ސޫރިޔާގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އީރާނުގެ ފަސެންޖަރުން އުފުލާ ބޯޓަކާ ދާދި ކައިރިން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް އުދުހިފައިވާކަމަށާ، އެކަމުގެ ސަބަބުން އީރާނުގެ ފްލައިޓްތަގައި ތިބި ބައެއް ފަސެންޖަރުންނަށް އަނިޔާވެފައިވާކަމަށް އީރާނުން ބުނެފިއެވެ.
ފަސެންޖަރުން ގޮވައިގެން ދަތުރު ކުރަމުންދިޔަ މަހާން އެއާގެ ފްލައިޓާ ދާދި ކައިރިން އެމެރިކާ އަސްކަރިއްޔާގެ މަތިންދާ ބޯޓު ދަތުރު ކުރަން ފެށުމުން، މަހާން އެއާ ދަތުރުކުރަމުންދިޔަ އުސްމިން ކުއްލި ގޮތަކަށް ބަދަލު ކުރަން ޖެހުނު ކަމަށާ، ނަތީޖާއެއްގެ ގޮތުން ބައެއް ފަސެންޖަރުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އީރާނުގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.
އެމެރިކާއިން ވަނީ އީރާނުގެ ވާހަކަތަކަށް ދެކޮޅު ހަދާ ފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ބިލް އާބަން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާ އަސްކަރިއްޔާގެ މަތިންދާ ބޯޓު ޔޫއެސް އެފް-15، ސޫރިޔާގެ ސަރަހައްދުގައި އުދުހެމުންދިޔައީ އާންމު އުސޫލުން ކުރާ ދަތުރެއްގައި ކަމަށާ، މަހާން ޕަސެންޖާ އެއާލައިންގެ ފްލައިޓްގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާނީ ރައްކާތެރި ދުރުމިނަކުން ކަމަށެވެ. އެގޮތުން އީރާނުގެ ފްލައިޓްގެ ވިޝުއަލް އިންސްޕެކްޝަން ހަދާފައިވާނީ ގާތްގަނޑަކަށް 1000 ފޫޓު ދުރުން ކަމަށްވެސް އެ ބަޔާނުގައި ކެޕްޓަން އާބަން ވަނީ ފާހަގަކުރައްވާފައެވެ. މި އިންސްޕެކްޝަނަކީ އީރާނާ އުރުދުން ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހުގައި ތިބޭ ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
އީރާނުގެ މަހާން އެއާގެ މަތިންދާބޯޓު ދަތުރު ކުރަމުން ދިޔައީ ވެރިރަށް ތެހްރާނުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށެވެ. މި ބޯޓުވެސް ރައްކާތެރިކަމާއެކު ބެއިރޫތުގައި ޖައްސާފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި ތެޔޮ އަޅައިގެން އަނބުރާ އީރާނަށް ދަތުރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.