ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އެދިވަޑައިގެންފިއެވެ.

ޑަބްލިއުއެޗްއޯގެ މަރުކަޒީ އިދާރާ ގާއިމު ކޮށްފައި ހުންނަ ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާލުވީ، ކޮވިޑް-19ގެ ބަލިމަޑުކަން މިހާރުން މިހާރަށް ނިމުމަކަށް ގެންނާނެ ހަތިޔާރެއް މިވަގުތު ނެތް ކަމަށާ، އަދި ދުވަހަކުވެސް ނުލިބި ހިނގައިދާނެ ކަމަށެވެ. މިވަގުތަށް އޮތީ ބަލިމަޑުކަމުގެ ހުޅުގަނޑު އިތުރަށް ފަޅައިގެން ދިޔަ ނުދީ ހިފެހެއްޓުން ކަމަށާ، އެކަން ގުޅިފައި ވަނީ އާންމު ސިއްހަތުގެ އަސާސްތަކާ، ބަލި ކޮންޓްރޯލް ކުރުމާ ކަމަށެވެ.

ކޮވިޑް-19ގައި މަރުވި މީހެއްގެ އާއިލާ މެމްބަރަކު ސަހަރާގައި ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

މި ރޮނގުން ކުރެވިދާނެ ކަންތައްތަކުގެ މިސާލު ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ޓެސްޓު ކުރުމާ، އެކަހެރިވުމާ، ޕޭޝަންޓުންނަށް ފަރުވާ ދިނުމާ، އާބާދީތަކަށް މައުލޫމާތު ފޯރުކޮށްދިނުމާ، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާ، މާސްކު އެޅުމަކީ ކުރެވިދާނެ ކަންތައްތައް ކަމަށާ، މިއީ އެންމެންގެ ކިބައިންވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މި އުސޫލުން އަމަލުކޮށް ބަލިމަޑުކަން ކޮންޓްރޯލް ކުރެވެމުންވެސް އެ ގޮތުގައި ކުރިއަށް ދިއުމަށް ޑރ ޓެޑްރޯޒް ވަނީ އެދިވަޑައިގެންފައެވެ.

ނިއު ނޯމަލް: މާސްކު އަޅައިން އުޅޭ ބައެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ޑަބްލިއުއެޗްއޯއިންވަނީ ކޮވިޑް-19އާ ގުޅިގެން އެމާޖެންސީ ކޮމިޓީގެ ހާއްސަ ބައްދަލުވުމެއްވެސް މިދިޔަ ހަފުތާ ނިމެން ދަނިކޮށް، ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމާ ބެހޭ ތަފްސީލުތައް ހާމަކުރައްވާ ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކަށް އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދުތަކެއް ކޮމިޓީން އެކުލަވާލާފައިވާކަމަށެވެ. އޭގެ ތެރޭގައި ބަލިމަޑުކަމުގައި އަމަލު ކުރެވިދާނެ އެންމެ ރަނގަޅު އުސޫލުތައް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމާ، ސިޔާސީ ގޮތުން މިކަމަށް އެއްބާރުލުން ދިނުމާ، ގައުމީ ފެންވަރުގައި އިސްތިރާޖުތައް އެކުލަވަލާ ތަންފީޒު ކުރުމުގައި ލީޑާޝިޕަށް އަދާކުރެވިދާނެ ކަންތައް ހިމެނޭ ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނެއް އަދި ހޯދިފައި ނުވި ނަމަވެސް، މިމަސައްކަތް ކުރިއަށް ދަނީ ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައެވެ. މިމަސައްކަތް ކުރިއަށްދަނީ އެދެވޭ ރޫހެއްގައި ކަން ޑރ ޓެޑްރޯޒްވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން އޮތީ ހަމައެކަނި ސިއްހީ ކާރިސާއެއް ނޫން ކަމާ، މި ބަލިމަޑުކަމާއެކު އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ އަސަރުތަކެއްވެސް ކުރަމުން އަންނަ ކަން ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވަނީ ފާހަގަކުރައްވާފައެވެ.