އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދުގައި ވައިގެ މަގުން ދިން ހަމަލާތަކުގައި 45 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާ، އޭގެ ތެރޭގައި އާންމު ރައްޔިތުންނާ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންގެ މެމްބަރުން ހިމެނޭ ކަމަށް ސަރަހައްދީ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ހީރާތު ޕްރޮވިންސްގެ އަދްރަސްކަން ޑިސްޓްރިކްޓްގެ ގަވަރުނަރު ޢަލީ އަހުމަދު ފާގިރު ޔާރް ވިދާޅުވީ، ސަލާމާތީ ބާރުތަކުން، ޚަމް ޒިއާރަތު ސަރަހައްދަށް ވައިގެ މަގުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އާންމުންގެ 8 މީހަކު ހިމެނޭ ކަމަށެވެ. އަދި ބާކީ އޮތް 37 މީހުންނަށް ބަލާއިރު، އޭގެ ތެރޭގައިވެސް އާންމުން މިހެނޭކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.

ތޯލިބާނުންގެ ތަރުޖަމާނެއްގެގޮތުގައި ވާހަކަދައްކަމުން އަންނަ ގާރީ މުޙައްމަދު ޔޫސުފް އަހުމަދީ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން 2 ފަހަރެއްގެ މަތިން ހަމަލާ ދީފައިވާކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ، ސުލްހައިގެ އެއްބަސްވުމުން ދާދިފަހުން މިނިވަންކުރި ގައިދީންގެ ތެރެއިން އާންމު ދިރިއުޅުމެއް އުޅުމަށް ވިސްނައިގެން ތިބި މީހުންގެ ހިތްތަކުގައި އަލުން އަނބުރާ ހަތިޔާރު އުފުލުމުގެ ރޫހު އުފައްދަނިވި ހަމަލާތަކެއް ކަމަށް ވާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.

އަފްގާނިސްތާނުގެ ދިފާއީ ވުޒާރާއިން ބުނީ، އަފްގާނިސްތާނުގެ ބާރުތަކުން ދިން ހަމަލާތަކުގައި އާންމުން މަރުވި ކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ތަހުގީގު ރިޕޯޓަކީ އާންމުންނާ ހިއްސާކުރާނެ ބަޔާނެއް ކަމަށެވެ. އާންމު ރައްޔިތުންނާ އެ ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށާ، އެކަމަށް ނުރައްކަލެއް ކުރިމަތިކުރަނިވި ކޮންމެ ކަމަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާނެ ކަމަށްވެސް ދިފާއީ ވުޒާރާއިން އާންމު ކުރި ބަޔާނުގައިވެއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުގެ ތަރުޖަމާނަކު ވިދާޅުވީ، އިސްވެ ބަޔާންކޮށްފައިވާ ހަމަލާތައް ދިނުމުގައި އެމެރިކާގެ ފައުޖުތަކުން ބައިވެރިވެފައި ނުވާނެ ކަމަށެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެ، ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ދަނޑިވަޅެކެވެ. އެމެރިކާއާއި ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު މިއަހަރުގެ ކުރީކޮޅު ހިސާބެއްގެ އެއްބަސްވުމެއް އެކުލަވާލެވުނު ނަމަވެސް، އަފްގާނިސްތާނުގެ މައި ސަރުކާރާ ތޯލިބާނުންނާ ދެމެދު އަދިވެސް ފުރިހަމަ ސުލްހައެއް ގާއިމު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެ ފަރާތުންވެސް ދޭތެރެ ދޭތެރެއިން ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރުންތައް މަޑުޖައްސާލާ، ގައިދީންނާ އަސީރުން މިނިވަން ކުރުން ފަދަ މަޝްރޫއުތައް ހިންގާތީ ފެނެއެވެ.

އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމައަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އާންމުން 1213 މީހެއްގެ ފުރާނަ ދުއްވާލާފައިވާ ކަމަށާ، 880 ހަމަލާއެއްގައި 1744 މީހަކު ޒަހަމްކޮށްލާފައިވާކަމަށާ، އަފްގާނިސްތާނުގެ އިންސާނީ ހައްގުތަކާ މިނިވަން ކޮމިޝަނުގެ ރެކޯޑްތަކުން ދައްކައެވެ.