ހުޅުމާލޭގައި މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި އިމާރާތްކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު އެޕާޓްމަންޓް ބިލްޑިންގެވެ. އެގޮތުން މި އެޕާޓްމަންޓް ބިލްޑިންތައް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ކަމަށެވެ.

ހުޅުމާލޭގައި އަލަށް ހަދަން ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެއް ހިމެނެއެވެ. 14 ބުރީގެ ތިން އެޕާޓްމަބަންޓުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 24،000 އަކަފޫޓާއި 26،000 އަކަފޫޓު އަދި 30،000 އަކަފޫޓު ހުންނައިރު، 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ.

މި އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 100،000 ޑޮލަރެވެ.

އެޗްޑީސީން ބުނީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކަމުން ހުށަހަޅާ ޕްރޮޕޯޒަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އަންނަ މަހު 27 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ސާފުކުރަން ބޭނުންވާ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ. އަދި އެ މައުލޫމާތުތައް އެޗްޑީސީގެ ރަސްމީ ވެބްސައިޓާއި ޕްރޮޕަޓީސްތަކާ ބެހޭ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.