މަހީމާއާއި އަނަންޔާ އަކީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގައި ހިންގާ ކުޑަ ވަރެއްގެ ޕްރައިވެޓް ސްކޫލެއްގެ އެއް ކުލާހުގައި ކިޔަވަމުންދާ 2 ދަރިވަރުންނެވެ.

މުދައްރިސުން ސިފަކުރައްވާ ގޮތުގައި މަހީމާއާއި އަނަންޔާ އަކީވެސް "ތޫނިފިލި" 2 ދަރިވަރުންނެވެ. ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންނާއެކު ހުރިހާ ކުލާހެއް އޮންލައިން ޕްލެޓްފޯމަށް ބަދަލުވުމާއެކު، މަހީމާއާއި އަނަންޔާ އަކީ މިހާރު ޑިޖިޓަލް ފަރަގުގެ ހަވާސާގެ ދެ ފަރާތުގައި ތިބި 2 ދަރިވަރުންނަށް ވެއްޖެއެވެ.

ޑިޖިޓަލް ފަރަގުގެ ހަވާސާއަކީ ޑިޖިޓަލް ޓެކްނޮލިޖީ ބޭނުން ކުރުމަށް އޮންނަ ފުރުސަތު ބަޔާން ކުރާ ހަވާސާއެވެ. އެއް ފަރާތުގައި ތިބީ، އެ ފުރުސަތު އޮތް މީހުންނެވެ. އަނެއް ފަރާތުގައި ވަނީ އެ ފުރުސަތުން މަހްރޫމުވެފައި ތިބި މީހުންނެވެ.

ބަޔަކު ކޮމްޕިއުޓަރު ބޭނުން ކުރަން ދަސްކުރަނީ

އަނަންޔާ ދިރިއުޅެނީ ތަރައްގީވެފައިވާ ހިސާބެއްގައެވެ. ގޭގައި ވައިފައި ހުރެއެވެ. އަނަންޔާ ބުނާ ގޮތުގައި ކުލާހަށް 'ލޮގް-އިން' ވެގެން ކިޔެވުން ކުރިއަށް ގެންދިއުމަކީ އޭނާއަށް މާ ބޮޑު ކަމެއް ނޫނެވެ. އަނަންޔާ ސިފަކުރި ގޮތުގައި ހުރިހާ ކުލާހެއްވެސް ކުރިއަށްދަނީ ވަރަށް ފުރިހަމައަށެވެ. އަދި މި ތަޖުރިބާއަކީވެސް އެހާމެ ފުރިހަމަ ތަޖުރިބާއެކެވެ.

ނަމަވެސް މަހީމާގެ ހާލަތު ތަފާތެވެ. އޭނާއަށް ދިރިއުޅެން ޖެހިފައިވަނީ ރަށްފުށުގައެވެ. އޮންލައިން ލާނިންގް އަކީ މަހީމާގެ ކަރުގައި ލީ ހިތި ރަހައެކެވެ.

ފުރަތަމަ ކަމަކަށް މަހީމާ ދިރިއުޅޭ ގޭގައި ވައިފައިއެއް ނުހުރެއެވެ. އޭނާ ބަރޯސާވަނީ ފޯނުން ލިބޭ 4ޖީ ސިގްނަލަކަށެވެ. ނަމަވެސް ފޯނު ސިގްނަލް އެންމެ ރަނގަޅަށް ލިބެނީ ގޭގެ ޓެރަހަށެވެ. ނަތީޖާއަކަށް ވަނީ، މެންދުރުގެ ގަދަ އަވީގައިވެސް ޓެރަހުގައި އިނުމަށް މަހީމާއަށް މަޖުބޫރުވުމެވެ. އެވަރުންވެސް ދަނީ ކުލާހަށް ލޮގް-އިން ވެވޭ ފަހަރާ، ނުވެވޭ ފަހަރު ކަމަށް މަހީމާ ބުންޏެވެ.

"ބައެއް ފަހަރު މުޅި ފިލާވަޅުވެސް ގެއްލޭ. މުދައްރިސް ފޮނުވާ ވީޑިއޯ ލިންކްވެސް ބަލާނުލެވޭ. ޑައުންލޯޑް ކުރުމަކީ އަދި ވަކިން ބޮޑު ކަމެއް. ދުވާލެއްގެ މައްޗަށް ކަރަންޓު ލިބެނީ ވަކި ވަގުތު ކޮޅަކަށް. އެހެންވެ، ފޯނު ޗާޗުކޮށްފައި ބޭއްވުމަކީ އަނެއް ތަކުލީފު" މަހީމާ، އޭނާގެ ހާލަތު ކިޔައިދިނެވެ.

ފާއިތުވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މަހީމާއަށް ލިބުނީ ގާތްގަނޑަކަށް އެންމެ 10-12 ވަރަކަށް ކުލާހުގެ ފިލާވަޅެވެ. މަންހަޖުން ހާސިލުކުރަންޖެހޭ މިންވަރަށް ބަލާއިރު، މަހީމާ އުޅެނީ ވަރަށް ފަހަތުގައެވެ. އެކަމާ އޭނާ ރޯންވެސް ރޮއެވެ.

އޮންލައިން ކުލާސްތަކަކީ އަދުގެ ދުނިޔޭގައި އެންމެ ފުރިހަމަ އެއް ނިޒާމު ކަމަށް ބުނެ އިންޑިއާ ސަރުކާރުން ދަނީ މެޑަލް ޖަހަމުންނެވެ. ނަމަވެސް ހަގީގަތަކީ އެންމެނަށް އެއް ހަމައެއްގައި އިންޓަނެޓާ، އެނޫންވެސް އެކަމާ ގުޅިފައިވާ ވަސީލަތްތައް ލިބެމުން ނުދާކަމެވެ. ދިރިއުޅޭ ސަރަހައްދާ، ދިރިއުޅުމުގެ ހާލަތާ، ގޭގެ މާހައުލަކީވެސް މިކަމުގައި ބަރޯސާވާންޖެހޭ ކަންތައްތަކެއް ކަން ސަރުކާރުން ހަނދާން ނެތިކޮށްލީ ކަމަށްވެސް ވެދާނެއެވެ.

ކުޑަކުއްޖަކު އޮންލައިން ފިލާވަޅެއް ނަގަނީ

ފަގީރުންގެ އާބާދީވެސް އިންތިހާއަށް ބޮޑު އިންޑިއާގެ ބައެއް ގޭގައި އޮންނަނީ އެންމެ ފޯނެކެވެ. އެހެންކަމުން އެ ގެއެއްގައި ދިރިއުޅޭ ހުރިހާ ދަރިވަރުން އޮންލައިން ކުލާސްތަކަށް ހާޒިރުވާނެ ގޮތެއް ބަޔާންކޮށްދެއްވާށެވެ. ދެން އޮތީ، އެންމެ ޑިވައިސްއެއްވެސް ގަންނާނެ ތަނަވަސްކަން ނެތް އާއިލާތަކެވެ. އެ އާއިލާތަކަށް ނިސްބަތްވާ ދަރިވަރުންގެ ހައްގު ކޮބާ ހެއްޔެވެ؟

އިންޑިއާގެ ދެކުނުގެ ސްޓޭޓޭއް ކަމަށްވާ ކެރެލާގައި ހިތާމަވެރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އޮންލައިން ޕްލެޓްފޯމާ ޓީވީ ޗެނަލްތަކަށް ކުލާސްތައް ބަދަލުވިއިރު، އެއިން އެއްވެސް ޑިވައިސްއެއް ގަނެވޭނެ ތަނަވަސްކަން އާއިލާގައި ނެތުމުގެ މާޔޫސްކަމުގައި ފުރާވަރު އުމުރުގެ ކުއްޖަކު އަމިއްލައަށް މަރުވި ވާހަކައަކީ މީޑިއާގެ ސުރުހީތަކުން ފެނުނު ހިތްދަތި ޚަބަރެކެވެ.

އިންޓަނެޓާ އެއާ ގުޅިފައިވާ ޑިވައިސްތައް ހަމަހަމަ އުސޫލަކުން ހުރިހާ ދަރިވަރުންނަށް ފޯރުކޮށް ނުދެވޭހާ ހިނދަކު އޮންލައިންއާއި ޓީވީ ކުލާސްތަކަށް ބަރޯސާވުމަކީ އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރުވެސް އިންސާފެއް ނޫންކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. ނަތީޖާއަކަށްވަނީ، އިލްމީ އެތައް ދަރިންނެއް އިލްމު ހާސިލުކުރަން ފޫހިވެ، މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމެވެ.

ކޮވިޑް-19ގެ ނުރައްކަލުގެ ތެރެއަށް ނިކުމެ، ތަނަވަސްކަން ހުރި އެކުވެރިއެއްގެ ގެއަށް ދިއުމަކީ މި ބަލިމަޑުކަމުގެ ތެރޭގައި ކޮންމެ ކޮންމެ ކުއްޖަކަށް ވާންކެރޭނެ ވަރުގެ ގުރުބާނީއެއް ނޫނެވެ. އަދި އެންމެ ރައްކާތެރި ގޮތެއްވެސް ނޫނެވެ. އެހެންކަމުން، އޮންލައިން ލާނިންގް ޕްލެޓްފޯމަކީ، މިހާރުން މިހާރަށްވެސް މުހިންމު އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާ ދާއިރާއެއްކަން ގަބޫލުކުރަންޖެހެއެވެ.