ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވާދަ ކުރަމުން އަންނަ ޗައިނާއަށް، ޖާސޫސްކޮށްދީފައި ވާނެ ކަމަށް، އެމެރިކާގައި ދިރިއުޅޭ ސިންގަޕޫރުގެ ފިރިހެނަކު ކޯޓުގައި އިއުތިރާފުވެއްޖެއެވެ.
ސިޔާސީ ކޮންސަލްޓަންސީ ދިނުމުގެ މަސައްކަތުގައި ޝާމިލުވެ އުޅޭ ޖުން ވޭއި ޔިއޯއަކީ، ޗައިނާގެ ޖާސޫސީ އޮފިޝަލުންނަށް މައުލޫމާތު އެއްކޮށްދޭ އޭޖެންޓެއް ކަމަށް އެމެރިކާގެ އޮފިޝަލުން ދައުވާ ކުރެއެވެ.
ޑިކްސަން ޔިއޯގެ ނަމުގައިވެސް ހަރަކާތްތެރިވާ ސިންގަޕޫރު މީހާ، ޣައިރު ގާނޫނީ ޖާސޫސީ އޭޖެންޓެއްގެ ގޮތުގައި ޗައިނާގެ ސަރުކާރަށް މަސައްކަތް ކޮށްދީފައި ވާނެ ކަމަށާ، އޭނާ މަސައްކަތް ކުރީ 2015-2019 އަށް ކަމަށްވެސް، މައްސަލަ ބަލަމުންދާ ފެޑެރަލް ކޯޓުގައި ވަނީ އިއުތިރާފުވެފައެވެ.
ޔިޔޯގެ އިއުތިރާފު ބަޔާނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު މަތީ ފެންވަރުގެ ސެކިއުރިޓީ ކްލިއަރަންސް ލިބޭ އެމެރިކާގެ މީހުން ހޯދާ، ހަގީގީ ދުނިޔެގައި ވުޖޫދު ވެފައި ނުވާ "ކްލަޔަންޓުންނަށް" ފޭކު ރިޕޯޓް ލިޔުއްވިކަމަށް ބަޔާންކޮށްފައިވެއެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ޔިއޯ ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ޔިއޯގެ މައްސަލަ މިހާ ހިސާބަށް ގޮސްފައިވާއިރު، ހަމަ މިފަދަ ޖަރީމާއެއް ހިންގަމުންދިޔަ ޗައިނާގެ އަންހެނަކުވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެމީހަކީ ޗައިނާގެ އަސްކަރިއްޔާއާއި ސިއްރު ގުޅުންތަކެއް އޮންނަ މީހެއް ކަމަށާ، އޭނާ އެމެރިކާގައި ހަރަކާތްތެރިވީ ދިރާސާ ކުރާ މީހެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އުމުރުން 37 އަހަރުގެ ޖުއާން ޓާންގްއަކީ، ވިސާ އޮޅުވާލައިގެން އުޅުނު ކަމުގެ ކުށުގައި އެމެރިކާއިން ހުސްވި ހަފުތާގެ ކުރީކޮޅު ދައުވާ އުފުލި 4 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހިމާޔަތް ދެމުން ދިޔައީ ސަން ފްރާންސިސްކޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުންނެވެ.
މި ދަނޑިވަޅަކީ ޖާސޫސީ މައްސަލަތަކެއްގައި އެމެރިކާއާއި ޗައިނާ، ހަނގުރާމައިގެ ތުންފަތް މައްޗަށް އަނެއްކާވެސް ވެއްޓިފައިވާ ދަނޑިވަޅެކެވެ. ދެ ގައުމުން ދަނީ، އަނެއް ގައުމުގެ ކޮންސިއުލޭޓްތައް ބަންދު ކުރުމަށް އަމުރުތައް ނެރެމުންނެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފެށިފައި ވަނިކޮށް، ޗައިނާއިން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަން ފެށުމާއެކު، އެމެރިކާއިން ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރިއެވެ. ވައިރަހުގެ ފެށުމަކީ ޗައިނާކަމަށް އެމެރިކާއިން އެއްވެސް ހެއްކެއް ނެތި ބުނަމުން ދިޔައިރު، ޗައިނާއިން ވަނީ އެއީ އެމެރިކާގެ އަސްކަރިއްޔާއިން ޗައިނާއަށް ދޫކޮށްލި ވައިރަހަކަށް ވެދާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ފިކުރީ މުދަލުން ވައްކަން ކުރުމުގެ ތުހުމަތުތަކާ، ވީގޫރު މުސްލިމުންނާ މެދު ޗައިނާއިން އަމަލު ކުރަމުންދާ ގޮތާ، ހޮންގްކޮންގްގެ އިސްތިގުލާލަށް ޗައިނާއިން ހުރަސް އަޅަމުންދާ މައްސަލާގައިވެސް ޗައިނާއާއި ބައިނަލްއަގުވާމީ ދުނިޔޭގެ ގުޅުން ވަނީ މި ދަނޑިވަޅުގައި އިންތިހާއަށް ހީނަރުވެފައެވެ.