ޗައިނާއިން ބޭރުގައި ދިރިއުޅޭ އުއިގޫރު ރައްޔިތުންނަށް އެގައުމުން ބިރުދައްކަމުން ދަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ޖާސޫސް ކުރުމަށެވެ. ރެފިއުޖީންނާއި އެކްޓިވިސްޓުން ވަނީ މިކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާ އަސަރުތައް ހާމަކޮށްފައެވެ.
"އަހަރެންގެ ލޯބިވާ ދަރިފުޅު" އާލިމްގެ މަންމަ އާލިމް އަށް ނަޒަރު ހިންގާލަމުން ބުންޏެވެ. "މަންމަ މަރުވުމުގެ ކުރިން ދަރިފުޅު ފެންނާނެ ކަމަކަށް ހީވެސް ނުކުރަން."
އާލިމް (އަސްލު ނަމެއް ނޫން) ބުނީ އެވަގުތު އޭނާ އަށް ކުރެވުނު އިހުސާސްތައް ބަޔާން ކުރަންވެސް ނޭނގޭ ކަމަށެވެ. ރެފިއުޖީއެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ފިލައިގެން ދިޔަތާ 6 އަހަރު ފަހުން މަންމަ އާ އަލަށް ވެސް އެ ބައްދަލު ވެވުނީ ވީޑިއޯ ކޯލަކުންނެވެ.
ނަމަވެސް އެ ކޯލަކީ ދެމައިންނަށް މިނިވަން ކަމާއެކު ވާހަކަ ދައްކާލެވުން ކޯލެއް ނޫނެވެ. އެ ކޯލް ކޮންޓްރޯލް ކުރަމުން އައީ އެހެން މީހެކެވެ. ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ މުސްލިމުންގެ މައިނޯރިޓީއެއް ކަމުގައިގައިވާ އުއިގޫރުންނެކޭ އެއްފަދައިން އާލިމްގެ މަންމަވެސް ދިރިއުޅެމުން ދަނީ ވަރަށް ބޮޑަށް މޮނިޓަރިންނާއި ކޮންޓްރޯލްގެ ދަށުގައެވެ. އެކަކު އަނެކަކަށް ސީދާ ގުޅާ، މުއާމަލާތު ކުރުމުގެ މިނިވަންކަމެއް ނުލިބެއެވެ.
އޭގެ ބަދަލުގައި މެދުވެރިޔަކު އާލިމް އާއި އޭނާގެ މަންމައަށް ފޯނު ކުރީ ވަކި ދެ މޯބައިލް އަކުންނެވެ. އެކަކު އަނެކަކު ފެންނަނީ ދެން އޮތް ފޯނުގެ ސްކްރީން މެދުވެރިކޮށެވެ. މަންޒަރުވެސް އަޑެއްވެސް އެހާ ސާފެއް ނޫނެވެ. އާލިމް ބުނީ އެ ކޯލުން ވާހަކަ ދެއްކުނީ ވަރަށް މަދުން ކަމަށާއި ގިނަ ވަގުތު ހޭދަވެގެން ދިޔައީ ރުއިމުގައި ކަމަށެވެ.
އޭނާގެ މަންމަގެ ފަހަތުން އޭނާއަށް ފެނުނު ހުދު ފާރަކީ ޝިންޖިއާންގައި ހުންނަ އެމީހުންގެ ގޭގެ ފާރުކަމެއް ނުވަތަ ޗައިނާ ސަރުކާރުން މިލިއަނަކަށް ވުރެ ގިނަ އުއިގޫރު ރައްޔިތުން ބަންދުކޮށްގެން ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ ކޭމްޕެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ޗައިނާއިން ވަނީ އެފަދަ ތުހުމަތުތަކަށް ވަރަށް ކުރީއްސުރެ އިންކާރު ކޮށްފައެވެ.
ނަމަވެސް އާލިމް ބުނީ އޭނާގެ މަންމައަށް މި ކުރެވުނު ކޯލަކީ އަގެއް އެކުލެވޭ ކޯލެއް ކަމަށް އޭނާއަށް އެނގޭ ކަމަށެވެ. ސަބަބަކީ އެ ކޯލް ގުޅައިދިން ފަރާތަކީ ޗައިނާ ފުލުހަކަށް ވާތީއެވެ.
ފުލުސް އޮފިސަރު ފަހުން އާލިމް އަށް ގުޅާފައި އޭނާގެ ކިބައިން އެދުނީ އުއިގޫރުންގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުންގެ ބައްދަލުވުން ތަކަށް ހާޒިރުވެ، އިންޓެލިޖެންސް އެއްކޮށް، އެ މައުލޫމާތު ޗައިނާގެ ދައުލާތާ ހިއްސާ ކުރުމަށެވެ.
"ލަންޑަނުގައި ޗައިނާއާ ދެކޮޅަށް މުޒާހަރާއެއް ބާއްވާ ކޮންމެ ފަހަރަކު އެ މީހުން އަހަންނަށް ގުޅައިގެން އަހާ ކާކުތޯ ބައިވެރިވަނީ". ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރުން އެދިފައިވާ ފޯނު ކޯލްތަކުގެ ރެކޯޑިންތައް އާލިމް ވަނީ މީޑީއާއާ ހިއްސާ ކޮށްފައެވެ.
ޖާސޫސް ކުރުމަށްޓަކައި އާލިމް އަށް ވަނީ ފައިސާވެސް ހުށަހަޅާފައެވެ. އެގޮތުން ކެމްޕެއިން ގްރޫޕްތަކުގެ ލީޑަރުންނާއި އިނގިރޭސި ވިލާތުގެ ރައްޔިތުން ގޮވައިގެން ރެސްޓޯރަންޓް ފަދަ ތަންތަނަށް ގޮސް ބިލުތައް ދައްކައިދީ އެމީހުންގެ އިތުބާރު ހޯދާ، އެމީހުންގެ އެޖެންޑާތަކުގެ މައުލޫމާތު ހޯދުމަށް އާލިމް އަށް ވަނީ ޕްރެޝާ ކޮށްފައެވެ.
އަލަށް ލިބުނު މުއްސަނދިކަމާމެދު އެހެން މީހުން ޝައްކު ކުރާނަމަ، ވިޔަފާރި ކުންފުންޏެއް އުފައްދާ އެކަމާ ފައިސާއާ ގުޅޭ ގޮތަށް ރައްޔިތުން ހައްދަންވެސް ފުލުސް އޮފިސަރު ވަނީ ލަފާދީފައެވެ. އެފަދައިން ވަރަށް ގިނަ ކުންފުނިތައް އެކި މީހުންގެ ފަރާތުން އުފައްދާފައި ވާކަމަށް އާލިމް ބުންޏެވެ.
ފުލުހުން އެދުނު ގޮތަށް އާލިމް ދެކޮޅު ހަދައިފިނަމަ، ޗައިނާގައި ތިބި އޭނާގެ އާއިލާއަށް އެކަމުގެ ހިތި ނަތީޖާ ފެންނާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ޗައިނާއން ބޭރުގައި އެމީހުންގެ ބާރުތައް ވަރުގަދަކޮށް ޖާސޫސް ކުރުމަށް ސަރުކާރުތަކުން ގެންގުޅޭ އުކުޅުތަކަށް ކިޔަނީ ޓްރާންސްނޭޝަނަލް ރެޕްރެޝަން އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޗައިނާ ސަރުކާރުން އާންމުކޮށް މި އުކުޅު ބޭނުން ކުރެއެވެ.
ޔުނިވާސިޓީ އޮފް ޝެފީލްޑްގެ ޑރ ޑޭވިޑް ޓޮބިން ވަނީ އޭނާގެ އެކުވެރިޔާ ނިރޯލާ އެލިމާއާއެކު މައުޟޫއަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްފައެވެ. އެ މީހުން ވަނީ ބައެއް ގައުމުތަކުގައި ތިބި އުއިގޫރުގެ ޑައިސްޕޯރާގެ 200 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކޮށް ސާވޭކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޗައިނާއިން ބޭރުގައި ދިރިއުޅޭ ހުރިހާ އުއިގޫރުންނަކީ ވެސް ބައިނަލްއަގްވާމީ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.
"އާއިލާ ވަކިވުމަކީ މައިގަނޑު އުކުޅު" އޭނާ ބުންޏެވެ. ޑރ ޓޮބިން ބުނީ ފޯނު ކޯލު ކުރުމުގައި ޓެކްނިކަލް ގޮތުން އެއްވެސް މައްސަލައެއް ދިމާނުވާ ނަމަވެސް، ޗައިނާގައި ދިރިއުޅޭ ގާތްތިމާގެ މީހުން ހަމަ ގަސްތުގައި ފޯނު ނުނަގާ ދޫކޮށްލާ ކަމަށެވެ. ސަބަބަކީ ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ކޯލްތައް މޮނީޓަކުރާނެ ކަމަށާއި، މިނިވަން ކަމާއެކު މުއާމަލާތު ކޮށްފިނަމަ އެކަމުން ނުރައްކަލެއް ނުކުމެދާނެ ކަމަށެވެ.
އާއިލީ ގުޅުންތައް ނެތެމުން އަންނާތީ ޗައިނާގެ ފުލުހުން އަންނަނީ ވީޑިއޯ ކޯލްތަކުގެ ޒަރިއްޔާއިން އާއިލާތަކަށް މުއާމަލާތު ކުރުމަށް މަޖުބޫރު ކުރަމުންނެވެ. ފުލުހުންގެ އެ އަމުރަށް ކަމޭ ނުހިތާނަމަ އާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ބިރު އެބައޮތެވެ.
އިނގިރޭސިވިލާތުގައި ޑރ ޓޮބިން ވަނީ ގާތްގަނޑަކަށް 400 މީހުންގެ އާބާދީ އަކުން 48 އުއިގޫރު ދަރިކޮޅުގެ މީހުންނާ އިންޓަވިއު ކޮށްފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ސީދާ ޗައިނާގެ ފުލުހުން ގުޅައި ޖާސޫސް ކުރުމަށް ބާރުއަޅާ، ހައްގުތަކަށް ވަކާލުތު ކުރުމާއި މީޑީއާތަކާ ވާހަކަ ދެއްކުން ހުއްޓާލުމަށް ޕްރެޝަރު ކުރިކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ޗައިނާގެ އިތުރުން އުއިގޫރުންގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަނީ ތުރުކީގައެވެ. ތުރުކީގައި އުއިގޫރުންގެ 50،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ އިރު، އެ ގައުމަކީ ޗައިނާއަށް ވުރެ އުއިގޫރުންނަށް ރައްކާތެރި ގައުމެކެވެ. ދިރާސާގައި ތުރުކީގައި ބައިވެރިވި 148 މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ވަނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ފަރާތުން އެފަދަ އިންޒާރުތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
2013 ވަނަ އަހަރު ޗައިނާ ދޫކޮށް ފިލި އަބްދުއްރަހީމް ޕަރައި އަށް އިސްތަންބޫލަށް ދެވުނީ 2014 ވަނަ އަހަރުއެވެ.
ނަމަވެސް ފާއިތުވި އަހަރުތަކުގައި ތުރުކީގެ އުއިގޫރުންނަށް މި މަންޒަރު ވަނީ ބަދަލުވެފައެވެ. ޗައިނާގައި ތިބި ފުލުހުން އެކަކު އަނެކަކަށް ޖާސޫސް ކުރުމަށް ޕްރެޝަރު ކުރި ކަމުގެ ރިޕޯޓްތައް މުޖުތަމައުގެ ތެރޭގައި ފެތުރި، އެކުވެރިކަމުގެ އިހުސާސްތައް ވަނީ ފުނޑުފުނޑު ވެފައެވެ.
ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި، އުއިގޫރުގެ ޒުވާން ފިރިހެނަކަށް އޭނާގެ ކައިރީގައި އުޅުން ބަޔަކު ވެގެން ވަނީ ހައްޔަރުކޮށް އަނިޔާކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ބެއިޖިންގެ ފަރާތުން ޖާސޫސް ކުރިކަމަށް އިއުތިރާފް ވެފައެވެ. އޭނާގެ އިއުތިރާފަށް މެދުވެރިވީ ކޮން ކަންތައްތަކެއް ކަން ސާފުނުވާއިރު، ސޯޝަލް މީޑިއާގައި އެމީހާއަށް ވަނީ ވަރަށް ގިނަ ރައްޔިތުންގެ ނުރުހުން އަމާޒުވެފައެވެ.
މިފަދަ ވާހަކަތައް މުޖުތަމައު ތެރޭގައި ފެތުރުމުން ނޭދެވޭ އަސަރުތައް ކުރާކަމަށް އަބްދުއްރަހީމް ބުންޏެވެ.
"އުއިގޫރު މުޒާހަރާތަކާއި ބައްދަލުވުންތަކުން ޒުވާނުން ދުރުވަމުން އެބަދޭ. އެމީހުން ކަންބޮޑުވަނީ އެތަނުގައި ތިބި މީހުންގެ ތެރޭގައި ޖާސޫސުން ތިބެދާނެތީ." އަބްރުއްރަހީމް ބުންޏެވެ. "ޗައިނާގެ ރޭވުންތައް މިދަނީ ކާމިޔާބުވަމުން."
ޑރ ޓޮބިން ދެކޭގޮތުގައި ތުރުކީގެ ކަމާބެހޭ ފަރާތްތަކަށް މިކަން ހިނގަމުންދާ ގޮތް އެނގޭ ނަމަވެސް އެކަމަށް އިޖާބަ ދިނުމުގައި މަޑުޖެހިފައިވާ ކަމަށް ބުންޏެވެ. ޗައިނާއިން ކުރާ އިންވެސްޓްމަންޓް ތަކަށް އެހެން ގައުމުތަކުން ބަރޯސާ ވާނަމަ، ޗައިނާގެ އެފަދަ އަމަލުތަކަށް ވެސް އެ ގައުމުތަކުން އެއްބާރުލުން ދޭނެ ކަމަށް ޑރ ޓޮބިން ބުންޏެވެ.
މިފަހަކަށް އައިސް ތުރުކީއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިވެފައި ވާކަމަށް ބެލެވޭއިރު، ތުރުކީގެ އުއިގޫރު މުޖުތަމައު ހިމާޔަތް ކުރުމަށް އެގައުމުން މަސައްކަތް ކުރާ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމާ ގުޅިގެން ތުރުކީ ސަރުކާރުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ޗައިނާއިން އަމާޒު ކުރަނީ ހަމައެކަނި އިގްތިސާދީ ގޮތުން ބާރުގަދަ ގައުމުތަކުގެ މީހުންނަށް އެކަންޏެއް ނޫނެވެ.
ވޮޝިންޓަން ޑީސީގައި ހިންގާ އުއުގޫރު ހިއުމަން ރައިޓްސް ޕްރޮޖެކްޓްގައި މަސައްކަތް ކުރާ އެމެރިކާއަށް އުފަން އެކްޓިވިސްޓެއް ކަމަށްވާ ޖޫލީ މިލްސަޕް ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ އާއިލާ މެދުވެރިކޮށް އޭނާ އަށް ޕްރެޝަ ކުރުމަށް ޗައިނާއިން މަސައްކަތް ކުރިއެވެ.
އޭނާގެ ފިރިމީހާ އަކީ އެ ގައުމުގެ އެންމެ ބޮޑު ނަސްލުގެ ތެރޭގައި ހިމެނޭ ހާން ޗައިނީޒްގެ މީހެކެވެ. އެ ދެމީހުން ބައްދަލުވީ 2020 ވަނަ އަހަރު އެމެރިކާގެ ވެރިރަށަށް ބަދަލުވުމުގެ ކުރިން ޗައިނާއިންނެވެ.
އުއިގޫރުންގެ ހައްގުގައި ޖޫލީ ކެމްޕެއިން ކުރަން ފެށުމުން، ޗައިނާގައި ތިބި އޭނާގެ އާއިލާއަށް އެގައުމުގެ ފުލުހުން ގުޅައި، ރައްޓެހިކަމުގެ ގުޅުން ބާއްވަން ބޭނުންވާ ކަމަށް ބުނެ ޕްރެޝަކުރަމުން ދިޔައެވެ.
ޖޫލީގެ ދަރިން "ޔަތީމުންގެ ގޮތުގައި" ނިމުމަކަށް އަތުވެދާނެ ކަމަށް ބުނެ، ޖޫލީގެ ފިރިމީހާގެ އެއްބަނޑު މީހެއްގެ ފޯނުން އިންޒާރުގެ މެސެޖްތައް އޭނާ އާއި ފިރިމީހާއަށް ލިބުނެވެ. "އެ މެސެޖުތަކުގައި ބަހުރުވަ ބޭނުންކޮށްފައި ހުރި ގޮތުން އެނގޭ އެއީ އެހެން މީހަކު ލިޔެފައި ހުރި މެސެޖު ތަކެއްކަން." އެކަމަށް ޝައްކު ކުރެވެނީ ޖޫލީގެ އާއިލާއަށް ޕްރެޝަރު ކުރަމުން އައި ޗައިނާގެ ފުލުހުންނަށް ކަމަށް ޖޫލީ ބުންޏެވެ.
ދާދި ފަހުން ވޮޝިންޓަން ޑީސީގައި ހުންނަ އޭނާގެ ފިރިމީހާ އާއި ޗައިނާގައި ހުރި އޭނާގެ ކޮއްކޮއާ ދެމެދު ކުރި ވީޑިއޯ ކޯލަކަށް ޗައިނާގެ ފުލުހުން ވަނީ އަރާފައެވެ. ޖޫލީ ވަނީ މި ކޯލު ރެކޯޑުވެސް ކޮށްފައެވެ. އެ ކޯލުގައި ޖޫލީ ވަނީ ފުލުސް އޮފިސަރުންނާ ކުރިމަތިލާފައެވެ. ޖޫލީގެ ޝައްކުތަކަށް އިންކާރުކޮށް، ފުލުހުން ބުނީ އެމީހުންގެ މަސައްކަތުގެ ނިޔަތާ މެދު ޝައްކު ނުކުރުމަށާއި، ގޭގެއަށް ފުލުހުން ޒިޔާރަތް ކުރަމުން އެދަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުމަށް ކަމަށް ބުނެފައެވެ.
ޗައިނާގައި ދިރިއުޅޭ އެހެން ނަސްލުގެ މީހުންނަށް ހިމާޔަތް ލިބޭވަރަށް އުއިގޫރުންނަކަށް ނުލިބެއެވެ. "އެކަމަކު އަދިވެސް މި ދައްކަނީ ފުލުހުންގެ ފުރައްސާރައިގެ ވާހަކައާއި، އިންޒާރުތަކުގެ ވާހަކަ." ޖޫލީ ބުންޏެވެ. ޖޫލީ ދެކޭގޮތުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބޭރުގެ ރައްޔިތުންނަށް އަމާޒުކޮށް އެމީހުންގެ މަސައްކަތްތައް ޑިކްޓޭޓް ކުރަން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެކެވެ.
އެމެރިކާ ސަރުކާރުން މިހާރު ވަނީ މިމައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ.
މިދިޔަ މާޗް މަހު ސެނެޓަރުން ވަނީ ޓްރާންސްނޭޝަނަލް ރެޕްރެޝަން ޕޮލިސީ އެކްޓް ތައާރަފުކޮށް، ބާރުގެ ބޭނުން ކޮށްގެން ކުރާ އެފަދަ އެތައް ގޯނާތަކެއް ލިސްޓު ކޮށްފައެވެ. މި ގާނޫނު ފާސްވެއްޖެނަމަ އިންޒާރުތައް ރިޕޯޓް ކުރުމަށް ހާއްސަ ފޯން ލައިނެއް އުފައްދައި، ކުށްކުރާ ފަރާތްތަކާ ދެކޮޅަށް ވީހާވެސް ގިނައިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކޮންގްރެސް އަށް ބާރު އެޅޭނެއެވެ.
ނޯވޭގައި ދިރިއުޅޭ އުއިގޫރުންގެ ހައްގުތަކަށް މަސައްކަތް ކުރާ އަބުދުވެލީ އަޔޫޕް ދެކޭ ގޮތުގައި އެމެރިކާގެ ގާނޫނަކީ މިކަންތައް ރަނގަޅު މަގަށް އެޅޭނެ ފިޔަވަޅެއް ކަމަށާއި ނަމަވެސް ހުޅަނގުގެ ސަރުކާރުތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އޭނާ ބުނިގޮތުގައި ކަމާބެހޭ ފަރާތްތަކަށް މައްސަލައެއް ހުށަހަޅާ ކޮންމެ ފަހަރަކު ސީދާ ޗައިނާ ސަރުކާރަށް ސުވާލު ހުށަހަޅަން ޖެހޭ ކަމަށާއި އާއިލާގެ މެމްބަރުން ސަލާމަތުން ތިބިކަމުގެ ޔަގީންކަން ހޯދުމަށްވެސް ޖެހެނީ އެދެންށެވެ.
އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ބުނީ ބޭރު ގައުމުތަކުގައި ފާޑުކިޔާ ފަރާތްތަކަށް ބިރު ދެއްކުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބައިނަލްއަގްވާމީ އަނިޔާވެރިކަމާ ގުޅޭ އިންޓާނަލް ރިވިއުއެއް ކުރިއަށްދާ ކަމަށާއި އެފަދަ ހުރިހާ ކަމެއް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ލަންޑަނުގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ އަނިޔާވެރިކަމުގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ޗައިނާ ސަރުކާރުން "އުއއިގޫރުންނާއި ބޭރުގެ ގާތްތިމާގެ މީހުންނާ މުއާމަލާތް ކުރުން ހިމާޔަތް ކުރަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށް އެ ބަޔާނުގައި ވެއެވެ.
އާލިމް އޭނާގެ މައްސަލަ ފުލުހަށް ހުށަނާޅަން ނިންމި ނަމަވެސް އޭނާގެ ހާލަތު ލަންޑަނުގައި ތިބި އުއިގޫރުގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް އެކްޓިވިސްޓުންނާ ވަނީ ހިއްސާ ކޮށްފައެވެ.
އެ ޖަމާއަތުގެ އެކަކު ބުނިގޮތުގައި އެ ރިކުއެސްޓް ތަކަކީ ވަރަށް އާންމު ރިކުއެސްޓް ތަކެއް ކަމަށާއި މުޖުތަމައުގެ ނަޒާހަތްތެރި ކަމަށް ގޮންޖެހުން ތަކެއް ކުރިމަތިވި ނަމަވެސް އެ މީހުން ވަކާލާތު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ގޮތެއް ނިންމުމުގެ ކުރިން އާލިމް ވަނީ ވަރަށް ވިސްނުންތައް ވިސްނާފައެވެ. އާއިލާއަށްޓަކައި އެހެން މީހުންނަށް ހިޔާނާތްތެރި ވުމަކީ ގައުމު ވިއްކާލުން ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.
"އެއީ އަހަރެން ދައްކަން ޖެހޭ އަގު ނަމަ އެގޮތަށް އެކަން ބާއްވާ." އާލިމް ވަނީ ޗައިނާއިން އެދުނު ގޮތަށް ކަންތައް ކުރުމަށް ދެކޮޅު ހަދާފައެވެ.