ގުޅިފައިވާ އިއްތިހާދީ ގުޅުމެއްގެ ތެރެއިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އިސްރާއީލާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

ތަފާތު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުމަކަށް އައިސްފައިވާ އިންޑިއާއާއި އިސްރާއީލާ ދެމެދު، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އިއްތިހާދެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ދިފާއީ ވިޒީރު ރާޖްނާތު ސިންހާ، އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒްއާއި ދެމެދުގައި ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެއްބާރުލުން ދިނުމުގެ އިތުރުން، އިންޑިއާއާއި އިސްރާއީލާ ދެމެދު ދިފާއީ ރޮނގުން ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުންވެސް ސިންހާ ގަންޓްޒް މަޝްވަރާކުރެއްވި ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ކޮވިޑް-19އާ ގުޅޭ ދިރާސާތަކެއް ކުރުމަށް އިސްރާއީލުގެ މަތީ ފެންވަރުގެ ދިރާސާ ޓީމެއް އިންޑިއާއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމަކީ އިސްރާއީލާ އިންޑިއާ ގުޅިގެން، ކޮވިޑް-19އަށް ޓެސްޓު ކުރާނެ ކިޓްތަކެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހު މަރުހަލާގެ ޓެސްޓުތައް ކުރުމަށް އިންޑިއާއަށް ދަތުރުކުރާ ޓީމެއް ކަމަށް ޚަބަރު ލިބެއެވެ. ބުނެވޭ ގޮތުގައި މި ކިޓްތަކަކީ، ހަށިގަނޑުގައި ވައިރަސް ހުރިކަން، އެންމެ 30 ސިކުންތުގެ ތެރޭގައި އަންގައިދޭ ކިޓްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލުން އިންޑިއާއަށް ދަތުރުކުރާ ތަޖުރިބާކާރުންގެ ޓީމު އެގައުމަށް ދަތުރުކުރާނީ، ވެންޓިލޭޓަރުތަކެއް ހިފައިގެން ކަމަށްވެސް ޚަބަރު ލިބެއެވެ.