އެ ގައުމަށް ލިބިފައިވާ ނިއުލްލިއާ ހަތިޔާރުގެ ބާރުވެރިކަމަކީ ސަލާމަތްތެރިކަމުގެ ޔަގީން ކަމެއް ކަމަށާ، ކޮރެއާ ޕެނިންސިއުލާގައި ދެވަނަ ހަނގުރާމައެއް ނުފެށި އޮތީވެސް އެ ސަބަބާ ހެދި ކަމަށް އުތުރު ކޮރެއާގެ ޚުދުމުޚުތާރު ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.
މިފަދަ މޭރުމަކުން އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ޕްރޮމޯޓް ކުރައްވާ، ކިމް ވާހަކަފުޅު ދައްކަވާފައި ވަނީ، 1950-1953 އަށް ކުރި ކޮރެއާ ހަނގުރާމައަށް ނިމުން ގެނައިތާ 67 އަހަރު ފުރުމާ ދިމާކޮށް އުތުރު ކޮރެއާގައި ކުރިއަށް ގެންދިޔަ އިހުތިފާލުގައެވެ.
ކިމްގެ މި ތަގުރީރަކީ، އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ދޫކޮށްލުމަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ކުރިމަތީގައި އުތުރު ކޮރެއާއިން ގޮތް ދޫ ނުކުރާނެކަން ސާފުކޮށް އަންގައިދިން މެސެޖެއް ކަމަށް ސިފަކުރެވެއެވެ.
ކިމް ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރަމުން ދަނީ، އިތުރު ހަނގުރާމައެއް ފެށުނަ ނުދީ، ފުރިހަމަ ބާރުވެރިކަން ކަށަވަރު ކުރުމަށެވެ. މިމޭރުމުން ކިމް ވިދާޅުވީ، މިއަދު އުތުރު ކޮރެއާއަކީ އަމިއްލައަށް ދިފާއު ހޯދުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށާ، އުތުރު ކޮރެއާގެ މުސްތަގުބަލުގެ ސަލާމަތްތެރިކަން މި އިމުގެ ތެރެއިން ޔަގީންވާކަމަށެވެ.
1950 ވަނަ އަހަރުގެ ކޮރެއާ ހަނގުރާމާގައި 2 މިލިއަނެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހަނގުރާމަ ނިމުމަކަށް ގެނެސްފައިވަނީ ސުލްހައިގެ އެއްބަސްވުމަކާ ނުލާ ކަމަށްވާއިރު، އުތުރާ ދެކުނު ކޮރެއާ އަދިވެސް އޮތީ ޒާތެއްގެ ހަނގުރާމައެއްގައި ކަމަށް ބުނެވިދާނެއެވެ.