މާލެއިން އަތޮޅުތެރެއަށް ދާން 9000 މީހުން ހުށަހަޅާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރަގްރާމްގަައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އަތޮޅުތަކަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން ގާތްގަނޑަކަށް 9000 މީހުން އެކަމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ރަށްރަށަށް ދާ ހުށަހެޅި އެންމެނަކީ ކޮންމެހެން ދާންޖެހިގެން ހުށައެޅި ބައެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް މިނިސްޓަރު އަމީން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެގޮތަށް ރަށްރަށަށް ދާ ބައެއް މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކަށް ދިއުމަށް އަޅުގަނޑުމެން ފުރުސަތު ހުޅުވާލީމަވެސް، އަޅުގަނޑު މިއަދު ހެނދުނު މައުލޫމާތު ބެލިއިރު، ގާތްގަނޑަކަށް 9000 މީހުން އެޕްލައި ކޮށްފައި އެބަތިބި އަތޮޅު ތެރެއަށް ދާން. 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން އެޕްލައިކޮށްފަ އެބަތިބި
އަބްދުﷲ އަމީން

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުގައި ވީނަމަވެސް ޗުއްޓީގެ ގޮތުގައި ކުރިން އުޅޭހެން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތްތައް ހިންގަމުށް ދާނަމަ އެތައް މަހެއް ވާންދެން ގޭ ބަންދުގައި ތިބި ތިބުމުގެ އެއްވެސް ފައިދާއެއް ނުފެނި ހިނގައިދާނެ ކަމަށެވެ.

އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑަށް 3567 މީހުން ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ 61 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.