ހުޅުމާލޭގައި މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކޮށް، ހުޅުވާލީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެޗްޑީސީ އިއުލާނުގައި ބުނާގޮތުން ބިދޭސީ ޕާޓީއެއް ނަމަ ބިޑްސެކިއުރިޓީ ގޮތުގައި އެއް ލައްކަ ޑޮލަރު ބަހައްޓަން ޖެހޭ މި ވިޔަފާރިއަކީ ރިއަލެސްޓޭޓްގެ އުސޫލުން ހުޅުމާލޭގެ ބިންތައް ބިދޭސީންނަށް ވިއްކުމުގެ ހަރަކާތެއް ކަމަށެވެ. އަދި އެކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި އިމާރާތްކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު އެޕާޓްމަންޓް ބިލްޑިންގެވެ. އެގޮތުން މި އެޕާޓްމަންޓް ބިލްޑިންތައް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ކަމަށެވެ.

ހުޅުމާލޭގައި އަލަށް ހަދަން ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެއް ހިމެނެއެވެ. 14 ބުރީގެ ތިން އެޕާޓްމަބަންޓުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 24،000 އަކަފޫޓާއި 26،000 އަކަފޫޓު އަދި 30،000 އަކަފޫޓު ހުންނައިރު، 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ.

މި އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 100،000 ޑޮލަރެވެ.

އެޗްޑީސީން ބުނީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކަމުން ހުށަހަޅާ ޕްރޮޕޯޒަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.