ރޭ ދަންވަރުގެ ވަގުތުތަކުން ފެށިގެން އަފްގާނިސްތާނުގެ ޖަލެއްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކާ، ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުގެ ޒިންމާ، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުން އުފުލައިފިއެވެ.

މި ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް 21 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.

ނަންގަރުހާރް ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު އާޔަތުﷲ ޚުގްޔާނީ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ގައިދީންނާ، އާންމުންގެ ބައެއްގެ އިތުރުން ޕްރިޒަން ގާޑުންނާ ސަލާމަތީ ބާރުތަކުގެ މެމްބަރުން ހިމެނޭ ކަމަށެވެ.

އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިން އައިސިސްގެ ޓެރަރިސްޓް ދުއްވަމުންދިޔަ ވެހިކަލް، ޖަލުގެ ގޭޓުގައި ޖެއްސި ހިސާބުން ފެށުނު ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް 43 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނުގެ ޖަލަކަށް އަމާޒުކޮށް އައިސިސްއިން ދިން ހަމަލާގައި ފިލި ގައިދީންތައް އަތުލައިގަނެގެން އަނބުރާ ޖަލަށް ގެންދަނީ/ފޮޓޯ: ރޮއިޓާޒް

މިއަދުވެސް ހަމަލާތައް ބަދަލު ކުރުންތައް ކުރިއަށްދާއިރު، ހަނގުރާމަވެރިންގެ 3 މީހެއްގެ ފުރާނަ ދުއްވާލާފައިވާކަމަށް ޚުގްޔާނީ ވަނީ ހާމަކުރައްވާފައެވެ.

އޮފިޝަލުން ވަނީ މި ހަމަލާ ބަދަލު ކުރުންތަކުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމުގެ އިންޒާރު ދީފައެވެ.

މި ހަމަލާގެ ޒިންމާ އުފުލީ، އައިސިސްއިން އަފްގާނިސްތާނުގެ ނަންގަރުހާރްގައި އޮޕަރޭޓް ކުރަމުން އަންނަ ގޮފިންނެވެ.

ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދަނީ ޖަލު ސަރަހައްދުގައި ކަމަށް ވާއިރު، ގިނަ އަދަދެއްގެ ގައިދީން ޖަލުން ފިލާފައިވާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ނަންގަރްހާރްގެ ފުލުހުންގެ ތަރުޖަމާނު ތޯރިގު އަޒީޒު ވިދާޅުވީ 100 އެއްހާ ގައިދީން ފިލަން މަސައްކަތް ކުރިކަމަށާ، ނަމަވެސް ސަލާމަތީ ބާރުތަކުން އެ ގައިދީން ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް، ނަންގަރްހާރްގެ ޕްރޮވިންޝަލް ކައުންސިލްގެ އިސްވެރިޔާ އަހުމަދު ޢަލީ ހަޒަރަތު ވިދާޅުވީ، ގިނަ އަދަދެއްގެ ގައިދީން ފިލާފައިވާކަމަށެވެ.

މި ޖަލުގައި ގާތްގަނޑަކަށް 1500 އެއްހާ ގައިދީން ތިބޭ ކަމަށާ، އޭގެ ތެރެއިން ގިނަ މީހުންނަކީ އަފްގާނިސްތާނުގައި އޮޕަރޭޓް ކުރާ އިސިސް ގޮތްޕާ ގުޅުން އޮންނަ މީހުން ކަމަށް ޚަބަރު ލިބެއެވެ.

ޖަލާލްއާބާދުގެ ޖަލަކަށް އަމާޒުކޮށް އައިސިސްއިން ހަމަލާ ދީފައި މިވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އައިސިސްގެ އިސް ކޮމާންޑަރަކު މަރާލާފައިވާކަމަށް އަފްގާނިސްތާނުގެ ސްޕެޝަލް ފޯސަސްއިން ހާމަކޮށްފައިވަނިކޮށެވެ.