ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭހެއް އެ ގައުމުން ފެނިފައި ވާ ކަމަށް، އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް އިއުތިރާފު ވެއްޖެއެވެ.

އުތުރު ކޮރެއާގެ ރަސްމީ ޚަބަރު ފަތުރާ ކޭސީއެންއޭ އާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މީގެ 3 އަހަރެއްހާ ދުވަސް ކުރިން އަމިއްލައަށް އަރުވާލެވިގެން ދެކުނު ކޮރެއާއަށް ދިޔަ މީހަކު ވަނީ، ހުސްވި ހަފުތާގައި އަނބުރާ، އުތުރު ކޮރެއާއަށް ދަތުރު ކޮށްފައެވެ. އަދި އެމީހާގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

މިއާއެކު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ވަނީ ގައުމުގެ އިސްވެރިންނާއެކު މަތީ ފެންވަރުގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި ކައެސޮންގް ސިޓީގެ ވަށައިގެންވާ ސަރަހައްދު ލޮކްޑައުން ކޮށްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އުތުރު ކޮރެއާގެ ޒަމާންވީ އަދުއްވު އަދި އަވަށްޓެރި ދެކުނު ކޮރެއާއާއިއެކު ހިއްސާކުރާ ބޯޑަރު ހުރަސްކޮށް، އެމީހަކު އުތުރު ކޮރެއާއަށް އެތެރެވި ގޮތެއް ހޯދުމަށް ކިމް ވަނީ ހާއްސަ ތަހުގީގެއް ފައްޓަވާފައެވެ. އަދި މިކަމުގެ ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތަކަށް ހަރުކަށި އަދަބެއް ދެއްވާނެ ކަމަށްވެސް ކިމް ވަނީ އިންޒާރު ކުރައްވާފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައާ މުޅިންހެން އެކަހެރި ސަގާފަތެއް ގެންގުޅޭ އުތުރު ކޮރެއާއިން އަދާ ޖެހެންދެކަށްވެސް ބުނަމުން ދިޔައީ އެގައުމުގައި ކޮވިޑް-19ގެ ކޭހެއް ނެތް ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުންނާ މުރާސިލުން އެކަމާ ދެކޮޅެވެ.