ޗައިނާގައި އޮތް ހުރިހާ ދީނެއްވެސް އޮންނަން ވާނީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސޯޝަލިސްޓް ސޮސައިޓީގެ ފިކުރާ އެއްގޮތަށް ކަމަށާ، އެ ގައުމުގައި އުޅޭ އިސްލާމުންވެސް އަމަލު ކުރަންވީ އެ ރޫހުގައި ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، މުސްލިމުންނަށް އިތުރު ފިއްތުންތަކެއް ކުރިމަތި ކުރައްވައިފިއެވެ.

ޝީ ޖީންޕިންގް މިފަދައިން މުސްލިމުންނަށް ފިއްތުންތައް ކުރިމަތި ކުރައްވާފައި ވަނީ، ޗައިނާގައި ދިރިއުޅޭމުންދާ ވީގޫރާއި އެނޫންވެސް ބައިމަދު މުސްލިމް ދަރިކޮޅުގެ މިލިއަނެއްހާ މީހުން ބަންދުކޮށްގެން ގެންގުޅޭ ޝީންޖިއާންގް ސަރަހައްދަށް، 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޒިޔާރަތާ ވިދިގެންނެވެ.

ޗައިނާގެ މުޖުތަމައު ބާރުވެރި ކުރުވަންޖެހޭ ކަމަށް ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޝީ ވަނީ، ޗައިނާގައި އޮންނަ ދީނީ ކަންކަން ބަލަހައްޓާނެ ގާބިލިއްޔަތުކަން އަދިވެސް އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތު މީހާގެ ދީނީ ބޭނުންތަކަކީ، ޕާޓީއާއި ސަރުކާރާ ގާތުން ގުޅިލާމެހިފައިވާ ކަމަކަށް ވާން ޖެހޭ ކަމަށް ޝީ ވިދާޅުވި ކަމަށް، ޗައިނާގެ ދައުލަތުން ހިންގާ ޝީންހުއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި މޭރުމުން ޝީ ވަނީ، ޗައިނާގެ ސަގާފީވަންތަކަން ދިރުވާ އާލާ ކުރުމަށްޓަކާ، ގަބީލާ ދަރިކޮޅުތަކުގެ މީހުންނަށް ދޭ އިރުޝާދުތައް އިތުރު ކުރުމަށްވެސް ގޮވާލައްވާފައެވެ.

ޗައިނާއަކީ "އިސްލާމް ދީނުގައި ހައްދު ފަހަނައަޅާ ދިއުން" ހުއްޓުވުމުގެ ނަމުގައި، މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާ ކަމުގެ ރެކޯޑް އޮންނަ ގައުމެކެވެ. ޝީންޖިއާންގް ޕްރޮވިންސްގައި މުސްލިމުންނާ ދެކޮޅާށް ގަތުލުއާންމު ހިންގާ ކަމަށް ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރާ އިރު، އެ ދައުވާތަކަށް ޗައިނާއިން އިންކާރު ކުރެއެވެ.

ޝީންޖިއާންގް ސަރަހައްދަށް ޒިޔާރަތް ކުރުމުގެ ފުރުސަތު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކާ ނޫސްވެރިންނަށް ދިނުމަށްވެސް ޗައިނާއިން ފަސްޖެހެއެވެ. ނަމަވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސް އޮފިޝަލު، މިޝޭލް ބެޝެލެޓް ދާދި ފަހުން ވަނީ ޝީންޖިއާންގް ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ ޗައިނާއިން އަޅާ ފިޔަވަޅުތަކާ، ހައްދު ފަހަނައެޅުން ހުއްޓުވުމަށް ޗައިނާއިން ކުރާ ކަންކަމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މުސްލިމުންގެ ނަސްލު ދޮވެލުމުގެ ޖަރީމާވެސް ޗައިނާއިން ހިންގާ ކަމުގެ ތުހުމަތު، އެ ގައުމަށް ވަނީ އަމާޒު ވެފައެވެ. އެގޮތުން ވީގޫރު ދަރިކޮޅުގެ އާބާދީ ކޮންޓްރޯލް ކުރުމަށް، ޗައިނާއިން ލާއިންސާނީ ފިޔަވަޅުތަކެއް އެޅި ކަމުގެ ތުހުމަތު، 2021 ވަނަ އަހަރުގެ ތެރޭގައި ވަނީ ފެންމަތިވެފައެވެ.