ހޮރްމޫޒު ކަނޑުއޮޅީގައި އޮތް އެމެރިކާގެ ޑަމީ އެއާކްފްރާޓް ކެރިއަކަރަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އަސްކަރީ ތަމްރީނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ވަރުގަދަ ކަމާއެކު، އެމެރިކާ އަސްކަރިއްޔާއިންވަނީ އެ ސަރަހައްދުގައި އެ ގައުމުން އޮޕަރޭޓް ކުރި 2 ބޭހެއްވެސް އެލާޓަށް ގެނެސްފައެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިންވަނީ އީރާނުގެ ޑްރިލް ކުށްވެރިކޮށްފައެވެ. އަދި މިއީ އީރާނުން ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާ، މިއީ އެމެރިކާ ރުޅިއަރުވަން ކުރި ކަމެއް ކަމަށްވެސް އެމެރިކާއިން ވަނީ ސިފަކޮށްފައެވެ.

އީރާނުންވަނީ އެއްގަމާ، ކަނޑާ، ވައިގެ މަގުން އެމެރިކާގެ ޑަމީ މަނަވަރަށް ހަމަލާދީފަ/ފޮޓޯ: އީޕީއޭ

ބަހްރައިންގައި ގާއިމުކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ފްލީޓުގެ ތަރުޖަމާނު، ކޮމާންޑާ ރެބެކާ ރެބާރިޗް ވިދާޅުވީ، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބައިވެރިންނާއެކު ކުރިއަށް ގެންދަނީ ކަނޑުދަތުރުކޮށް އުޅުމުގެ މިނިވަންކަމަށް އެއްބާރުލުން ދެނެވި، ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރަނިވި ތަމްރީނުތަކެއް ކަމަށާ، ނަމަވެސް އީރާނުގެ ހަރަކާތްތަކަކީ ހަމަލާ ދެނިވި ރޫހެއްގައި ހިންގި އަމަލެއް ކަމަށެވެ.

މި ތަމްރީނުގައި އީރާނުންވަނީ އެއްގަމާ، ކަނޑާ، ވައިގެ މަގުން އެމެރިކާގެ ޑަމީ މަނަވަރަށް ހަމަލާދީފައެވެ.

އީރާނުންވަނީ އެއްގަމާ، ކަނޑާ، ވައިގެ މަގުން އެމެރިކާގެ ޑަމީ މަނަވަރަށް ހަމަލާދީފަ/ފޮޓޯ: އީޕީއޭ

އެމެރިކާގެ އަސްކަރީ މަނަވަރާ އެއް ގޮތް މަނަވަރެއް ކަނޑުއޮޅީގައި ބާއްވައިގެން އެއަށް މިސައިލް ހަމަލާ ދިނުމުގެ ތަމްރީނެއް އީރާނުން ކުރިއަށް ގެންގޮސްފައިވާ މިދަނޑިވަޅަކީ، ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާއާއި އީރާނުގެ ޒަމާންވީ ހަތުރުވެރިކަން އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ.