ސާފު ނުވާއިރު، ބައެއް ފަރާތްތަކުން ދަނީ މިއީ ނިއުކްލިއާ ހަތިޔާރުގެ ގޮވުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ބަނދަރުމަތީގެ އެ ސަރަހައްދުގައި ގޮވާޒަތުގެ ހަތިޔާރު ތަކެއް ހުންނަން ޖެހުނު ސަބަބާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.

ލުބުނާނު ގުޑުވާލި މިހާދިސާއަކީ އިސްރާއީލާއި އަދި ހިޒުބުﷲ އާ ގުޅުމެއް ނެތް ހާދިސާއެއް ކަމަށް އެ ދެފަރާތުން ވަނީ ބުނެފައެވެ.