އެމެރިކާގެ މަޝްހޫރު، ވަރުގަދަ ޝަހްސިއްޔަތުތަކަކަށް ނިސްބަތްވާ ޓްވިޓާ އެކައުންޓްތަކަކަށް އަމާޒުކޮށް ހުސްވި ހަފުތާގައި ހެކަރުން ދިން ވަރުގަދަ ހަމަލާގައި، 36 އެކައުންޓަކުން ކޮށްފައިވާ ޑައިރެކްޓް މެސެޖު (ޑީއެމް) ތަކެއް، ހެކަރުންގެ އަތަށް އަރާފައިވާކަމަށް ޓްވިޓާ ކުންފުނިން ހާމަކޮށްފިއެވެ.

ހެކަރުންގެ އަތަށް އަރާފައިވަނީ ކޮން އެކައުންޓްތަކަކުން ކޮށްފައިވާ ޑީއެމްތަކެއްކަން ޓްވިޓާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ނެދަލަންޑްސްގެ އިސް މަގާމަކަށް އިންތިހާބުކޮށްފައިވާ އޮފިޝަލަކަށް ނިސްބަތްވާ އެކައުންޓެއްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޓްވިޓާއިން ވަނީ ބުނެފައެވެ.

އަދި ފާއިތުވީ ތަނާ، މިހާރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތެއްގެ ޑީއެމްތައް ހެކަރުންގެ އަތަށް އެރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފައެވެ.

މަޝްހޫރު ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމެއްގެ ގޮތުގައި ހެކަރުންގެ މެސެޖުތައް އާންމު ކުރި ޓްވިޓާ އެކައުންޓްތަކުގެ ތެރޭގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު ކެޒް ބޭޒޯސް، ޓެސްލާގެ އިސްވެރިޔާ އީލޯން މަސްކް، ރެޕާ އަދި ރިޔާސީ ކެންޑިޑޭޓް ކާންޏޭ ވެސްޓް، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ އަދި މިހާރުގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަންގެ އެކައުންޓައް ހިމެނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ކޮމާސް ކޮމިޓީން ވަނީ، ހެކް ކުރުމުގެ ހަމަލާއާއި ގުޅޭ ހުރިހާ މައުލޫމާތެއް މިއަދުގެ ނިޔަލަށް ފޯރުކޮށްދިނުމަށް ޓްވިޓާ ކުންފުންޏަށް މުހުލަތެއް ދީފައެވެ.