އަވަށްޓެރި އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގައި ހޭންޑް ސެނިޓައިޒާ ބޮއިގެން މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި މިމީހުން، އަލްކޮހޯލް ހުރި ހޭންޑް ސެނިޓައިޒާ ބޮއެފައި ވަނީ، އެ ސްޓޭޓްގައި ރާ ވިއްކާ ފިހާރަތައް ބަންދު ކުރުމާ ގުޅިގެންނެވެ. މި މިސަރަހައްދަކީ، މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެކެވެ.

ޑިސްޓްރިކްޓް ޕޮލީސް ސިދާތު ކޯޝާލް ވިދާޅުވީ ހޭންޑް ސެނިޓައިޒާ ބޮއެގެން މަރުވި މީހުން އެ އަމަލު ހިންގާފައިވަނީ، ފެނާ، ލުއި ބުއިންތަކާ ސެނިޓައިޒާ އެއްކޮށްގެން ކަމަށެވެ. އެ މީހުންނަކީ ރަލަށް ދެވި ހިފާފައިވާ ބައެއް ކަމަށާ، އެ މީހުން ހޭންޑް ސެނިޓައިޒާ ބޯން ފަށާފައިވަނީ މަރުވުމުގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށްވެސް ކޯޝާލް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަވަށްޓެރި އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، އިގުތިސޯދީ އިނދަޖެހުމަކުން ގައުމު ސަލާމަތް ކުރުމަށް، މައި ސަރުކާރުން ދަނީ ވިޔަފާރި ކުރުމުގެ ހުއްދަ ދޫ ކުރަމުންނެވެ. އެގޮތުން ޔޯގާ ކުލާސްތަކާ ޖިމްތައް ހުޅުވުމަށް ހުސްވި ހަފުތާގެ ކުރީކޮޅު ވަނީ ފުރުސަތު ދީފައެވެ. އެއް ތަނުން އަނެއް ތަނަށް، މީހުންނާ މުދާ އުފުލުމަށްވެސް ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް އާ ކްލަސްޓާތައް ހަލުވިކަމާއެކު އިތުރުވަމުން ދިއުމާއެކު، ވަކިވަކި ސަރަހައްދުތަކުން ދަނީ ސަރަހައްދީ ފެންވަރުގައި ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކުރަމުންނެވެ.

އަންދްރަ ޕްރަދޭޝްގެ ހާލަތަށްބަލާއިރު ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އެ ސްޓޭޓުން ކޭސް ރިޕޯޓް ކުރި މިންވަރު ވަނީ 9 ގުނަ އިތުރުވެފައެވެ. މުޅި އިންޑިއާއަށް ބަލާއިރު އެ ގައުމުން ބަލި ޖެހުނު މީހުންގ އަދަދު ވަނީ 1.69 މިލިއަނަށް އަރާފައެވެ. އަދި މި ވަލީގައި މަރުވި މީހުންގެ އަދަދު 36551 އަށް ވަނީ އަރާފައެވެ.