ޒުމްރާ ދާވޫދަކީ މާ ގިނަ ދަރިން ހޯދަނީ ކަމަށް ބުނެ، ދެން ނުވިހާނެ ގޮތް ހެދުމަށް ޗައިނާ ސަރުކާރުން މަޖުބޫރުކުރި މުސްލިމު އަންހެނުންނެއްގެ ތެރެއިން އެކަކެވެ.
ޗައިނާގައި މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ ޝިންޖިއާންގްގެ ވެރިރަށް އުރުމްޗީގައި ކުރިން ވަޒަންވެރިވެގެން ދިރިއުޅުނު، އުމުރުން 38 އަހަރުގެ ޒުމްރާއަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރަމުންދާ ވީގޫރު ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. ދަރިން ނުލިބޭ ގޮތް ހެދުމަށް ޗައިނާ ސަރުކާރުން ޒުމްރާއަށް މަޖުބޫރުކުރުވީ 2018 ވަނަ އަހަރު، 3 ވަނަ ދަރިފުޅު އުފަންވި ހިސާބުންނެވެ. 3 ވަނަ ދަރިފުޅަކީ، ޗައިނާގެ ސަރުކާރުން ދަރިން ހޯދަން ހުއްދަ ދީފައިވާ "ކޯޓާ"އަށް ވުރެ 1 ދަރި އިތުރު އަދަދެކެވެ. މީގެ އިތުރުން ޗައިނާގެ މައި ސަރުކާރުން ވަނީ ގާތްގަނޑަކަށް 2600 ޑޮލަރުން ޒުމްރާ ޖޫރިމަނާވެސް ކޮށްފައެވެ.
ދަރިން ނުލިބޭ ގޮތް ހެދުމަށް ހަދަން ޖެހޭ އޮޕަރޭޝަންގެ މަޖުބޫރުކަން އޭނާއަށް ކުރިމަތި ކުރުވީ، ބަނޑުއަޅާ ދަރިއަކު ވިހޭ ކަމަށްޓަކައި ޖޫރިމަނާ ދައްކަން ދިޔަ ވަގުތުއެވެ.
ޒުމްރާ ބުނި ގޮތުގައި ކަމާބެހޭ ފަރާތްތަކުން އޭނާ ކުލިނިކަކަށް ގެންދިޔައެވެ. އަދި އައިވީއެއް ގުޅާ، ހޭނައްތާލިއެވެ. ވީނުވީ އެއް އެނގުނީ، ހޭ އެރުމުން ޑޮކްޓަރު ދެއްކި ވާހަކަތަކުންނެވެ. ދަރިމައިވުމުގެ ނިޒާމުގެ ބޭނުން ކަނޑުވާލީއެވެ. ދާއިމަށެވެ. އިތުރު ދަރިއަކު ލިބުމުގެ ފުރުސަތު ނެތްކަން ޒުމްރާއަށް ގަބޫލުކުރަން ޖެހުނެވެ.
ގަތުލުއާންމުގެ ފުރަތަމަ ޓާގެޓަކަށް އަންހެނުން
މިއީ ހަމައެކަނި ޒުމްރާގެ ހާލެއް ނޫނެވެ. ވީގޫރު އަންހެނުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ މިފަދަ ޖަރީމާތަކުގެ ވާހަކަ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިއަދު ދައްކައެވެ. ދަރިން ލިބުމުން މަހްރޫމް ކުރުވުމާ، ކޮމިއުނިސްޓް އުސްލޫބުތަކަށް ބޯލަނބަން މަޖުބޫރު ކުރުވުމުގެ އިތުރުން، ޖިންސާނީ ގޯނާގެ ޝިކާރައަކަށްވާ ވީގުރު މުސްލިމު އަންހެނުންގެ އަދަދު މަދެއް ނޫނެވެ.
ހައްދު ފަހަނައަޅާ ދިއުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ޝީންޖިއާންގްގައި ޗައިނާ ސަރުކާރުން ހިންގަމުންދާ "ވޮކޭޝަނަލް" ތަމްރީނު ދޭ މަރުކަޒުތަކުގައި ތިބި ގައިދީންގެ އަދަދު މި ހާރު 2 މިލިއަނަށް އަރާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ލަފާކުރެއެވެ.
ރަހީމާ މަޙްމޫދަކީ ޝީންޖިއާންގްއިން ނިކުމެ، އަމިއްލައަށް އަރުވާ ލެވިގެން ލަންޑަންގައި ދިރިއުޅެމުން އަންނަ މީހެކެވެ. ރަހީމާއަކީ ވޯލްޑް ވީގޫރު ކޮންގްރެސްގެ ޑައިރެކްޓަރަކެވެ. ރަހީމާ ބުނި ގޮތުގައި ޝީންޖިއާންގްއަކީ އަންހެނުންނަށް ދުނިޔެމަތީގެ "ޖަހައްނަމަ" އެވެ.
"ކޮންމެ ގަތުލުއާންމެއްގައިމެ ހެން، ފުރަތަމަ ޓާގެޓަކީ އަންހެނުން. ޝީންޖިއާންގައި، ފުޅާ ދާއިރާއެއްގައި ވަރަށް ސީރިއަސް ޖަރީމާއެއް ހިންގަމުންދަނީ" ރަހީމާ ބުންޏެވެ.
ޗައިނާގެ ފަލްސަފާ އަންހެނުންނާ ދެކޮޅު
ޗައިނާ ސަރުކާރުން ދަނީ މި ހުރިހާ ތުހުމަތަކަށް އިންކާރު ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ޒުމްރާގެ ވާހަކަތައް ދޮގުކުރިއެވެ.
ޗައިނާގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ނަމުގައި އެ ގައުމުން ހާއްސަ މަސައްކަތްތަކެއް ފެށީ 1980 ވަނަ އަހަރުއެވެ. އަންހެނަކު ބަލިވެ އިންނާނެ އަދަދަށް ދަންދެން ކަނޑައެޅި ސަރުކާރުގެ ސިޔާސަތުތަކުންނެވެ. ކޮންމެ އަންހެނަކަށްވެސް ހައްގުވަނީ އެންމެ ދަރިއެއް ކަމަށް ކަނޑައެޅިއެވެ. މި ސިޔާސަތު ތަންފީޒު ކުރުމަށް މަޖުބޫރުން ދަރި ވައްޓާލުވުމާ، ދޭތެރެ ދުރުކުރާނެ އުސޫލުތައް ބޭނުން ކުރުވުމުގެ ނަތީޖާއެއްގެ ގޮތުން 400 މިލިއަނެއްހާ ދަރިން "އުފަންނުކުރުވާ، ނައްތާލި" ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮންމެ އަންހެނަކަށް 2 ދަރިން ހައްގު ކަމަށް ކަނޑައެޅީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޗައިނާގެ އާބާދީ ހީނަރުވާ އަތަށް އެޅި ހިސާބުންނެވެ. ޝީންޖިއާންގެ ރަށްފުށު ހިސާބުތަކުގައި ކޮންމެ ދެމަފިރިއަކަށް 3 ދަރިން ހުއްދަ އޮތެވެ. ޗައިނާއިން ބުނާ ގޮތުގައި އެއީ ނަސްލީ ބައިމަދު މީހުންގެ ހައްގުގައެވެ.
ކަންމިހެން އޮތް ނަމަވެސް، ވީގޫރު ދަރިކޮޅަށް އުފަންވާ ކުދިންގެ އަދަދު މަދުކޮށް، ވީގޫރު އަބާދީ ފޮހެލުމަށް ޗައިނާ ސަރުކާރުން ހިފާފައިވާ އަމާޒު ސިއްރެއް ނުވިއެވެ. ދާދިފަހުން އާންމުވި ރިޕޯޓަކުން މިކަމަށް ހެކިތަކެއް ދިނެވެ. އެގޮތުން ދަރިން ނުލިބޭ ގޮތް ހެދުމަށް މަޖުބޫރު ކުރުވުމާ، ދޭތެރެ ދުރުކުރާނެ އުސޫލުތައް ތަންފީޒު ކުރުވަނީ މަޖުބޫރުންކަން ހާމަވިއެވެ.
އޭޑްރިއަން ޒެންޒް އެކުލަވާލި މި ރިޕޯޓަކީ އެތައް އަހަރެއްގެ މަސައްކަތުން އެއްކުރި ބަޔާންތަކާ ހެކިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓެކެވެ. ޝީންޖިއާންގްއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެއްކުރި މައުލޫމާތު އެ ރިޕޯޓްގައިވެއެވެ.
ޝީންޖިއާންގްއަކީ ޗައިނާގެ އެހެން ހުރިހާ ސަރަހައްދުތަކާ އަޅާ ބަލާއިރު، ސަގާފީ ގޮތުންނާ ނަސްލީ ގޮތުން އިންތިހާއަށް ތަފާތު ސަރަހައްދެކެވެ. މި ސަރަހައްދުގައި ގިނައީ ތުރުކީ ދަރިކޮޅުގެ ގުރޫޕުތަކެވެ. ފާއިތުވީ އަހަރުތަކަށް ބަލާއިރު، ޗައިނާގެ މައި ސަރުކާރާ ޝީންޖިއާންގްއާއި ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ.
ޒެންޒް ބުނެފައިވަނީ ގޮތުގައި ވީގޫރު އާއިލާތަކަކީ ޗައިނާގެ ސަރުކާރުން ކަނޑައަޅާފައިވާ ހައްދަށްވުރެ އެތައް ގުނައެއް އިތުރަށް ދަރިން ހޯދަމުންދިޔަ އާއިލާތަކެކެވެ. ބައެއް އާއިލާތަކުގައި 9-10 ދަރިން ތިބޭކަމަށްވެއެވެ. އޭރު އޮތް ހަމައެކަނި އަދަބީ ޖޫރިމަނާ ކުރުމެވެ. ނަމަވެސް، އާއިލާ ރޭވުމާ އާބާދީ ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސަރުކާރުން މުޑުދާރު، ލާއިންސާނީ ޖަރީމާ ފެށީ 2017 ވަނަ އަހަރު ކަމަށް ޒެންޒްވެސް ފާހަގަކޮށްފައިވެއެވެ. ނަތީޖާއަކަށްވީ، ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ދަރިން ހޯދާ މީހުންނާ މެދު ޝަރިއަތް ހިންގާ، ފަރާތްތައް ޖޫރިމަނާކޮށް، އިތުރަށް ހަރުކަށި އަދަބުތަކެއް ދިނުމެވެވެ.
ޗައިނާ ސަރުކާރުން އާންމުކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، 2018 ވަނަ އަހަރު މުޅި ޗައިނާގައި އާއިލާ ރޭވުމަށް ބޭނުންކުރާ އައިޔޫޑީގެ 80 ޕަސެންޓް ބޭނުންކޮށްފައިވަނީ ޝިންޖިއާންގްގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޗައިނާގެ އެހެން ސަރަހައްދުތަކުގައި އާބާދީ އިތުރު ކުރުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަމާޒު ހިފިއިރު، ޝީންޖިއާންގެ މުސްލިމުންގެ އާބާދީ މަދު ކުރުމަށް އަމަލީ މަސައްކަތް ފެށުމުންނެވެ. ސަރުކާރުގެ ރެކޯޑްތަކަށް ބަލާއިރު، ޝީންޖިއާންގްގައި ދަރިން ނުލިބޭ އޮޕަރޭޝަން ކުރި އަދަދު އިތުރުވެގެންދިޔައީ އިންތިހާއަށެވެ. ޝީންޖިއާންގްއާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ފާޅުގައި ނިކުތުމުގެ އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު، 2014 ވަނަ އަހަރުގެ ތެރޭގައި މިފަދަ 3214 އޮޕަރޭޝަނެއް ކޮށްފައިވާއިރު، 2018 ވަނަ އަހަރު މިއަދަދު ވަނީ 60440 އަށް އިތުރު ވެފައެވެ.
ޒެންޒް ބުނާ ގޮތުގައި މި ސިޔާސަތުތަކުގެ ސަބަބުން، ޝީންޖިއާންގްގެ ވީގޫރު އާބާދީ އިތުރުވާ މިންވަރު ދަނީ އިންތިހާއަށް ދަށްވަމުންނެވެ. މި އާބާދީ އިތުރުވާ މިންވަރު 2014 ވަނަ އަހަރު 15 ޕަސެންޓްގައި ހުރިއިރު، 2018 ވަނަ އަހަރު މި އަދަދު އޮތީ އެންމެ 4 ޕަސެންޓްގައެވެ. ކަންމިހެން އޮތްއިރު ޝިންޖިއާންގްގެ ބައެއް ސަރަހައްދުތަކުގައި އާބާދީ އިތުރުވަމުންދިޔަ ގޮތުގެ ތަފްސީލުވެސް އާންމު ކޮށްފައެއް ނުވެއެވެ.
ޒެންޒްގެ ހިސާބު ނުބައި؟
ޗައިނާ ސަރުކާރުން އޮޕަރޭޓްކުރަމުންދާ ގޯލްބަލް ޓައިމްސް ގައި ބުނާ ގޮތުގައި ޒެންޒްގެ ހިސާބުތައް ނުބައެވެ. ޗައިނާއިން ބުނާ ގޮތުގައި އާބާދީ އިތުރުވާ މިންވަރު ދަށަށް ގޮސްފައިވަނީ، ޝިންޖިއާންގްގައި އިލްމީ މީހުން އިތުރުވެ، އާމްދަނީ އިތުރުވުމުގެ ހެޔޮ ބަދަލުގެ ސަބަބުންނެވެ. 1978 ވަނަ އަހަރުން، 2018 ވަނަ އަހަރާށް ބަލާއިރު، ޝީންޖިއާންގްގެ ވީގޫރު އާބާދީ، 5.5 މިލިއަނުން 11 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް ޗައިނާގެ ސަރުކާރުން ބުނެއެވެ.
ޒެންޒް ބުނަމުންދަނީ، ވީގޫރު އާބާދީ މަދު ކުރުމަށް ޗައިނާ ސަރުކާރުން ހިންގާ ކެމްޕޭންގެ ސާބިތު ހެކި، އޭނާގެ އަތުގައި އެބަހުރި ކަމަށެވެ. 3 ދަރިން ހޯދަން ހުއްދަ އޮތް ނަމަވެސް، ބައެއް މީހުންނަށް ފުރަތަމަ ދަރިފުޅު ލިބޭ ހިސާބުންވެސް އައިޔޫޑީ ލެއްވުމަށް މަޖުބޫރު ކޮށްފައިވާކަމަށް ޒެންޒް ވަކާލާތު ކުރެއެވެ.
ޒެންޒްގެ މި ވާހަކަތަކަކީ ޗައިނާގެ މައި ސަރުކާރުން ހިންގާ ޑިޓެންޝަން ސެންޓަރުން އާންމުވި ވާހަކަތަކާވެސް ދިމާވާ ވާހަކަތަކެކެވެ. މި ސެންޓަރުތަކުގައި ތިބި އަންހެނުން ވަނީ، އިންޖެޝަނާ ބޭސް ދީގެން މައްސަރުކަންތަކާ އެމީހުން ދުރުކޮށްފައިވާކަމުގެ ވާހަކަތަކެއް ފެންމަތިކޮށްފައެވެ.
ޒުމްރާއަކީވެސް 2018 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މި ފަދަ ސެންޓަރެއްގައި 3 މަހެއްހާ ދުވަސް ހޭދަކުރި އަންހެނެކެވެ. ޒުމްރާވެސް ވަނީ ސެންޓަރުގައި އޭނާއަށް ދިން ބޭސްތަކެއްގެ ސަބަބުން މައްސަރުކަންތައް ހުއްޓުމަކަށް އައިކަން ފާހަގަކޮށްފައެވެ.
ގުލްޖީންގެ ކުލިނިކުގެ ވާހަކަ
ހަމައެކަނި ގުލްޖީންގެ ނަމުން މީޑިއާގައި ނަން ހާމަކުރި ޑޮކްޓަރަކީ 2012 ވަނަ އަހަރު ޝީންޖިއާންގްއިން ތުރުކީއަށް ފިލި މީހެކެވެ. 2013 ވަނަ އޭނާ ވަނީ އިސްތަންބޫލްގައި ކުލިނެކެއްވެސް ހުޅުވާފައެވެ. އެ ކުލިނުކައި ގުލްޖީންވަނީ، ޝިންޖިއާންގްއިން ފިލި 300 އެއްހާ ވީގޫރު އަންހެނުން ބަލާފައެވެ. މި ހުރިހާ އެންމެނަކީވެސް ދަރިން ނުލިބޭ ގޮތް ހެދުމަށް ނުވަތަ ދޭތެރެ ދުރުކުރުވުމަށް ކޮންމެވެސް ކަމެއް ކުރަންޖެހިފައިވާ މީހުން ކަމަށްވެއެވެ. މީގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ، ދަރިން ނުލިބޭ ގޮތް ހަދާފައިވާ މީހުންނެވެ.
ދަރިން ނުލިބޭ ގޮތް ހަދާފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެމީހުންނަށް ގުލްޖީން އެ ޚަބަރު ދިނުމުގެ ކުރިން އެކަން ނުވެސް އެނގި ތިބި ބައެއް ކަމަށް އޭނާ ބުންޏެވެ.
ބިއުޓީ ޕްރޮޖެކްޓް: މުސްލިމުންނަށް ކުރި ފުރައްސާރައެއް
ޒެންޒް ބުނާ ގޮތުގައި އޭނާ އަތުގައި ހުރި ހެއްކަކީ، ޗައިނާގެ މައި ސަރުކާރުން ޝިންޖިއާންގްގައި ގަތުލުއާންމު ހިންގަމުންދާކަން ބަޔާންކޮށްދެނިވި ހެކިތަކެކެވެ. ޖަރީމާއަކީ ގަތުލުއާންމެއް ކަމުގައި ބަލައިގަތުމަށް އދއިން ކަނޑައަޅާފައިވާ 5 ނުކުތާގެ ތެރެއިން ކަނޑައެޅިގެން 1 ނުކުތާ ފުރިހަމަ ވާ ހެކި އެބަހުރި ކަމަށް ޒެންޒް ދަނީ ވަކާލާތު ކުރަމުންނެވެ. އެއީ އާބާދީ ނައްތާލުމަށް، އަލަށް އުފަންވާ ކުދިންގެ އަދަދު އިތުރުވުން މަޑުޖައްސާލުމަށް ހިންގަމުންދާ ޖަރީމާއެވެ.
ޗައިނާގެ ސަރުކާރުގެ ފަރާތުން ލާއިންސާނީ އަނިޔާ ލިބޭ ވާހަކައަކީ ޝީންޖިއާންގެ އަންހެނުންގެ ފަރާތުން އާންމުކޮށް ލިބޭ ޝަކުވާއެކެވެ.
2015 ވަނަ އަހަރު ޗައިނާއިން ވަނީ މޫނު ނިވާވާ ގޮތަށް ބުރުގާ އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމުގައި ކަނޑައަލާފައެވެ. އަންހެނުން ހެދުން އަޅަންވީ މިންގަނޑެއްވެސް ޗައިނާއިން ކަނޑައެޅިއެވެ. ހެދުންތަކަކީ "ޒަމާނީ" ހެދުންތަކެއް ކަމުގައި ވުމަށް ލާޒިމު ކުރުވިއެވެ. ޝީންޖިއާންގެ ފޭރާން އުފައްދާ ކުންފުނިތަކަށް އެހީވުމުގެ ނަމުގައި "ބިއުޓީ ޕްރޮޖެކްޓް" ގެ ނަމުގައި ޗައިނާގެ ސަރުކާރުން ހިންގީ މި ޖަރީމާއެވެ.
ޝިންޖިއާންގްގައި މަސައްކަތް ކުރި ޔުނިވާސިޓީ އޮފް ކޮލޮރާޑޯގެ ޕޯސްޓްޑޮކްޓޯރަލް ރިސާޗް ފެލޯ، ޑެރަން ބައިލާ ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުން މަގުތަކުގައި ޗެކްޕޯސްޓްތައް ގާއިމުކުރިއެވެ. ވަކި ވަރަކަށް ވުރެ ދިގުކޮށް ހެދުން ލާ އަންހެނުން ހުއްޓުވާ، ކަތުރުން ހެދުންތައް ކަފަމުން ދިޔައެވެ. ޗައިނާ ސަރުކާރުން އަންގާ ގޮތުން ނަމަ އަންހެނުން ލާންޖެހޭނީ ގަމީހާ ފަޓުލޫނު ނުވަތަ ހަރުވާޅެވެ. މަތިން ލާ އެއްވެސް އެއްޗަކީ އުނަގަނޑަށް ވުރެ ތިރިއަށް ހުންނަ އެއްޗަކަށް ވެގެން ނުވާ ކަމަށް ބައިލާ ވިދާޅުވިއެވެ.
ގުލްބަކާރު ޖަލީލޯވާ ޝީންޖިއާންގްއަށް ވިޔަފާރި ދަތުރެއްގައި ދިޔައީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. ކަމާބެހޭ ފަރާތްތަކުން އޭނާ އަތުއަޅުވާލާ، ޑިޓެންޝަން ސެންޓަރަކަށް ލިޔެވެ. އެތަނުގައި އޭނާ 15 މަސްދުވަސް ހޭދަކުރިއެވެ. ގުލްބަކާރު ސިފަކުރި ގޮތުގައި އޭނާ ބަންދުކޮށްފައި އިނީ ޖަލު ގޮޅިއެއް ފަދަ ތަނެއްގައެވެ. ދެބަރިއަކަށް މީހުން ބައިތިއްބާފައި ތިބި ގޮޅީގައި އޭނާޣެ އިތުރުން 20 އަންހެނަކުވެސް އިނެވެ. ގުލްބަކާރު ކިޔައިދިން ގޮތުގައި ކޮންމެ 10 ދުވަހަކުން އެ މީހުން ގޯތި ތެރެއަށް ނެރެ، އޮރިއާން ކޮށްލައެވެ. އަދި އެ ހާލުގައި ގާޑުންގެ ކުރި މަތީގައި ވަކި ކަސްރަތުތަކެއް ކުރުވުމަށް މަޖުބޫރު ކުރުވާ ކަމަށާ، އެ ތަނުގައި ތިބި ބައެއް އަންހެން ކުދިންނަކީ އުމުރުން އެންމެ 14 އަހަރުގެ ކުދިން ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ގުލްބަކާރަކީ ގާޑުންގެ ފަރާތުން ރޭޕްގެ އަނިޔާވެސް ތަހައްމަލު ކުރި މީހެކެވެ. އެނޫންވެސް އެތައް ލާއިންސާނީ އަނިޔާއެއް އޭނާ އެ ސެންޓަރުގައި ތަހައްމަލު ކުރިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ގުލްބަކާރުގެ ވާހަކަތައްވެސް ދޮގުކޮށްފައެވެ. އޭނާއަކީ އެ ބުނާ މަރުކަޒެއްގައި އިން މީހެއް ނޫން ކަމަށް ޗައިނާއިން ބުނަމުންދިޔައެވެ. ނަމަވެސް، މި ސެންޓަރުތަކުން ފިލައިގެން، އެހެން ސަރަހައްދުތަކަށް އަރުވާލެވިގެން އުޅޭ މީހުންގެ ވާހަކަ ތަފާތެވެ.
މިވަގުތު އެމެރިކާގެ ހިމާޔަތުގައި ހުރި ޒުމްރާ ސިފަކުރި ގޮތުގައި ޗައިނާގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ޝިންޖިއާންގްއިން ވީގޫރުގެ ނަސްލު ފޮހެލާށެވެ.