ސޫރިއާގެ އަސްކަރީ އަމާޒުތަކަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާނެ ކަމަށް، އިސްރާއީލުގެ އަސްކަރިއްޔާއިން އިއުތިރާފު ވެއްޖެއެވެ.

މިފަދަ ގޮތަކަށް ދޭ ހަމަލާތަކަށް އިއުތިރާފުވުމަކީ އިސްރާއީލުން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

ސޫރިއާގެ ވެރިރަށް ދިމިޝްކުގެ ރަށްބޭރުގައި ގާއިމު ކޮށްފައިވާ އަސްކަރީ ޕޯސްޓުތަކަކަށް ހަމަލާ އަމާޒުވެފައި ވާ ކަމަށާ، މި ހަމަލާތަކުގައި "މާއްދީ" ގެއްލުންތަކެއް ލިބިފައިވާކަމަށް ސޫރިއާގެ ދައުލަތުގެ މީޑިއާއިންވެސް ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ، ސޫރިއާގެ އަސްކަރީ އަމާޒުތަކަކަށް ހަމަލާދީފައި ވަނީ، ދޭން އުޅުނު ބޮމުގެ ހަމަލާއެއްގެ ރައްދުގައި ކަމަށެވެ. އަދި އިސްރާއީލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކުގެ ސަރަހައްދުގައި ގޮވާތަކެތި ވަޅުލަމުން ދިޔަ 4 މީހަކު މަރާލާފައި ވާނެ ކަމަށްވެސް އައިޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ބުނީ މި 4 މީހުންނަކީ ވަކި ޖަމާއަތަކަށް ނިސްބަތްވާ ބައެއް ކަމަށް ބުނަން އަދި މާ އަވަސް ކަމަށާ، ނަމަވެސް މި ކަމުގެ ޒިންމާ އުފުލާ، ޖަވާބުދާރީ ވާންޖެހޭނެ ބަޔަކީ ސޫރިއާގެ ދައުލަތް ކަމަށެވެ.

ސޫރިއާގެ އަސްކަރީ އަމާޒުތަކަށް ދިން ހަމަލާ ތަފްސީލު ކޮށްދެމުން އައިޑީއެފްއިން ބުނީ، ހަމަލާ އަމާޒުކޮށްފައި ވާނީ އޮބްޒަވޭޝަން ޕޯސްޓްތަކާ، ޖާސޫސީ މައުލޫމާތު އެއްކުރުމަށް ހާއްސަ ކޮށްފައިވާ ނިޒާމުތަކަށް ކަމަށެވެ. މީގެ އިތުރުން އެންޓި-އެއާކްރާފްޓް އާޓިލަރީ ފެސިލިޓީތަކާ، ކޮމާންޑް/ކޮންޓްރޯލް ނިޒާމު ތަކަށްވެސް ހަމަލާ އަމާޒު ކޮށްފައި ވާނެ ކަމަށްވެސް އައިޑީއެފްއިންވަނީ ބުނެފައެވެ.

ސޫރިއާގެ ފަސްގަނޑުން އިސްރާއީލަށް އަމާޒުވާ ކޮންމެ ހަމަލާއެއްގެ ޒިންމާ އުފުލަންޖެހޭނެ ބަޔަކީ ސޫރިއާގެ ސަރުކާރު ކަމަށާ، އިސްރާއީލުގެ "އިސްތިގުލާލަށް" އުނިކަން އަންނަ ކޮންމެ ކަމަކާ ދެކޮޅަށް އިސްރާއީލުން ހަރަކާތްތެރި ވާނެ ކަމަށްވެސް އިސްރާއީލުގެ ދިފާއީ ބާރުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު، އިރާގާ ސޫރިއާ ހިއްސާކުރާ ބޯކަމާލް ސަރަހައްދަށް ވައިގެ މަގުން ދިން ހަމަލާތަކުގައި 15 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްއިން ވަނީ ހާމަކޮށްފައެވެ.

މިފަހަކަށް އައިސް އިސްރާއީލާ ސޫރިއާގެ ކުރިމަތިލުންތައް ގަދަވެ، ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.