މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމުތަކުން އެމެރިކާއަށް ހިޖުރަކުރާ ފަރާތްތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވާފައިވާ އަމުރާ ދެކޮޅަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވޯޓު ދީފިއެވެ.

މުސްލިމުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ޓްރަމްޕް އެކުލަވާލެއްވި އަމުރާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުން 233 މެމްބަރަކު ވޯޓު ދެއްވިއިރު، މި އަމުރާ އެއްކޮޅަށް 183 މެމްބަރަކު ވޯޓު ދެއްވިއެވެ.

"ނޯ ބޭން އެކްޓް" ގެ ނަމުގައި ޓްރަމްޕްގެ އަމުރާ ދެކޮޅަށް ފާސްކުރި ބިލަށް، އިދިކޮޅު ޑިމޮކްރަޓުންގެ ބޮޑު ތާއީދެއް އޮތް ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ނުވަތަ ސެނެޓާ ހިސާބަށް މި ބިލް ދިއުމަށް އޮތީ ނާދިރު ފުރުސަތެކެވެ. އެހެނީ، ވެރިކަން ރިޕަބްލިކަންސްއަށް ނިސްބަތްވާ މެމްބަރުންގެ ނުފޫޒާ، ވައިޓްހައުސްގެ ދެކޮޅު ހެދުންތައް އޮތުމެވެ.

"ނޯ ބޭން އެކްޓް" އާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، މުސްލިމުންގެ ހައްގުތަކަށް ވަކާލާތު ކުރާ މުސްލިމް އެޑްވޮކޭޓްސްގެ އެގްޒެކެޓިވް ޑައިރެކްޓާ ފަރަހާނާ ޚީރާ ވިދާޅުވީ، މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން މިއަދު އެތައް މިލިއަން ބަޔަކު އާއިލާތަކާ ލޯބިވާ މީހުންނާ ވަކިވެފައިވާކަމަށެވެ.

"ނޯ ބޭން އެކްޓް" އެކުލަވާލާފައިވަނީ، އެމެރިކާގެ އިމިގްރޭޝަން ގާނޫނުގައި ހުރި އެކި ކަހަލަ ތަފާތު ކުރުންތައް ނައްތާލަން ބާރުދޭ ގޮތަށެވެ. އަދި އެގައުމަށް އެތެރެވާ މީހުންގެ ދީނަށް ބަލައިގެން، އެތެރެވުން ހުއްޓުވުމަށް ރައީސަށް އޮންނަ ބާރުވެސް ކުރިއަށް އޮތް ތަނުގައި ހަނިވެގެންދާ ފަދަ ގޮތަކަށެވެ. އަދި މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުން އެމެރިކާއަށް ހިޖުރަ ނުކުރެވޭ ގޮތަށް ޓްރަމްޕް އިއުލާން ކުރައްވާފައިވާ ރިޔާސީ އަމުރުވެސް ބާތިލުވެގެންދާ ގޮތަށެވެ.

ސެނެޓްގައި މި ބިލަށް މާ ބޮޑު ފުރުސަތެއް ނެތްއިރު، މި ބިލް ގާނޫނަށް ވެގެން ދިއުމުގެ ފުރުސަތުވެސް އިންތިހާއަށް ހަންޏެވެ. އެއާ ހިލާފަށް، މިމައްސަލައަކީ މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ހޫނު ބަހުސަކަށް ވާނެ ކަމެއް ކަމަށް ސިޔާސީ މުރާސިލުން ލަފާކުރެއެވެ.