ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒުކޮށް ގެތަކުގައި ތިބުމަށް އެތައް މިލިއަން ބަޔަކަށް މަޖުބޫރުވެގެން ދިއުމާއެކު، ޑިއޯޑަރަންޓް ފަދަ ސާފުތާހިރުކަމަށް ބޭނުން ކުރާ ބައެއް އުފެއްދުންތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ކަމަށް، ބައިނަލްއަގުވާމީ ސިނާއަތަށް މި ފަދަ އުފެއްދުންތައް ނެރެމުންދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށް ޔުނިލީވާއިން ހާމަކޮށްފިއެވެ.

ޔުނިލީވާއިން ބުނީ ލޮކްޑައުންއާއެކު ޑަވް ސައިބޯންޏާ، އެކްސް ޑިއޯޑްރަންޓް ފަދަ އުފެއްދުންތަކަށް އޮތް ޑިމާންޑް ހީނަރުވެ، ވިޔަފާރިވެސް ދަށްވެފައިވާކަމަށެވެ. ސަބަބެއް ކަމުގައި ބުނަނީ ލޮކްޑައުންއާއިއެކު ގަތަކުގައި ތިބެންޖެހި، އޮފީސްތަކާ ބޭރަށް ދިއުން ހުއްޓުމުން ކުރިން އޮތް ވަރަށް އެފަދަ އުފެއްދުންތަކަށް ބޭނުންވި މިންވަރަށް ބޭނުން ނުވުން ކަމަށެވެ.

ޑިއޯޑަރަންޓް ފުޅިތަކެއް/ފޮޓޯ: ޑެއިލީސޭލްސް

ކަންމިހެން އޮތް ނަމަވެސް، ހައިރާން ވާންޖެހޭ ކަމަކީ މިއީ ޔުނިލީވާއަށް ވިޔަފާރީގައި ނާކާމިޔާބު ދުވަސްވަރެއް ނޫންކަމެވެ. ބެން އެންޑް ޖެރީޒްއާއި މެގްނަމް ފަދަ ބޮޑެތި ބްރޭންޑްތަކެއްވެސް އޮޕަރޭޓް ކުރަމުންދާ ޔުނިލީވާއިން ބުނީ، ލޮކްޑައުންއާއެކު އައިސްކްރީމްގެ މިފަދަ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވެގެން ދިޔަ ކަމަށެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާއިރު، އާންމު ގެތަކުގައި މީހުން އައިސްކްރީމް ބޭނުން ކުރި މިންވަރު، 15 ޕަސެންޓް އިތުރުވި ކަމަށާ، އޭޕްރިލް މަހާ ޖޫން މަހާ ދެމެދު ވަކިން ބޮޑަށް މިއަދަދު އިތުރުވި ކަމަށް ޔުނިލީވާއިން ބުނެއެވެ.