އާބާދީގެ ނިސްބަތުން ބައިމަދު ވީގޫރު ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުން އަންނަ ޗައިނާގެ ޝީންޖިއާންގްގައި ހިންގާ ޖަރީމާތަކެއް ކަމަށް ބުނެ، ހުޅަނގުގެ މީޑިއާއިން ތަސްވީރު ކޮށްދެމުން ދަނީ ހަގީގަތް ނޫން ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ޗައިނާގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފިއެވެ.

އިމްރާން މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައި ވަނީ، ޕާކިސްތާނުން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުއީނުލް ހައްގުގެ ދަތުރަކާ ހަވާލާ ދެއްވާ، ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށް ހަބަރު ލިބެއެވެ.

ޗައިނާގައި ދިރިއުޅެމުން އަންނަ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ވާހަކަތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަވި ނަމަވެސް، ޕާކިސްތާނުން، އެ ވާހަކަތަކަށް ދެމުން ދަނީ ބީރު ކަންފަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން، މުސްލިމުންގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނަ ޕާކިސްތާނުން، ޝީންޖިއާންގްގެ މައްސަލާގައި ހަނު އޮންނަ މަންޒަރު ސާފުވެއެވެ.

ޝީންޖިއާންގްގެ މަސްރަހު އޮތީ ހުޅަނގު މީޑިއާއިން ސިފަ ކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވެ އިމްރާން ވާހަކަފުޅުދައްކަވާފައި ވާއިރު، އެމެރިކާއިން ދަނީ ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ޖަރީމާތަކަށް ޗައިނާގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އިގުތުސޯދީ އަދި ޑިޕްލޮމެޓިކް އެކި ބޭނުންތަކަށް، ޕާކިސްތާނުން ދަނީ ޗައިނާގެ މައްޗަށް ބަރޯސާވަމުން ކަމަށް، މި ދެ ގައުމުގެ ހަތުރުވެރި އިންޑިއާއިން ތުހުމަތު ކުރެއެވެ.