ސައްހަ ލިޔެކިއުން ނެތި މެލޭޝިއާއަށް އެތެރެވެފައިވާ މިޔަންމާގެ ރޯހިންޏާ ރެފިއުޖީންގެ ތެރެއިން 27 މީހެއްގެ ގައިގައި ހައްދު ޖެހުމަށް މެލޭޝިއާގެ ދަށުން ކޯޓަކުން ކުރި ހުކުމް، އިސްތިއުނާފީ ކޯޓަކުން ބާތިލުކޮށްފިއެވެ.

ރޯހިންޏާ ރެފިއުޖީންގެ ގައިގައި ހައްދު ޖެހުމަށް މެލެޝިއާގެ ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެކަން ބަދަލުކޮށްދިނުމަށް އެދި މިއަދު އިސްތިއުނާފީ ކޯޓުގައި ދައުވާ އުފުލި ވަކީލު ކޮލިން އެންޑްރޫ ވިދާޅުވީ، ހައްދު ޖެހުމަށް އޮތް ހުކުމް އެއް ފަރާތް ކޮށްލުމަށް ނިންމެވީ ހައިކޯޓުގެ ފަނޑިޔާރު އަރީކު ނަސޫނީ ކަމަށާ، އެ ރެފިއުޖީންތައް ދޫކޮށްލުމަށް، ރެފިއުޖީންނާ ބެހޭ އދގެ އޭޖެންސީންވެސް އަންގާފައިވާކަމަށެވެ.

ރޯހިންޏާ ރެފިއުޖީންގެ ގައިގައި ހައްދު ނުޖެހުމަށް އިސްތިއުނާފީ ކޯޓުން ނިންމީ، ނަސްލީ އަދި ދީނީ ނުވަތަ އެނޫންވެސް ތަފާތު ކުރުންތަކަށް ރިއާޔަތްކޮށް، ހުކުމް ކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލާފައިވާ ގާނޫނުތަކުގެ ދަށުން، ރެފިއުޖީންނަށް ވީތީ އެމީހުންނަށް ލިބިދޭ ހައްގުތަކުގެ ދަށުން ކަމަށް ޚަބަރު ލިބެއެވެ.

ރޯހިންޏާ ރެފިއުޖީންގެ ފަރާތުން ދިފާއުގައި ވަކާލާތު ކުރައްވަމުން ގެންދަވާ އެންޑްރޫ ވިދާޅުވީ، މެލޭޝިއާގެ މި ގަދަރުވެރި ނިންމުމަށް މަރުހަބާ ކިއާ ކަމަށާ، މިއީ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމުގެ އަމަލެއް ކަމަށެވެ.

މެލެޝިއާގެ ލަންގްކާވީގެ ކޯޓަކުން ހައްދު ޖަހަން ހުކުމް ކުރި ރޯހިންޏާ ރެފިއުޖީންގެ ތެރޭގައި ފުރާވަރު އުމުގެ ކުދިންވެސް ހިމެނެއެވެ.

ރެފިއުޖީންގެ ގައިގައި ހައްދު ޖެހުމަށް މެލޭޝިއާއިން ނިންމުމާއެކު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކި ފަރާތްތަކުންވަނީ އެކަން އެގޮތަށް ނުކުރުމަށް މެލޭޝިއާއަށް ޕްރެޝާކޮށްފައެވެ. މެލޭޝިއާއަކީ ރޯހިންޏާ ރެފިއުޖީންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވީ ނަމަވެސް، މެލޭޝިއާއިން ރެފިއުޖީންގެ ދަރަޖަ ބަލައެއް ނުގަނެއެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ތަކުލީފުތަކާއެކު އިތުރު ރެފިއުޖީން ބަލައިގަނެވެން ނެތްކަމަށްވެސް މެލޭޝިއާއިން ވަނީ ބުނެފައެވެ.