ޗައިނާގެ ޝީންޖިއާންގް ޕްރޮވިންސްގައި އެތައް ސަތޭކަ ހާސް ބަޔަކު ބަންދުކޮށްގެން ގެންގުޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް އެ ސަރަހައްދަށް ވަނުމުގެ ފުރުސަތެއް، ކޮންމެ ކޮންމެ މީހަކަށް ނޯވެއެވެ. ވަކިން ހާއްސަކޮށް މިނިވަންކަމުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނާއި މީޑިއާއަށް، ޝީންޖިއާންގް ވަނީ ބަންދުކޮށްފައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ކަން މިހެން އޮތް ނަމަވެސް ދާދި ފަހުން ހެކަރުންތަކެއް ވަނީ ޝިންޖިއާން ފުލުހުންގެ ރެކޯޑްތަކެއް ހޯދާފައެވެ. އެ މައުލޫމާތު ހޯދީ ޝީންޖިއާންގް ސަރަހައްދުގެ ފުލުހުންގެ ކޮމްޕިއުޓާ ސާވާތައް ހެކްކޮށްގެންނެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ބީބީސީއަށް އެ ފައިލްތައް ލިބުނު ކަމަށް ވަނީ މިއަހަރުގެ ކުރީ ކޮޅުގައެވެ. ނަމަވެސް އޭގައި ވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، އެ މައުލޫމާތު އާންމުންގެ ތެރެއަށް ބީބީސީއިން ތިލަކޮށްފައި މިވަނީ އަދި ކިރިޔާއެވެ. މި ދަނޑިވަޅަކީ އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓް، ޗައިނާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްވެސްމެއެވެ. މި ދަތުރުފުޅުގައި ބެޝެލެޓް ޝިންޖިއާންގްއަށް ވަޑައިގަތުމަށް އެޖެންޑާ ކުރެވިފައި އޮތް ނަމަވެސް، އެކަން ކުރިއަށް ދާނީ ޗައިނާ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ބެލެވެއެވެ.

"އަލުން އުނގަންނައިދިނުން" ނުވަތަ ރީ-އެޑިއުކޭޝަން ކޭމްޕުތަކެއްގެ ނަމުގައި ޗައިނާގެ ސަރުކާރުން ހިންގާ ޖަލުތަކުގެ ހާލަތާ ބެހޭ ގޮތުން ބީބީސީއިން އާންމު ކުރި މައުލޫމާތަކީ، ޝީންޖިއާންގް ސަރަހައްދުން މިހާތަނަށް ތިލަވި އެންމެ ތަފްސީލީ މަންޒަރުތަކެވެ.

ޑިޓެންޝަން ސެންޓަރުގައި ތިބި ބައެއް ފަރާތްތައް - އަސަރާއެކު / ފޮޓޯ: ބީބީސީ

ޝީންޖިއާންގްގައި ހިންގަނީ ސްކޫލްތަކެއް ފަދަ ކޭމްޕުތަކެއް ކަމަށް ޗައިނާގެ ސަރުކާރުން 2017 ވަނަ އަހަރު ބުނި ކަމުގައި ވީ ނަމަވެސް، ސަރަހައްދީ ފުލުހުންގެ މައުލޫމާތުން ހާމަވި ކަންކަމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޓެރަރިޒަމްގެ ދައުވާގައި އެތައް ބަޔަކު ހައްޔަރު ކޮށްފައި ވާ ކަންވެސް ހާމަވެއެވެ.

ޝީންޖިއާންގްގެ ކޭމްޕުތަކުގައި މީހުން ބަންދުކޮށްފައި ވަނީ ވީގޫރު ދަރިކޮޅުގެ ކިރިއާވެސް ނިޝާނެއް ހުރި މީހުންނާއި، އިސްލާމް ދީނާއި ސަގާފަތުގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް ބާރުދޭ ވަރުގަދަ ހެކި ލިބިފައި ވާ ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔަވައިދޭތީ ހައްޔަރު ކުރި ހަވާގުލް ތަވައްކުލް / ފޮޓޯ: ބީބީސީ

ބީބީސީއިން ބުނި ގޮތުގައި ހެކަރުން ނެގި މައުލޫމާތު ތެރޭގައި 5000 އަށް ވުރެ ގިނަ ފޮޓޯ ހިމެނެއެވެ. ޖެނުއަރީ 2018 އާއި ޖުލައި 2018 އާ ދެމެދު ފުލުހުން ނަގާފައިވާ އެ ފޮޓޯތަކުން ފެންނަނީ ވީގޫރު މީހުންނެވެ. އެއާއެކުގައިވާ އެހެން މައުލޫމާތުތަކަށް ރިއާޔަތް ކުރާ އިރު، އޭގެ ތެރެއިން 2884 މީހަކީ ހައްޔަރު ކޮށްފައި ވާ މީހުން ކަން ހާމަ ވާ ކަމަށްވެސް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ރީ-އެޑިއުކޭޝަން ކޭމްޕުގެ ނަމުގައި ޗައިނާއިން ޕްރޮމޯޓް ކުރި ކޭމްޕުތަކުގައި ތިބި "ދަރިވަރުންނަކީ" އަމިއްލަ އިހުތިޔާރުގައި އެ "ސްކޫލަށް" ދިޔަ ދަރިވަރުން ނޫންކަން އެނގޭ ކަމަށްވެސް ބީބީސީއިން ބުނެއެވެ.

ރީ-އެޑިއުކޭޝަން ކޭމްޕުން ފޮޓޯ ނަގާފައި ވާ ބައެއް މީހުންގެ ކައިރީގައި، މުގުރު ހިފައިގެން ތިބޭ ފުލުހުން ތިބި މަންޒަރުވެސް ފެނެއެވެ. ނަމަވެސް ބާރާއި ނުފޫޒުން މީހަކު ލައްވާ ކަމެއް ކުރުވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޗައިނާގެ އޮފިޝަލުން ވަނީ އިންކާރު ކުރައްވާފައެވެ.

ޑިޓެންޝަން ސެންޓަރުގައި ފުލުހުން މީހަކު އޮބާ ބަހައްޓަނީ / ފޮޓޯ: ބީބީސީ

ހައްޔަރު ކޮށްފައި ވާ މީހުންނަށް ބަލާއިރު، ބޭރުފުށުން އިސްލާމީ އުސޫލުތައް ފާޅުވާ މީހުން ނުވަތަ އާބާދީގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކަށް ދަތުރު ކޮށްފައި ވާ މީހުން ހިމެނެއެވެ. އަނެއް ބައި މީހުން ހައްޔަރު ކޮށްފައި ވަނީ ކުށްކުރާ މީހުންގެ އާއިލާ މެންބަރަކަށް ވީތީއެވެ. ކުށްކުރި ކަމަށް ބުނާ މީހާ ޓެރަރިޒަމްގެ ކުށުގައި ބަންދު ކުރީ، ރާބޮއެ އެކި ޒާތުގެ ދުންގަނޑުތައް ނުބޯތީއެވެ.

ހެކަރުން އެއްކުރި މައުލޫމާތަށް ރިއާޔަތްކޮށް ބީބީސީއިން ކަށަވަރު ކޮށްފައި ވާ ކަމަށް ބުނާ ރެކޯޑްތައް ދައްކާ ގޮތުން، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރު ކުރި އެންމެ ހަގު ކުއްޖާގެ އުމުރަކީ 15 އެވެ.