އިންސާނީ ހައްގުތަކަށް އުނިކަން ލިބޭފަދަ އެތައް ޖަރީމާއެއް ހިންގަމުން ދާ ކަމަށް ބުނާ ޝީންޖިއާންގް ސަރަހައްދުގެ މަސްރަހާ ގުޅޭ ގޮތުން އދއިން ކުރިއަށް ގެންދިޔަ ތަހުގީގު ރިޕޯޓް "ކަފުންކޮށް ވަޅުލުމަށް" އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސް އޮފިޝަލުގެ ކިބައިން ޗައިނާ އެދިފައި ވާ ކަމަށް ބުނެ ސިޓީއެއް ރޮއިޓާޒްއަށް ލިބިފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރޮއިޓާޒްއަށް ލިބިފައި ވާ ކަމަށް ބުނާ އެ ސިޓީގައި ވާ މައުލޫމާތަކާ، ކަމާ ބެހޭ މައުލޫމާތު އެނގޭ 3 ގައުމެއްގެ ޑިޕްލޮމެޓުންވެސް ކަށަވަރު ކޮށްދެއްވާފައި ވާ މައުލޫމާތު ކަމަށް ހަބަރު ލިބެއެވެ.

ޝީންޖިއާންގްގައި އދއިން ތަހުގީގު ހިންގުމުގައި ލުއި ދީފައި ވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒު ވެފައި ވާ އިރު، ތަހުގީގުތައް ހިންގުމުގައި އިސްކޮށް ހުންނެވި އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު މިޝޭލް ބެޝެލެޓް ވަނީ ދެވަނަ ދައުރަކަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޯގަސްޓް މަހު ދައުރު ނިންމަވާލެއްވުމުގެ ކުރިން ރިޕޯޓް އެކުލަވާލައްވާނެ ކަމަށް ބެޝެލެޓް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އާބާދީގެ ނިސްބަތުން ބަލާއިރު ބައި މަދު، ވީގޫރު ދަރިކޮޅު މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ޝީންޖިއާންގް ސަރަހައްދުގައި ޗައިނާގެ ކޮމިއުނިސްޓް ލާ އިންސާނީ ހަރަކާތް ހިންގާ ކަމުގެ ތުހުމަތުތައް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންގެ އިތުރުން ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ފެންމަތި ކުރެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޗައިނާ ސަރުކާރުން އިންކާރު ކުރެއެވެ.

ޝީންޖިއާންގްގެ މަސްރަހު ތަހުގީގު ކުރުމަށް ފަހު އދއިން އެކުލަވާލި ރިޕޯޓް އަދި އާންމު ކޮށްފައި ނުވާ އިރު، އެ ރިޕޯޓާ މެދު ޗައިނާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ރޮއިޓާޒް އާންމު ކުރި މައުލޫމާތަށް ރިއާޔަތް ކޮށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.