އަންނަ ހުކުރު ދުވަހު މުސްލިމު އުއްމަތާ ބައްދަލުކުރާ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތާ ދިމާކޮށް، ހަމަލާ ބަދަލު ކުރުން މަޑުޖައްސާލުމަށް ނިންމާފައިވާކަން، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުން ހާމަކޮށްފިއެވެ.

މި ނިންމުމުގެ ދަށުން، 3 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ކަމަށް ތޯލިބާނުން ވަނީ ހާމަކޮށްފައެވެ.

މުރާސިލުން ލަފާ ކުރާ ގޮތުގައި، މިއީ އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް ރައީސް އަޝްރަފު ގަނީގެ ސަރުކާރާ، ތޯލިބާނުންނާ ދެމެދު ނުފެށި ދިގުލާ ގޮސްފައިވާ މަޝްވަރާތައް އަންނަ ހަފުތާގައި ފެށިދާނެ ކަމަށް ލިބޭ ސިގްނަލެކެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލާނެކަން ތޯލިބާނުން ހާމަކޮށްފައިވަނީ، ގައިދީންނާ އަސީރުން ބަދަލު ކުރުމުގައި ކާމިޔާބީތަކެއް ހާސިލު ކުރެވިފައި ވާކަމަށް ރައީސް އަޝްރަފު ގަނީ ވިދާޅުވެފައި ވަނިކޮށެވެ.

ރައީސްގެ ތަރުޖަމާނު ސިއްދީގު ސިއްދީގީ ވިދާޅުވީ، އަފްގާނިސްތާނުގެ ސަރުކާރުންވެސް ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް މިއީ ވަގުތީ ކަމެއް ކަމުގައި ދެކި، އަފްގާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އޮންނާނީ ފަރާވެރިވެ، ސަމާލުކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމުގައި އިސްވެ، މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދަނީ އެމެރިކާއިންނެވެ. އެމެރިކާއާއި ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު މިއަހަރު ކުރީކޮޅު އެކުލަވާލި އެއްބަސްވުމުގެ ދަށުން، އެމެރިކާއިންވަނީ އެގައުމުގެ ސިފައިން އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތްވެސް އަމަލީ ގޮތުން ފަށާފައެވެ.