ޗައިނާގެ ހުޅަނގު-ދެކުނު ސިޓީއެއް ކަމަށްވާ ޗަންގްދޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދު ކުރުމަށް، ޗައިނާއިން އެމެރިކާއަށް އަންގައިފިއެވެ.

ޗައިނާގެ މި ފިޔަވަޅަކީ، ޒަމާންވީ ހަތުރުންގެ ގޮތުގައި އެމެރިކާއާއި ޗައިނާގެ ގުޅުމަށް އެންމެ ފަހުން އިތުރުވި ސިލްސިލާ ބޮޅެއް ކަމަށްވާ، ކޮންސިއުލޭޓް ބަންދު ކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދަނީ ސިފަކުރެވެމުންނެވެ.

ޗައިނާއިން ބުނީ، މިއީ އެމެރިކާއާ ދެކޮޅަށް، ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. ނިމިދިޔަ ހަފުތާގައި އެމެރިކާއިން ވަނީ، ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ބަންދު ކުރުމަށް ޗައިނާއަށް އަމުރު ކޮށްފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމަން ޖެހުނީ، ޗައިނާއިން އެމެރިކާގެ ފިކުރީ މުދާ 'ވަގަށް' ނަގާތީ ކަމަށެވެ.

ޗައިނާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދު ކުރުމަށް ނެރުނު އަމުރު ސާބިތު ކޮށްދެމުން ޗައިނާގެ ހާރިޖިއްޔާއިން ބުނީ، މި ފިޔަވަޅަކީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފިޔަވަޅެއް ކަމަށާ، މިއީ އެއްވެސް ބުރަދަނެއް ނެތް ގޮތަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަށް ދޭން އެންމެ ރަނގަޅު އިޖާބަ ކަމަށެވެ.

ޗައިނާއާއި އެމެރިކާގެ ގުޅުން މިހާރު ގޮސްފައިވާ ހިސާބަކީ ޗައިނާއިން ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށާ، މިކަމުގެ ހުރިހާ ޒިންމާއެއްވެސް އުފުލަންޖެހޭނެ ބަޔަކީ އެމެރިކާ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗެންގްދޫގައި ހިންގާ އެމެރިކާގެ ކޮންސިއުލޭޓަކީ 1985 ވަނަ އަހަރު ހުޅުވި ކޮންސިއުލޭޓެކެވެ. މި ތަނުގައި 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު، އިސްތިރާޖީ ގޮތުން ބަލާއިރު، މިއީ މުހިންމު ސަރަހައްދެއްގައި ހުރި ކޮންސިއުލޭޓެއް ކަމަށް މުރާސިލުން ބުރަވެއެވެ.