ފަލަސްތީނުގެ ބިންތައް ހިސޯރު ކުރުމަށް އިސްރާއީލުން ހިފާފައިވާ އާ އަމާޒާއެކު އިސްރާއީލާ ފަލަސްތީނުގެ ގުޅުން އިންތިހާއަށް ހީނަރުވެ ނުތަނަވަސްވަމުން ދިއުމުގެ ސަބަބުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅެމުން ދާ ކަމަށް އދއިން ބުނެފިއެވެ.

އދއިން މިފަދަ އިންޒާރެއް ދީފައި މިވަނީ ކޮވިޑް-19އަށް އިންފެކްޓް ވެފައި ވާ ކަމަށް ޝައްކު ކުރެވޭ މީހުންނަށް ހާއްސަ ކޮށްގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހިބްރޫންގައި ހިންގާ ކަރަންޓީނު މަރުކަޒަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ، އެ މަރުކަޒު ސުންނާފަތި ކޮށް، ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ނަފުރަތުގެ ހުޅުގަނޑެއް ފަޅައިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއަށް އދއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ނިކޮލާއީ މްލަޑަނޯފް ވިދާޅުވީ މިއަހަރު ފެށުނުއިރު ގުޅުން އޮތް ވަރަށްވެސް އިސްރާއީލާ ފަލަސްތީނާ ދެމެދު މިހާރު ގުޅުން ނެތްކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ހިޔަނި އަޅާ ކަމެއް ކަމަށާ، މިއީ މީހުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅޭ ކަންތައްތަކެއް ކަމަށްވެސް މަންދޫބު ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ހައިޖާނުގަނޑަކަށްފަހު އިސްރާއީލުގައި ދާދި ފަހުން އެކުލަވާލި އާ ސަރުކާރުން ވަނީ ހުޅަނގު އައްސޭރިއާއި އުރުދުންވާދީގެ ސަރަހައްދުތަކެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަން މި ގޮތަށް ނުކުރުމަށް އިސްރާއީލަށް ގޮވާލަމުންނެވެ. އދއިންވެސް ވަނީ މިކަން މިހެން ނުކުރުމަށް ގޮވާލާފައެވެ.

މްލަޑަނޯފް ވިދާޅުވީ، ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އދއިން ކުރާ މަސައްކަތްތައް އިތުރު ކުރުމަށްވެސް އެއިދާރާއިން ހުށަހަޅާފައިވާނެ ކަމަށެވެ. އެއީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމުގައި ގުޅުން ހުރި ކަންކަމާ ގުޅޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އދއިން ހުށަހެޅުމެއް ކަންވެސް މްލަޑަނޯފް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ފަލަސްތީނުގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާއިރު، 9398 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 7382 ކޭހެއް ފާހަގަކޮށްފައިވާއިރު، މި ބަލީގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 66 އަށް ވަނީ އަރާފައެވެ.