ހަމަނުޖެހުން ހިންގާ ބިދޭސީންގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތައް ހާމަކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.
އިދިކޮޅުން ބުނީ ރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ ފަރާތުން ހިންގަމުން ގެންދާ ހަމަނުޖެހުންތަކަކީ މުސާރަ ނުދީގެން ހިންގާ ކަމެއް ނޫންކަމަށާއި، އެކަމުގެ ފަހަތުގައި ވަނީ ފޮރުވިފައިވާ އެހެން ކަންތައްތަކެއް ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވާތީ، އެއީ ކޮންކަމެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް އެކޯލިޝަނުން ދެކޭ ކަމަށެވެ.
އޭގެ އިތުރުން "ގައުމު މިއޮތީ އިސްތިއުމާރީ ބާރަކުން އަރާ ހިފި ކަހަލަ ގޮތަކަށް" ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވާތީ، އެއީ ކޮން ވާހަކައެއްކަން ވެސް ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅުން އިތުރަށް ބުނީ ބިދޭސީންގެ ކަންކަން މިހާރު ހުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށް ސަރުކާރުންނާއި ދިފާއީ ބާރުން ބުނުމަކީ ވަރަށް ނުރައްކާތެރި އަދި ކަންބޮޑުވުން ބޮޑު ވާހަކަތަކެއް ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާރިޔާގެ ވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވާ، ބިދޭސީން ހަމަނުޖެހުންތައް ހިންގުމުގެ އަސްލު ސަބަބު ރައްޔިތުންނަށް ހާމަކޮށް ދިނުމާއެކު، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފަރާތުން ގައުމަށް ކުރިމަތި ވެދާނެ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ހަރުދަނާކަމާއެކު އެޅުމުގައި ސަލާމަތީ ބާރުތަކުގެ ލަފަޔާއި އިރުޝާދާއެކު އަވަސް ކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.